ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު، އަބްދުﷲ ރިޔާޒު ކުރެއްވި ޓްވީޓަކަށް ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ރައްދު ދެއްވުމާއެކު ދެ ބޭފުޅުންގެ މެދުގައި ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފި އެވެ.
ކުރީގެ ސީޕީ އަބްދުﷲ ރިޔާޒުގެ މައްޗަށް މިފަހުން އުފުލި ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާގެ ޝަރީއަތް ފެށުމަށް މާދަމާ ކުރިމިނަލް ކޯޓަށް ހާޒިރުވުމަށް އަންގައި ފޮނުވި އަމުރު ވަނީ ޓްވީޓް ކުރައްވާފަ އެވެ.
އެ އަމުރު ޓްވީޓް ކުރައްވަމުން ރިޔާޒު ވިދާޅުވެފައިވަނީ، "ކިތަންމެ ދައުވާއެއް އުފުލި ނަމަވެސް ރައީސް އަބްދުﷲ ޔާމީނަށް ތާއިދެއް ކުރެވެން ނެތް، ރައީސް ޔާމީންގެ ސަރުކާރުން ހިންގާ އަނިޔާވެރި ކަމާއި ކޮރަޕްޝަންއާ ދެކޮޅަށް ކުރަމުންދާ މަސައްކަތް ކުރިއަށް ގެންދާނަން،" ކަމަށެވެ.
އެ ޓްވީޓަށް ކުރެއްވި ރިޕްލައިއެއް ކަމަށް ނިހާން ވިދާޅުވީ، "އަބްދުﷲ ރިޔާޒަކީ އެއް އިރެއްގައި ވެސް ރައީސް ޔާމީންއަށް ތާއިދު ކުރި މީހެއް ނޫން،" ކަމަށެވެ.
ނިހާންއަށް ރައްދު ދެއްވުމުގެ ގޮތުން ރިޔާޒު ކުރެއްވީ ސުވާލެކެވެ:
"އަހުމަދު ނިހާން ކިހާ ވަރަކަށް ރައީސް ޔާމީނަށް ތާއިދު ކުރައްވާތީތޯ އަޅުގަނޑު ކައިރީގަ ވިދާޅުވީ ވެރިކަން ބަދަލުވާއިރަށް މަނިކުފާނު ވެސް ކޮޅު ބަދަލު ކުރައްވާނެ ކަމަށް؟" މިހާރު އޮތް ސަރުކާރު ގެނައުމުގައި ބައިވެރިވި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ރިޔާޒު އެއްސެވި އެވެ.
އެ ސުވާލަށް ޖަވާބު ދެއްވުމުގެ ގޮތުން ނިހާން ވިދާޅުވީ، ރައީސް ޔާމީން ވެރިކަމަށް ގެންނަން ޕީޕީއެމްގެ ޓިކެޓް ހޯދުމުގެ މަސައްކަތް 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހު ފެށި ފަހުން އަދިވެސް ހުންނެވީ ރައީސް ޔާމީންއާއެކު ކަމަށެވެ. ދެން ނިހާން ވެސް ރިޔާޒަށް އަމާޒު ކުރެއްވީ ސުވާލެކެވެ.
"އަޅުގަނޑު މިހުރީ 2014 ވަނަ އަހަރުން ފެށިގެން ޕީޕީއެމް އެންމެ އިސް ހަތަރު މީހުންގެ ތެރޭގައި، ހިތްދަތިވީތޯ؟" ނިހާން އެއްސެވި އެވެ.
އަނެއްކާވެސް އައީ ރިޔާޒުގެ ސުވާލެކެވެ؛ "އަހުމަދު ނިހާން ތިޔަ މަގާމުގަ ބަހައްޓާފަ ތިހުރީ މަނިކުފާނަށް ރައީސް ޔާމީން އިތުބާރު ކުރައްވާތީތޯ؟" ރިޔާޒު އެއްސެވި އެވެ.
އެކަމުގެ ތެރެއަށް ރިޔާޒު ދެން ވެއްދެވީ، ދިއްދޫ ދާއިރާގެ މެންބަރުކަމުން ވަކިވެފައިވާ ކަމަށް ކަނޑައަޅާފައިވާ އަބްދުލް ލަތީފެވެ. ރިޔާޒު އެދުނީ ނިހާންއާ ގުޅޭ ގޮތުން ރައީސް ޔާމީން ވިދާޅުވީ ކީކޭތޯ ލަތީފް ގާތުން ނިހާން އެއްސެވުމަށެވެ. އަދި "ހެޔޮ ދުއާ ސަލާމް" ކަމަށް ވިދާޅުވި އެވެ.
އާ ވާހަކައަކާއެކު އަނެއްކާ ނިހާންގެ ސުވާލެކެވެ:
"ހަމަ ގައިމު ވެސް އަބްދުﷲ ރިޔާޒުއަކަށް މި ދައުރަކު މި މަގާމެއް ނުލިބޭނެ، ކޮބާ ފޭސްބުކާއި މެސެންޖާގެ ޗެޓް ލޮގް ހަނދާން އެބަހުރިތަ؟،" ނިހާން އެއްސެވި އެވެ. ނިހާން އެ ވިދާޅުވާ ޗެޓް ލޮގަކީ ކޮބައި ކަމެއް ނޭނގެ އެވެ. މި ޗެޓް ލޮގްގެ ވާހަކައާއެކު، މިކަމަށް ނިމުން އައެވެ. އޭގެ ފަހުން މިހާތަނަށް ރިޔާޒު އެއްޗެއް އެކަމާ ވިދާޅެއް ނުވެ އެވެ.
މި ޒުވާބު ފިނިކުރަން ޕީޕީއެމް އެހެން ބައެއް މެންބަރުން މަސައްކަތް ކުރައްވާފައިވެ އެވެ. އެގޮތުން ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު މުބީން ވަނީ، އެމީހުންނަށް "އެޓެންޑް" ވުމަކީ ވަގުތު ބޭކާރުކުރުން ކަމަށް ވިދާޅުވެ، އެކަން ނުކުރުމަށް އެދިފަ އެވެ. އެއާއެކު ނިހާން ވިދާޅުވީ، "ބައެެއް ފަހަރު ގަލަމު ދޯރި ޖެހި ކނޑކހ ންނާ ޓްވިޓާގައި ޒުވާބު ކޮށްލީމަ ވަރަށް މަޖާ ވާނެ" ކަމަށެވެ.