ދެހާސް ސަތާރަ ނިމި، 2018 އަށް ރާއްޖެ މަރުހަބާކީ ތަފާތު ޝުއޫރުތަކަކާއެކު އެވެ. މި އަހަރަކީ ގިނަ ގޮތްގޮތުން ރާއްޖެއަށް ހާއްސަ އަހަރެކަށް ވެސް ވާތީ އެވެ. އާ އަހަރާއެކު އެންމެ ބޮޑަށް ފާޑު އަމާޒުވި އެއް ކަމަކީ ރާއްޖޭގައި ޓެކްސްޓް ފޮތުގެ ބަދަލަށް "ޓެބްލެޓް" ހެދުމުގެ އިންގިލާބީ ބަދަލުގެ ވާހަކަ އެވެ. ސަރުކާރުން ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ޓެބްލެޓް ބޭނުން ކޮށްގެން ކިޔަވައިދޭން ނިންމުމުން އެންމެން ވެސް ބޭނުންވީ އަލަން ފަށައި ތަޖުރިބާ ކުރަން އުޅޭ އާ މަޝްރޫއުގެ ނަތީޖާއާ މެދު ސުވާލު ކުރާށެވެ.
ކުދިންނާއި އެކުދިންގެ ތައުލީމީ މުސްތަގުބަލާ އެކަން ގުޅިފައިވާ މިންވަރުގެ ބޮޑުކަމުން އެކަމުގައި އޮތް ސުވާލުތައް މުހިންމު ވަނީ އެވެ. ނަމަވެސް "ޓެބްލެޓް ރޭހުގައި" ކުރިޔަށް ޖެހިލައި ދަރިވަރުންނާއެކު ސްކޫލްގައި އެކަން ތަޖުރިބާކޮށްފައިވާ ތ. ކިނބިދޫ ރައްޔިތުންނަށް ޓެބްލެޓަކީ މިހާރު އެމީހުންގެ ދަރިންގެ ތައުލީމީ ހަޔާތުގެ އެންމެ މުހިއްމު އެއް ބައިވެރިޔާ އެވެ. ޓެބްލެޓާ ނުލާ ނޫޅެވޭ ވަރަށް އެ މީހުން ވަނީ އޭގެ ތެރެއަށް ވަދެ ގެނބިފަ އެވެ.
ކިނބިދޫ އަކީ، ރާއްޖޭގެ ސްކޫލްތައް ޑިޖިޓަލައިޒްކޮށް، ޓެކްސްޓް ފޮތުގެ ބައިތައް ޓެބްލެޓާއި އިންޓަނެޓް ބޭނުން ކޮށްގެން ކިޔަވައިދޭ އުސޫލު ރާއްޖޭގެ ހުރިހާ ސްކޫލަކަށް ތައާރަފް ކުރުމަށް ތައްޔާރުވުމުގެ ގޮތުން އެޑިއުކޭޝަނުން ފެށި އަޖުމަ ބަލެމުގެ ޕްރޮޖެކްޓުގެ ބައިވެރިޔާ އެވެ. އެ އަޖުމަ ބަލާފައިވަނީ އެ ސްކޫލްގެ ޕްރައިމަރީ ގްރޭޑްތަކުގެ ދަރިވަރުންނަށް ޓެބްލެޓް ދީގެނެވެ.
މިދިއަ އަހަރު އެ ސްކޫލުގައި ކިޔަވައިދީފައިވަނީ އާ ސިލަބަހުގެ ތެރޭގައި ވައިފައި ޓެބްލެޓާއި ގެޖްޓް ބޭނުން ކޮށްގެންނެވެ. މުޅި ރާއްޖެއަށް ޓެބްލެޓް ތައާރަފް ކުރުމާ ބެހޭ ބަހުސްގައި ކިނބިދޫ ބެލެނިވެރިންގެ ޝުއޫރުތަކާއި އެމީހުންގެ ވާހަކަ އާއި ތަޖުރިބާ އެއް ފަރާތްކޮށްފައި ބަހުސެއް ނިންމާލުމަކީ ބޭއިންސާފަކަށް ވެދާނެ އެވެ.
