ބޮލީވުޑް

"ޕަދްމާވަތު" މި މަހުގެ 25 ގައި ރިލީޒް ކުރަނީ

Jan 9, 2018

ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ އުފެއްދި "ޕަދްމާވަތީ" ގެ މައްސަލަ ގޯސްވެ ފިލްމު ރިލީޒްކުރުން ހުއްޓުވާފައި އޮންނަތާ މަހަކަށް ވުރެން ގިނަ ދުވަސްވީ އެވެ.

ރަންވީރު ސިންގް އާއި ދިޕިކާ ޕަދުކޯން އަދި ޝާހިދު ކަޕޫރު ލީޑްރޯލުތަކުން ފެނިގެންދާ މި ފިލްމާ ދެކޮޅަށް ހިންދޫ ދީނުގެ ގްރޫޕަކުން ކުރި މުޒާހަރާތަކާ ގުޅިގެން ފިލްމު ރިލީޒްކުރުން ހުއްޓުވާފައި އޮތް ނަމަވެސް ސެންސަރު ބޯޑުން ވަނީ މިދިޔަ މަހުގެ މަހުގެ ފަހުކޮޅު ފިލްމުގެ ނަން "ޕަދްމާވަތް" އަށް ބަދަލުކޮށް ފިލްމު ފާސްކޮށްދީފަ އެވެ.

ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުގައިވާ ގޮތުން މި ފިލްމު މި މަހުގެ 25 ވަނަ ދުވަހު ރިލީޒްކުރުމުގެ ހުއްދަ އިއްޔެ ވަނީ ސެންސަރު ބޯޑުން ދީފަ އެވެ.

ފިލްމު ޕްރޮޑިއުސްކުރި ވަޔޮކޮމް 18 އާއި ބަންސާލީ ޕްރޮޑަކްޝަންސްއިން އަދި ފިލްމު 25 ވަނަ ދުވަހު ރިލީޒްކުރާކަން ޔަގީންކޮށެއް ނުދެ އެވެ. ނަމަވެސް ވަޔޮކޮމް 18ގެ ފަރާތަކުން ބުނެފައިވާ ކަމަށް ނޫސްތަކުގައިވާ ގޮތުން "ޕަދްމާވަތް" ގެ ގޮތުގައި ފިލްމު އެ ދުވަހު ސިނަމާތަކުގައި ދައްކާނެ ކަމަށެވެ.

މި ފިލްމު 25 ވަނަ ދުވަހު ރިލީޒްކުރުމުގެ ހުއްދަ ލިބި ރިލީޒްކުރުމަށް ތައްޔާރުވަމުން އަންނައިރު، އަކްޝޭ ކުމާރުގެ "ޕެޑްމޭން" ވެސް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އެ ދުވަހު އެވެ. އެހެންކަމުން މި ދެ ފިލްމު ބޮކްސް އޮފީހުގައި ވަރުގަދަ ކުރިމަތިލުމަކަށް ދާނެ ކަމަށް ބެލެވެ އެވެ.

"ޕަދްމާވަތް" ރިލީޒްނުކުރެވި ދިގުލައިގެން ގޮސްފައިވާތީ މި ފިލްމަށް ގިނަ ބަޔަކު އަންނަނީ އިންތިޒާރުކުރަމުންނެވެ. އަދ "ޕެޑްމޭން" އަކީ އަކްޝޭ އަރުނަޗަލަމް ކިޔާ އިންޑިއާގައި އެންމެ ފުރަތަމަ އަގު ހެޔޮކޮށް ސެނިޓަރީ ނެޕްކިންސް އުފައްދައި ވިއްކަން ފެށި މީހާގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމެކެވެ. މި ފިލްމުގައި އޭނާ ސެނިޓަރީ ނެޕްކިން އުފައްދަން ކަޑަތުކުރި ދަތި ދަތުރު ފެނިގެންދާނެ އެވެ.

ސެންސަރު ބޯޑުން މި ފިލްމުގެ އެއްވެސް މަންޒަރެއް ނުކަނޑައި، ހަމަ އެކަނި ނަން ބަދަލުކުރުމަށްފަހު ފިލްމު ރިލީޒްކުރުމުގެ ހުއްދަ ދިނުމުން ފިލްމާ ދެކޮޅަށް މުޒާހަރާކުރި ކަރްނީ ސެނާ ގްރޫޕުން ވަނީ ފިލްމު ރިލީޒްކުރުން ހުއްޓުވަން އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އަށް ވެސް ހުށަހަޅާފަ އެވެ. އަދި ފިލްމު ރިލީޒްކޮށްފިނަމަ ސިނަމާތަކަށް ގެއްލުން ދޭނެ ކަމުގެ އިންޒާރުވެސް ވަނީ މިދިޔަ މަހުގެ ތެރޭގައި ދީފަ އެވެ.

ފިލްމުގެ ޝޫޓިން ފެށި ހިސާބުން ފިލްމާ ދެކޮޅަށް މުޒާހަރާކޮށްފައި ވަނީ ފިލްމުގެ ސެޓަށް ގެއްލުންދީ ވަނީ މި ފިލްމުގައި ތާރީހީ ގޮތުން ދޮގު މައުލޫމާތުތަކެއް ހިމެނޭ ކަމަށް ބުނެ އެވެ.

ރާނީ ޕަދްމިނީގެ ރޯލުން ދިޕިކާ ޕަދުކޯން ފެނިގެންދާއިރު، އޭނާގެ ފިރިމީހާގެ ރޯލުން ފެނިގެންދަނީ އެކްޓަރު ޝާހިދު ކަޕޫރެވެ. އަދި ރަންވީރު ސިންގް ފެނިގެންދަނީ ދިޕިކާއާ ހެދި މޮޔަވެފައި ހުންނަ ރަސްކަލެއް ކަމަށްވާ އަލާއުއްދީން ޚިލްޖީގެ ރޯލުންނެވެ.

މި ފިލްމު އުފައްދި ފަރާތުން ބުނެފައިވަނީ މި ފިލްމަކީ 1540 ވަނަ އަހަރު ސޫފީ ޝާއިރެއް ކަމަށްވާ މާލިކް މުހައްމަދު ޖަޔަސީ ލިޔެފައިވާ ޕަދްމަވަތް ކިޔާ ޅެމެއްގެ އަސްލަކަށް ބަލައިގެން އުފައްދާފައިވާ ފިލްމެކެވެ.