ވިޔަފާރި

ރާއްޖޭގައި ޓޫރިޒަމް އިންވެސްޓްމަންޓް ފޯރަމެއް ބާއްވަނީ

ބޭރުގެ އިންވެސްޓަރުން ރާއްޖެ ގެނެސް ޓޫރިޒަމް އިންވެސްޓްމަންޓް ފޯރަމެއް ބާއްވަން ޓޫރިޒަމް މިނިސްޓްރީން ނިންމައިފި އެވެ.

"ޓޫރިޒަމް އިންވެސްޓްމަންޓް ފޯރަމް" އެއް ބޭއްވުމުގެ ގޮތުން މިނިސްޓްރީން ވަނީ ކޮންސެލްޓެންސީ ދޭނެ ކުންފުންޏެއް ހޯދަން ވެސް އިއުލާނު ވެސް ކޮށްފަ އެވެ.

"އަވަސް" އަށް ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވީ ރާއްޖޭގައި ޓޫރިޒަމް އިންވެސްޓްމަންޓް ފޯރަމެއް ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް ފޯރަމް ބާއްވާނެ ތާރީހެއް އަދި ނުނިންމާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިއީ ޓޫރިޒަމް އިންވެސްޓަރުންނަށް މިހާރަށް ވުރެ ފަސޭހައަށް އިންވެސްޓް ކުރެވޭނެ ގޮތް ބެލުން. ފޯކަސް ކުރާނީ އިންވެސްޓާސްއަށް. ބޭރުގެ ފަރާތްތަކަށް ވެސް އިންވައިޓް ކުރާނެ،" ޒަމީރު ވިދާޅުވި އެވެ.

"މިއީ ޓޫރިޒަމް އިންވެސްޓަރުންނަށް މިހާރަށްވުރެ ފަސޭހައަށް އިންވެސްޓް ކުރެވޭނެ ގޮތް ބެލުން. ފޯކަސް ކުރާނީ އިންވެސްޓާސްއަށް،
ޓޫރިޒަމް މިނިސްޓަރު | މޫސާ ޒަމީރު

މިނިސްޓަރު އިތުރަށް ވިދާޅުވީ މި ފޯރަމްގައި މިހާރު ޓޫރިޒަމްގައި އިންވެސްޓް ކޮށްފައިވާ ފަރާތްތަކުން ވެސް ބައިވެރިވާނެ ކަމަށެވެ.

"ރައީސް އަބްދުﷲ ޔާމީން ވަރަށް އިސްކަން ދެއްވާ ހއ. އަދި ހދ. އާއި ށ. އަތޮޅުގައި އިންވެސްޓް ކުރަން ފަރާތްތައް ހޯދަން. މިކަމަށް ވެސް މި ފޯރަމުން ބޮޑު އެހީތެރި ކަމެއް ލިބިގެންދާނެ،" ޒަމީރު ވިދާޅުވި އެވެ.

ޓޫރިޒަމް ދާއިރާގައި އިންވެސްޓަރުންނަށް އިންވެސްޓްމަންޓް ފޯރަމެއް ބާއްވާއިރު، ރާއްޖޭގެ ޓޫރިޒަމްގައި ބޭރުގެ ބޮޑެތި ބްރޭންޑްތަކުން ވަނީ އިންވެސްޓް ކޮށްފަ އެވެ. މި އަހަރުވެސް ފަޅުތައް ހިއްކައިގެން ބޮޑެތި މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އަދި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގައި 13 ރިސޯޓެއް ހުޅުވާފައިވެ އެވެ. އަދި ކުރިއަށް އޮތް ދެ އަހަރު ތެރޭގައި 23 ރިސޯޓެއް ހުޅުވާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ. ސަރުކާރުގެ އަމާޒަކީ މި ދައުރު ނިމެންވާއިރަށް 50 ރިސޯޓެއް ހުޅުވުމެވެ.

ސަރުކާރުން ޓޫރިޒަމް އިންވެސްޓްމަންޓަށް ފޯރަމެއް ބާއްވާއިރު ރާއްޖޭގައި ހުރި ބިޔަ މަޝްރޫއުތަކަށް އިންވެސްޓަރުން ހޯދުމަށް ތިން ގައުމެއްގައި ވަނީ އިންވެސްޓްމަންޓް ފޯރަމްތައް ބާއްވާފަ އެވެ. އިންވެސްޓްމަންޓް ފޯރަމްތައް ބާއްވާފައިވަނީ ސިންގަޕޫރާއި ޗައިނާ އަދި އިންޑިޔާގެ އިތުރުން ޔޫއޭއީ ގައެވެ.