ދުނިޔެ

ގަތަރު މައްސަލަ ހައްލު ކުރަން ކުވައިތުން ގޮވާލައިފި

ގަލްފުގެ ބައެއް ގައުމުތަކާ ގަތަރާ ދެމެދު އުފެދިފައިވާ އަރައިރުމުގެ މައްސަލަ ހައްލުކުރަން ކުވައިތުން ގޮވާލައިފިއެވެ.

ކުވައިތުގައި ބޭއްވި ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) ގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ކުވައިތުގެ އަމީރު ޝައިޅު ސަބާހް އަހުމަދު އައް ސަބާހު އިއްޔެ ވިދާޅުވީ ގަތަރާއި އެހެން ގައުމުތަކާ ދެމެދު އޮތް މައްސަލަ ހައްލު ނުވެ ދިގުލާ ނަމަ ސަރަހައްދު ހަމަނުޖެހުމަަކަށް ވެއްޓިދާނެ ކަމަށެވެ.

ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރާ ގައުމުތަކުގެ ލޭބަލް ޖަހައިގެން ސައުދީ އަރަބިއްޔާ އިސްވެ އޮވެ އުފައްދައިގެން އުޅޭ ނުރަސްމީ ގްރޫޕުން ގަތަރާ ގުޅުން ކަނޑައިލިތާ މިހާރު ހަތް މަސްވެއްޖެ އެވެ. ސައުދީ ގްރޫޕުގައި ހިމެނެނީ އެ ގައުމުގެ އިތުރުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއި ބަހުރައިނާއި މިސްރެވެ. އެ ގައުމުތަކުގެ ވަޔާއި ކަނޑުގެ ސަރަހައްދު ބޭނުންކުރުން ގަތަރަށް މަނާކޮށް، ގަތަރު ވަނީ ހިސާރުކޮށްފަ އެވެ.

ޖީސީސީގެ މެމްބަރެއްގެ ގޮތުގައި އޮތް ގަތަރާ އަލުން ގުޅުން ގާއިމް ކުރަން ކުވައިތުން ކުރިން ވެސް ގޮވައިލި އެވެ. އެ މައްސަލައާ ހެދި ޖީސީސީގެ މަސައްކަތްތަކަށް ވެސް ގިނަ ހުރަސްތަކެއް ވަނީ ކުރިމަތިވެފަ އެެވެ.

ޓެރަރިޒަމަށް ވާގިދޭ ކަމަށް ބުނެ އަރަބި ގައުމުތަކުން ގަތަރާ ގުޅުން ކަނޑައިލީ މިދިޔަ ޖޫން މަހުގެ ހަތަރުވަނަ ދުވަހު އެވެ. އެއަށް ފަހު އެގައުމުތަކުން އެދޭ 13 ކަމެއް ކުރަން ގަތަރަށް ޑިމާންޑް ކުރި އެވެ. އީރާނާ ސިޔާސީ ގުޅުން ކަނޑައިލުމާއި ގަތަރުގައިވާ ތުރުކީގެ އަސްކަރީ މަރުކަޒުތައް ބަންދުކުރުމާއި އަލް ޖަޒީރާ ބަންދުކުރުން އޭގެ ތެރޭގައި ހިމެެނެ އެވެ. އެއިން އެއްވެސް ކަމެއް ނުކުރާނެ ކަމަށް ގަތަރުން ބުނެފައި ވަނިކޮށް ގުޅުން ކަނޑައިލި ގައުމުތަކުން މިހާރު ވަނީ ޑިމާންޑްތައް ދޫކޮށްލާފަ އެވެ