ދުނިޔެ

އެތުލީޓުން ފޮނުވުމާމެދު ދެކޮރެއާ އެއް ގަލަކަށް އަރައިފި

އަންނަ ފެބްރުއަރީ މަހު ދެކުނު ކޮރެއާގައި ބާއްވާ ވިންޓަ އޮލިމްޕިކްސް އަށް ކޮންޓިންޖެއްޓެއް ފޮނުވުމާ މެދު ދެކޮރެއާ އެއްގަލަކަށް އަރައިފިއެވެ.

ދެކުނު ކޮރެއާއިން މިއަދު ބުނީ ވިންޓަ އޮލިމްޕިކްސްގައި ބައިވެރިވާން އެތުލީޓުންނާއި ސަޕޯޓަރުން ފޮނުވަން އުތުރުން އެއްބަސްވެފައިވާ ކަމަށެވެ.

ވިންޓަ އޮލިމްޕިކްސްގެ ކަންތަކުގައި ދެކޮރެއާއިން އެއްބަސްވުމަށް އައިސްފައި މިވަނީ ދެ އަހަރު ދުވަހުގެ ތެރޭގައި އެ ދެގައުމުގެ މަތީ ފެންވަރުގައި ބޭއްވި ފުރަތަމަ މަޝްވަރާތަކުގައެވެ. މިފަހަރުގެ މަޝްވަރާތަކަކީ އުތުރުކޮރެއާގެ ލީޑަރު ކިމް ޖޮން އުންގެ އިސްނެންގެވުމަކުން ފެށި މަޝްވަރާތަކެކެވެ. ވިންޓަ އޮލިމްޕިކްސްއަށް މީހުން ފޮނުވަން މަޝްވަރާ ކުރަން ކިމް ގޮވައިލެއްވީ މީލާދީ އާ އަހަރު ފެށުން ފާހަގަ ކުރެއްވުމަށް ދެއްވި ހިތާބެއްގައެވެ.

ދެކޮރެއާ ބައިވި އިތު ދެފަޅީގައި ތިބުމުގެ ސަބަބުން ވަކިވެފައިވާ އާއިލާތައް ބައްދަލުވާނެ ފުރުސަތެއް ތަނަވަސް ކުރަން ވެސް މަޝްވަރާތަކުގައި ދެކުނު ކޮރެއާއިން ހުށަހެޅިއެވެ. އެކަމަށް ވެސް އުތުރުން ވަނީ އެެއްބަސްވެފައެވެ. އާއިލާތަކުގެ ބައްދަލުވުން އޮންނާނީ ކުޅިވަރު މުބާރާތް ކުރިއަށްދާ ދުވަސްވަރާ ދިމާވާ ގޮތަށް އަންނަ ބަންދު ދުވަހެއްގައި ކަަމަށް ބެލެވެއެވެ.

ވިންޓަ އޮލިމްޕިކްސްގައި ދެކޮރެއާގެ އެތުލީޓުން އެކުގައި ހިނގައިލުމަށް ވެސް ދެކުނުން ވަނީ ހުށަހަޅާފައެވެ. ނަމަވެސް އެކަމަށް އުތުރުން އިޖާބަ ދިން ގޮތެއް އަދި ނޭނގެއެވެ.

ކޮރެެއާ ދެބައިވެ، ދެގައުމަކަށް ބަދަލުވީ އެއް ކޮރެއާގެ ގޮތުގައި އޮއްވައި އެމެރިކާއިން އެއްބައި އަދި ސޯވިއެޓް ޔޫނިއަން( މިހާރުގެ ރަޝިޔާ) އިން އަނެއްބައި އިސްތިއުމާރު ކުރުމުންނެވެ. ފިނި ހަނގުރާމައިގެ ދުވަސްވަރު ދެގައުމުން ވެސް ކޮރެއާއިން ހިފާފައިވާ ބައި ދޫކޮށްލި އިރު ، ކޮރެއާގެ އުތުރާއި ދެކުނު އޮތީ އެއްބައި ވެވޭ ހާލަތެއްގައެއް ނޫނެވެ. އިސްތިއުމާރީ ބާރުތައް ފޭބުމުން އދ. މެދުވެރިވެގެން ބޭއްވި އިންތިހާބު އޮތީ ދެކުނުގައެވެ. އަދި އެގޮތުން އިންތިހާބުވީ އެމެރިކާއިން ބޭނުންވާ ބޭފުޅެކެވެ. އެއާ އެކު އުތުރުގެ ލީޑަރެއްގެ ގޮތުގައި ސޯވިއެޓް ޔޫނިއަނުން އައްޔަން ކުރީ ކިމް އިލްސަންއެވެ. އެއީ އުތުރުކެރާގެ މިހާރުގެ ލީޑަރު ކިމް ޖޮން އުންގެ ކާފާފުޅެެވެ.

ކޮރެއާގެ އުތުރާއި ދެކުނުގައި ދެ ވެރިކަން އުފެދުނަސް، ދެވެރިކަމުން ވެސް ދައުވާ ކުރަމުން ދިޔަައީ މުޅި ކޮރެއާގެ ސަރުކާރަކީ އެމީހުން ކަމަށެވެ. ނަތީޖާއެއްގެ ގޮތުގައި އެ ދެފަރާތުގެ ދެމެދުގައި ވަރުގަދަ ހަނގުރާމައެއް ހިނގިއެވެ.