ދުނިޔެ

ޔަމަނަށް ބޮން އަޅަން އުޅުނު ސައުދީ ޖެޓެއް ވެއްޓިއްޖެ

ޔަމަނުގެ ހޫސީންނާ ދެކޮޅަށް ހަމަލާ ދޭން ސައުދީ ސިފައިން ބޭނުން ކުރަމުން އައި ހަނގުރާމަތީ މަތިންދާބޯޓެއް ޔަމަނަށް ވެއްޓިއްޖެއެވެ.

ސައުދީ ސަރުކާރުގެ ސައުދީ ޕްރެސް އެޖެންސީ ނަމަކަށް ކިޔާ ނޫހުން ބުނީ މަތިންދާބޯޓް ވެއްޓުނީ ނެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށާއި އޭގައި ތިބި ދެ ޕައިލޮޓުން ހޯދައި ސަލާމަތް ކުރެވިފައިވާ ކަަމަށެވެ.

ޔަމަނުގެ ހޫސީ ހަނގުރާމަވެރިންގެ އިތުރުން އަލްގައިދާއާ ވެސް ހަނގުރާމަ ކުރަން ސައުދީން އިސްވެ އޮވެ، އުފައްދާފައިވާ އަސްކަރީ އިއްތިހާދުގެ ތަރުޖަމާނު ކާނަލް ތުރުކީ އަލް މާލިކީ އާ ހަވާލާދީ ނޫހުން ބުނީ މަތިންދާބޯޓު ވެއްޓުނީ ޔަމަނުގެ ސައްހަ ސަރުކާރަށް މަދަދު ކުރުމުގެ އޮޕަރޭޝަނެއް ނިންމާލާފައި އެނބުރި އަންނަނިކޮށް ކަމަށެވެ. އަދި ބުނީ އެ ދެ ޕައިލޮޓުން ހޯދައި ސަލާމަތް ކުރީ އިއްތިހާދުންް ހިންގި ސިއްރު އޮޕަރޭޝަނެއްގައި ކަމަށެވެ.

މަތިންދާބޯޓު ވެއްޓުނީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށް ސަައުދީން ބުނި ނަމަވެސް ހޫސީން ބުނީ އެމީހުން ދިން ހަމަލާއެއްގައި އެބޯޓު ވައްޓައިލީ ކަމަށެވެ. ހޫސީންގެ އަލް މަސީރާ ޓީވީ ޗެނަލުން ބުނީ އެމީހުން ވައްޓައިލީ އިނގިރޭސިވިލާތުގައި އުފައްދާފައިވާ ' ޓޮނޭޑޯ' އެއް ކަމަށެވެ.