ހަބަރު

ކުއްޔަށް ދޭނަމަ ފްލެޓް އަތުލާނަން: މުއިއްޒު

ބޯހިޔާވެހިކަމަށް ދޫކޮށްފައިވާ ފްލެޓުތައް އެހެން ބަޔަކަށް ކުއްޔަށް ދޭނަމަ، އެ ފްލެޓުތައް އަނބުރާ ނަގާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ދާދި ފަހުން ފްލެޓު ލިބުނު 700 އަށް ވުރެ ގިނަ މީހުންގެ ތެރެއިން ބައެއް ފަރާތްތަކުން އެ ފްލެޓް ކުއްޔަށް ދޭ ކަމަށް އަޑުފެތުރިފައި ވަނިކޮށެވެ. އެކަމާ ގުޅިގެން މިރޭ ކުރެއްވި ޓްވީޓެއްގައި މުއިއްޒު ވިދާޅުވީ އިޖްތިމާއީ ބޯހިޔާވެހިކަން ހައްލު ކުރަން ދޭ ފްލެޓު އެގްރީމަންޓާ ހިލާފަށް ކުއްޔަށް ދޭނަމަ އެ ފްލެޓުތައް އެ ފަރާތްތަކުން ވަކިކުރެވޭނެ ކަމަށެވެ.

ޗައިނާއިން ހުޅުމާލޭގައި ގާއިމްކޮށްފައިވާ ފްލެޓުތަކަށް ތަރުތީބުން މީހުންނާ އެއްބަސްވުންތައް ހަދާ ނިންމާފައިވާަ އިރު، އެ އެއްބަސްވުމުގައި ވެސް ކުއްޔަށް ދޭނަމަ ފްލެޓު އަތުލާނެ ކަމަށް ލިޔެފައި އޮވެ އެވެ. ނަމަވެސް ތިން ކޮޓަރީގެ ފްލެޓެއް ނަމަ އެއް ކޮޓަރި ކުއްޔަށް ދެވޭނެ ކަމަށް އެ އެއްބަސްވުމުގައިވެ އެވެ.