ބޮލީވުޑް

އައިޝްވާރިޔާއަށް ސަރޮގޭޓް މަންމައެއްގެ ރޯލު

Jan 9, 2018
1

މިފަހުން ކާމިޔާބު ފިލްމުތަކެއް އުފެއްދި ޕްރޮޑަކްޝަން ކުންފުނި ކްރީއާޖް އެންޓަޓެއިންމަންޓުން މި އަހަރު ތެރޭގައި ބޮޑެތި ގިނަ ފިލްމުތަކެއް އުފައްދަން ވަނީ ނިންމާފަ އެވެ. އޭގެ ތެރޭގައި ޝާހިދު ކަޕޫރު ލީޑްރޯލު ކުޅޭ "ބައްޓީ ގުލް މީޓަރު ޗަލޫ" އާއި "ފަނޭ ޚާން" އާއި "ކެދާރްނާތް" ހިމެނެ އެވެ. މި ފިލްމުތަކުގެ އިތުރުން ޖަޒުބާތުން ފުރިގެންވާ އިތުރު ފިލްމެއް އިއްޔެ އެ ކުންފުނިން މިވަނީ އިއުލާންކޮށްފަ އެވެ.

"ޖޭޒްމިން" ގެ ނަމުން ނަން ދީފައިވާ އެ ފިލްމަކީ ސަރޮގޭޓް މަންމައެއްގެ ވާހަކަ ފެނިގެންދާނެ ފިލްމެކެވެ. މި ފިލްމު އިއުލާންކުރަމުން ފިލްމުގެ ފުރަތަމަ ޕޯސްޓަރު ވަނީ އާންމުކޮށްފަ އެވެ. މި އަހަރުގެ ތެރޭގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ މި ފިލްމުގައި އުންމީދު ނުކުރާ ކަހަލަ ކަންތައްތަކެއް ފެނިގެންދާނެ ކަމަށް އެމީހުންގެ ޕޯސްޓުގައިވެ އެވެ.

މި ފިލްމުގައި ސަރޮގޭޓް މަންމަގެ ރޯލު ކުޅެން މަޝްހޫރު ބަތަލާ އައިޝްވާރިޔާ ރާއީ އަށް ވަނީ ހުށަހަޅާފަ އެވެ. ފިލްމުގެ ވާހަކައާ މެދު އައިޝްވާރިޔާ ވަރަށް ހިތްހަަމަޖެހުނު ނަމަވެސް ފިލްމު ކުޅުމާ މެދު އަދި ގޮތެއް އަދި ނުނިންމަ އެވެ.

ސިދާތް އާއި ގަރީމާ ލިޔެ އެ ދެމީހުން ޑައިރެކްޓްކުރާ "ޖޭޒްމިން" އަކީ ގުޖްރާތަށް ނިސްބަތްވާ އަންހެނަކު ދަރިން ބޭނުން ނުވަނިކޮށް ސަރޮގޭޓް މަންމަ އަކަށް ވާން މަޖުބޫރުވާ ގޮތުގެ ވާހަކަ އެވެ. އަދި ފަހުން އެ ކުއްޖާ އަށް ޓަކައި ހިތުގައި ކުލުނު އުފެދި ދަރިފުޅު އަނބުރާ ހޯދަން ކުރާ މަސައްކަތެވެ.