ރާއްޖޭގެ ސްކޫލްތަކަށް މުޅިން އަލަށް ވައްދަން އުޅޭ ޓެކްނޮލޮޖީ އަޕްގްރޭޑެއްގެ ގޮތުގައި ޓެބްލެޓް ބެލެވިފައިވާއިރު، މިދިޔަ އަހަރު ފޯނާއި ޓެބްލެޓް ބޭނުންކުރި ކިނބިދޫ ރައްޔިތުންނަށް އެ ފިޔަވަޅަކީ ވަރަށް ބަރާބަރު، އަދި މުސްތަގުބަލަށްޓަކައި އަޅާނެ އުސް އަދި ފިޔަވަޅެކެވެ. އެމީހުންގެ ނަޒަރުގައި ޓެބްލެޓް ބޭނުން ކުރަން ފެށިފަހުން މީގެ ކުރިން ކިޔެވުމަށް ނުދޭ ވަރުގެ ޝައުގުވެރި ކަމެއް ދަރިވަރުން އެ ކުދީންގެ ކިޔެވުމަށް ދީފައި ވެއެވެ.
"އަޅުގަނޑުގެ ދަރިފުޅަކީ ގްރޭޑް ހަތަރެއްގެ ކުއްޖެއް. ޓެބްލެޓް ބޭނުން ކޮށްގެން އާ ސިލަބަހަށް ކިޔަވައިދޭން ފެށިފަހުން ދަރިފުޅު ކިޔަވަން ވަރަށް ބޮޑަށް ޝައުގު ހުރޭ. އެންމެ އުފާވަނީ އަމިއްލަޔަށް ފިލާވަޅުތަކާ ބެހޭ މައުލޫމާތު ސާޗުކޮށް ރިސާޗްކުރަން އެނގޭތީ. އަނެއްކާ މިއީ ޓެކްނޮލޮޖީގެ ޒަމާނެއް. އެހެންވީމަ ބުނާނީ މިއީ ނަތީޖާ ފެންނަ ބަދަލެކޭ،" މިދިޔަ އަހަރު ގްރޭޑް ހަތަރެއްގައި ކިޔެވި ދަރިވަރެއްގެ މަންމަ، ހައްވާ ނާދިޔާ ބުންޏެވެ.
ޓެބްލެޓް ތައާރަފް ކުރުމުން ކުދިންގެ އަހުލާގަށް ހެޔޮ ބަދަލު އަންނަ ކަމަށް ވެސް އެރަށު ބައެއް ބެލެނިވެރިން ގަބޫލުކުރެ އެވެ.
"މީގެ ކުރިން ސްކޫލް ތެރޭގައި ޖެހޭ މައްސަލަތައް ވެސް މިހާރު ވަރަށް ނުޖެހޭ. ބޮޑަށް މި އިންނަނީ ޓީޗަރަށްވުރެ ބޮޑަށް ކުއްޖާ އަމިއްލަޔަށް ހޯދައިގެން ދަސްކުރާ އެއްޗެއް ވީމަ ކުދިން ވަރަށް މަސްއޫލުވޭ ފިލާވަޅުގެ ތެރޭގައި. ވީމާ ޓެބްލެޓް ބޭނުން ކުރުމަކީ މުޅި ރާއްޖެއަށް ރަނގަޅު ކަމަކަށް އަދި ހެޔޮ ބަދަލަކަށް ވެދާނެ،" އެހެން ބެލެނިވެރިއަކު ބުންޏެވެ.
