ދުނިޔެ

ރޯވި ޓޭންކަރު ގޮވައި ބޮޑު ކާރިސާއެއް ހިނގުމުގެ ބިރު ހީވެއްޖެ

ޗައިނާގެ އިރުމަތީ ކަނޑުގެ ސަރަހައްދުގައި ހޮނިހިރު ދުވަހު ހިނގި އެކްސިޑެންޓުގައި އަލިފާން ރޯވެފައިވާ ތެޔޮ ޓޭންކަރު ގޮވައި، އޭގައިވާ ހުރިހާ ތެލެއް ކަނޑަށް އެޅި، ތިމާވެށީގެ ބޮޑު ކާރިސާއަކަށް އެކަން ވެދާނެ ކަމުގެ ބިރު ހީވެއްޖެއެވެ.

ޗައިނާ ޓްރާންސްޕޯޓް މިނިސްޓްރީއާ ހަވާލާދީ ބީބީސީ ބުނީ ޓޭންކަރުގައިވާ ރޯވެފައިވާ އަލިފާން ނިއްވަން ދިޔަ މީހުންނަށް އެ އުޅަނދުން އަރާ ދުމާ ހެދި މަސައްކަތް ނުކުރެވިގެން އެނބުރި އައިސްފައިވާ ކަމަށެވެ. އަދި ބުނީ އެއުޅަނދު ގޮވައި އަޑިއަށް ހިނގައިދާނެކަމަށެވެ.

ހޮންކޮންގެ އާގުބޯޓެއްގައި ޖެހި ހިނގި އެކްސިޑެންޓްގައި އީރާނުގެ ޓޭންކަރުގައި ތިބި 32 ފަޅުވެރިން ވަނީ ގެއްލިފައެވެ. ޕެނަމާގައި ރަޖިސްޓްރީކޮށްގެން އީިރާނުގެ ކުންފުންޏަކުން ދުއްވާ ސާންޗީ ނަމަކަަށް ކިޔާ އެ ޓޭންކަރުން ގެއްލުނީ އީިރާނުގެ 30 މީހަކާއި ބަންގްލަދޭޝްގެ ދެމީހުންނެވެ.

ޓޭންކަރުން މިހާރުވެސް ކަނޑަށް ތެޔޮ ބޭރުވަމުންދާއިރު އެކަމުގެ ސަބަބުން ސަރަހައްދުގެ ތިމާވެށްޓަށް މިހައިތަނަށް ލިބުނީ ކިހާވަރެއްގެ ގެއްލުމެް ކަމެއް އަދި ނޭނގެއެވެ. އެ އުޅަނދަށް ބަރުކޮށްފައި ވަނީ ތެލުގެ ވަރަށް ދިޔާ ވައްތަރެއް ކަމަށްވާ ކޮންޑެންސޭޓް އެވެ. އެވައްތަރުގެ ތެޔޮ ކަނޑަށް އެޅިއްޖެ ނަމަ ލިބޭ ގެއްލުން، ސާފު ނުކުރާ ތެޔޮ އެޅުމުން ލިބޭ ގެއްލުަމަށް ވުރެ ބޮޑުވާނެއެވެ.

" އޭގައި ކުލައެއް އަދި ވަހެއް ވެސް ނުހުރެދާނެ. އެ ހޯދައި ނަގާ ސާފު ކުރަން މާ އުނދަގޫވާނެ، " ޖޭޓީޑީ އެނާޖީ ސާވިސަސްގެ މާހިރު ޖޯން ޑްރިސްކޯލް ބީބީސީއަށް ވިދާޅުވެފައި ވެއެވެ.

އީރާނު ޓޭންކަރުގައި ރޯވި އިރު އޭގައި 136000 ޓަނުގެ ތެޔޮ ހުއްޓެވެ. އެއުޅަނދުން ގެއްލުނު ފަޅުވެރިން ހޯދަން ޗައިނާއާއި ދެކުނު ކޮރެއާ ގުޅިުގެން އަންނަނީ މަސައްކަތް ކުރަމުންްނެވެ. ހާދިސާ ހިނގި އިރު އެ އުޅަނދު ދަތުރުކުރަމުން ދިޔައީ ދެކުނުކޮރެއާއަށް ދިއުމަށެވެ.