ދުނިޔެ

ދަތިކުރުމުގެ ފިޔަވަޅުތައް އޮއްވައި އުތުރުކޮރެެއާއިން އާ ރިސޯޓެއްް ހުޅުވައިފި

ނިއުކްލިއަ ހަތިޔާރު އުފަައްދަން މަަސައްކަތް ކުރާތީ އުތުރުކޮރެެއާއަށް އިގުތިސާދީ ގޮތުން ދަތިކުރުމުގެ ވަރުގަދަ ފިޔަވަޅުތައް އަޅާފައި ވަނިކޮށް ވެސް އެގައުމުން އާ ސްކީ ރިސޯޓެއް ހުޅުވައިފިއެވެ.

ފިނިމޫސުމުގެ ކުޅިވަރުތައް ކުޅެވޭ ގޮތަށް ތަރައްގީ ކުރި ރިސޯޓް ނިމުނުކަން އުތުރުކޮރެއާއިން ހާމަކޮށްފައި މިވަނީ އަވަށްޓެރި ދެކުނުކޮރެއާގައި ބާއްވާ ވިންޓާ އޮލިމްޕިކްސްގައި ބައިވެރިވާން އެގައުމާއެކު މަޝްވަރާތައް ފަަށަން ތައްޔާރުވެފަައި ވަނިކޮށެވެ.

އުތުރުކޮރެއާގެ ރޫގްޔޮން ނޫހުގެ ވެބްސައިޓްގައި ބުނެފައި ވަނީ ' ކެންގްޔީ' ނަމަކަށް ކިޔާ ރިސޯޓުގެ މަސައްކަތް ނިންމާލާފައި ވަނީ އެ މަސައްކަތް ނިންމަން ކަނޑައެޅި މުއްދަތު ހަމަވުމުގެ ކުރިން ކަމަށެވެ. އަދި ބުނެފައި ވަނީ އެކަމުން ދައްކައި ދެނީ ' މީހުންގެ މަތިވެރި ހިތްވަރު" ކަމަށެވެ.

އުތުރުކޮރެއާ ނޫހުން ބުނީ އަލަށް ހުޅުވި ރިސޯޓުގައި ކުޅިވަރާއި އަރާމު ކުރުމުގެ ގިނަ ވަސީލަތްތަކެއް ހުންނާނެ ކަމަށެވެ. އަދި އެއީ އެގައުމުގެ މަސައްކަތްތެރިންނައި ޒުވާނުންގެ ގައިބާރު ގަދަ ކުރުމަށް އެހީއަކަށް ވާނެ ތަނެއް ކަމަށް ބުނެ، އެ މަޝްރޫއަށް ނޫހުަގައި ތައުރީފުކޮށްފައި ވެއެވެ.

އުތުރުކޮރެއާގެ އުތުރުގައިވާ ޝަހަރެއްގެ ކައިރީގައި ބިނާކުރި ރިސޯޓުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ޖުލައިމަހުއެވެ. އެގައުމުގެ ސަރުކާރުން ހިންގާ " ޑީޕީއާރްކޭ ޓުޑޭ" ނަމަކަށް ކިޔާ ޓީވީ އާ ހަވާލާދީ ބީބީސީ ބުނީ އެތަނުގައި ދެ ސްކީ ސްލޯޕް ހުރި އިރު އެ ދެތަން ބިނާކޮށްފައި ވަނީ ބޭނުން ޖެހިއްޖެ ހާލަތެއްގައި އަމިއްލައަށް ( އާޓިފިޝަލް)ސްނޯ ވެސް އުފެއްދޭ ގޮތަށް ކަމަށެވެ.

އުތުރުކޮރެއާއިން އާ ރިސޯޓުގެ ހަބަރު މިހާ ތަފުސީލުކޮށް އާއްމުކޮށްފައި މިވަނީ އެގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ އެކުގައި ވެސް ތަރައްގީ ވަމުން ދާކަން ދެއްކުން ކަމަށް ބެލެވެއެވެ.