ޓެބްލެޓާއި ގެޖެޓަކީ ޒަމާނުގެ ޓެކްނޮލޮޖީއަށް ވުމާއެކު ކުދިންނަށް ކިޔަވައިދޭން ފަށާއިރު ބެލެނިވެރިން އޭގެ ތެރެއަށް ވެއްދުމަށް މިނިސްޓްރީން ހިންގި ޕްރޮގްރާމްތަކުގެ ނަތީޖާއާމެދު ވެސް އެރަށު ގިނަ ބެލެނިވެރިން ތިބީ ހިތްހަމަޖެހިފަ އެވެ. އެ ބެލެނިވެރިން ދެކޭ ގޮތުގައި ފުރަތަމަ އެ ކަމަކީ ފެއިލްވެދާނެ ކަމެއް ކަމަށް އެމީހުނަށް ހީވެ ފުރަތަމަ ޝައްކުގައި ތިބެން ޖެހުނެވެ. ނަމަވެސް ނަތީޖާ އާއިރު ކުރެވުނު، ހީތައް ވީ ކުށް ހީއަކަށެވެ.
"އުނދަގުލެއް ނޫން މިހާރު. އެހެން ނޫނަސް ޓެބްލެޓަކީ ކުދިން އަތްމައްޗަށް އަބަދު ދޫކޮށްފައި އޮންނަ އެއްޗެއް ވެސް ނޫން. އެއީ ކަނޑައެޅޭ ގަޑިއެއްގަ ސްކޫލުން ދޭ ވަކި އެޕްލިކޭޝަނެއް މެދުވެރިކޮށް މުދައްރިސް އެ ބުނާ ގޮތަކަށް އެކުދިން ބޭނުންކުރާ އެއްޗެއް،" އެ ރަށު ސްކޫލްގެ ޕްރައިމަރީގައި ކިޔަވާ ދެ ކުދިންގެ މަންމައަކު ބުންޏެވެ.
ކިނބިދޫ ސްކޫލްގެ ގިނަ ބެލެނިވެރިންނާ އިންޓަވިއު ކުރުމުން ވެސް ލިބުނީ އެއް ޖަވާބުތަކެކެވެ. އެހެން ނަމަވެސް ކުދިން ޅަ އުމުރުގައި މާ ބޮޑަށް އިންޓަނެޓާ ރައްޓެހިވެ ފަރިތަވުމަކީ އިންޓަނެޓްގެ ބޭނުން ނުބައި ގޮތަކަށް އެކުދިންނަށް ހިފައިފާނެ ކަމެއްގެ ބިރު ބައެއް ބެލެނިވެރިންގެ އޮވެ އެވެ.
"އެކަމަށް މަގުފަހި ނުވާގޮތަށް ހަމައެކަނި ވަކި ސައިޓުތަކަކަށް ކުދިން ތައާރަފްކޮށް އިންސްޕެކްޓް ކުރޭ. އޭރުން އޭގެ ގެއްލުމެއް ނެތް،" އެހެން ބެލެނިވެރިއަކު އޭނާގެ ހިޔާލު ދިނެވެ.
"އަޅުގަނޑު ވަރަށް ތާއީދު ކުރާ ކަމެއް މިއީ. އަދި ކުރިއަށް ގެންދަންވީ ކަމެއް މިއީ. އެކަމަކު ބައެއް ފަހަރު ބިރުގަނޭ ދަރިފުޅަށް އެ [ޓެބްލެޓް] މާ ބޮޑަށް އެނގޭތީ. އިންޓަނެޓާ އެއްޗެހި ބޭނުންކުރާތީ އިންނަ ބިރަކަށް އެކަން ވަނީ،" މިއަހަރު ގްރޭޑް ހަތަރަކަށް ދިޔަ ދަރިވަރެއްގެ މަންމަގެ ހިއްސާކުރި އެވެ.
ޓެބްލެޓަށް ކިނބިދޫ ރައްޔިތުންގެ ހިތް ދޫކޮށްލައިފި އެވެ. އެމީހުން އެކަން ހުއްޓުވާކަށް ބޭނުމެއް ނުވެ އެވެ.
ތިން ސަތޭކައެއްހާ ދަރިވަރުން ތައުލީމް ހާސިލު ކުރަމުން އަންނަ ކިނބިދޫ ސްކޫލްގެ ކިޔަވައިދިނުން މުޅިން ތަފާތު މޮޑެލަކަށް ބަދަލުކޮށް، ވަކި މާއްދާ ވަކި ގަޑިތަކަށް ބަހާލައިގެން ކިޔަވައިދޭ އުސޫލު ބަދަލުކޮށް، ކަރިކިއުލަމް އެކްޓިވިޓީ ތަކާއި ދަރިވަރުން ކިޔަވާ މާއްދާތަކާއި ޓޮޕިކްތައް ގުޅުވައިގެން ކިޔަވައިދޭން ފެށުމުގެ މުގުލުގައި ހުންނެވީ އެރަށު ސްކޫލުގެ ޕްރިންސިޕަލް އަހުމަދު އަބްދުﷲ އެވެ. -- އޭނާގެ ތާރީހުގައި ލިޔާނެ އެވެ.
އޭނާ ހުންނެވީ އަލަށް އޭނާގެ ސްކޫލަށް ގެނައި ބަދަލާއި ނަތީޖާއާ މެދު ވަރަށް އުފަލުންވެ. މި ނިމުނު އަހަރު އެ ސްކޫލްގެ ޕްރައިމަރީ ދަރިވަރުންގެ ފެންވަރު މައްޗެވެ. ފަށައިގަތްއިރު މުޅި އަހަރު ޕްލޭންކޮށް ޓީޗަރުން ތަމްރީން ކުރުމަށް އޮސްޓްރޭލިއާގެ މޮނާކް ޔުނިވަސިޓީއާއެކު ހުސް ވަގުތެއް ނެތި ޓީޗަރުން ކުރި މަސައްކަތުގެ ނަތީޖާއަށް ބެލެނިވެރިން ތިބީ ހެޔޮ ފާހަގަ ޖަހައިގެން ކަމަށް އަހުމަދު އަބްދުﷲ ވިދާޅުވެ އެވެ. -- ޓެބްލެޓް ބޭނުން ކުރި ގްރޭޑްތަކުގެ ނަތީޖާ 2016 އަށްވުރެ ޓެބްލެޓާއެކު ނިންމާލި އަހަރު ރަނގަޅެވެ.
"މިހާރު އެންމެ ބޮޑު ދައްޗަކީ ސްކޫލުގެ ވައިފައިއަށް ކުރާ ބާރު. އެކަމަކު މި ގޮތަށް ކިޔަވައިދޭން ބެލެނިވެރިން ބޭނުންވާތީ މި ރަށުގެ ބެލެނިވެރިން ތިބީ ވަކި ކްލާސްތަކަށް އިންޓަނެޓް ޕެކޭޖް ގަނެދޭން ވެސް ތައްޔާރަށް،" އޭނާ ވިދާޅުވި އެވެ. "އެކަމަކު އަޅުގަނޑުމެން އެގޮތެއް ބޭނުމެއް ނުވޭ. މި އަހަރު އިރާދަ ކުރެއްވިއްޔާ ކިނބިދޫ ސްކޫލަށް ވަރަށް ފަސޭހަވާނެ،"
ކިނބިދޫގައި މި ހެދީ ޓެބްލެޓް ޓެކްސްޓް ފޮތުގެ ފުރަތަމަ ޓެސްޓެވެ. ސްކޫލްގެ ޕްރިންސިޕަލާއި ދަރިވަރުންގެ ބެލެނިވެރިން އެ ޓެސްޓްގައި ވަނީ ފާސްވެފައެވެ. އެހެން ކަމުން ރާއްޖޭގައި ފެތުރިގެންފައިވާ ޓެބްލެޓް ޓެކްސްޓް ފޮތުގެ ބަހުސް ވަކި ކޮޅަކަށް ނިންމާލައިގެން އަދި ވާކަށް ނެތެވެ.