އެމްއޭސީއެލް

އޭޕްރަންގެ ބިންގަނޑު ލެވެލްކޮށް މަސައްކަތް ހަލުވިކޮށްފި

  • އާ އެޕްރަން މި އަހަރު ހުޅުވާނެ
  • މަސައްކަތް ކުރަނީ ބީޔޫސީޖީއިން
  • ޖުމްލަ 21 ބޯޓު ޕާކް ކުރެވޭނެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ހަދަމުން އަންން، ހުޅަނގު ދެކުނު އޭޕްރަންގެ ބިންގަނޑު ހަރުކޮށް، ސިމެންތި ފެތުރުމުގެ މަސައްކަތް ފަށައިފި އެވެ.

ގާތްގަނޑަކަށް 80،000 އަކަމީޓަރުގެ އެ އޭޕްރަން ސަރަހައްދުގައި ހުންނަވައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ އެސޯސިއޭޓް ޖެނެރަލް މެނޭޖަރު ހަސަން އަރީފް މިއަދު ވިދާޅުވީ އެއާޕޯޓުގައި މިހާރު ހަދަމުން އަންނަ އޭޕްރަންގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ. ނިމިގެންދާއިރު، މުޅި އެއާޕޯޓުގައި 21 މަތިންދާ ބޯޓް ޕާކު ކުރެވޭނެ ޖާގަ ހެދިގެންދާނެ ކަމަށެވެ.

"މިހާރު މި އޭރިއޭގައި ގްރައުންޑް ލެވަލިން ވަނީ ނިމިފައި. މިހާރު ސިމެންތި ސްޓެބްލައިޒް ކުރަނީ. ދެން އެގްރިގޭޓް އަޅާނީ. އަދި އެއަށްފަހު ކޮންކްރީޓް އަޅާ މަސައްކަތް ނިމިގެންދާނީ،" ހަސަން ވިދާޅުވި އެވެ.

އެންމެ ބޮޑެތި މަތިންދާ ބޯޓުތައް ޖެއްސޭ ގޮތަށް ތަރައްގީ ކުރަމުން ގެންދާ، އާ ރަންވޭ އަޅަނީ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އިންނެވެ.

އެމްއޭސީއެލްގެ ހަސަން ވިދާޅުވީ މިހާރު 80،000 އަކަމީޓަރުގެ މަސައްކަތް ކުރިނަމަވެސް، އަދި ބާކީ 50،000 އަކަ މީޓަރުގެ ސަރަހައްދެއްގެ މަސައްކަތް ވެސް ޕްރޮޖެކްޓްގައި ހިމެނޭ ކަމަށެވެ.

"މުޅި ޖުމްލަ 130،000 އަކަމީޓަރުގެ އެޕްރަން ހެދިގެންދާނެ. އޭޕްރަން މަސައްކަތަކީ ވެސް ރަންވޭގެ ބައެއް. ދެ މަސައްކަތް މި ދަނީ ރަންވޭ އެކުއެކީގައި،" ހަސަން ވިދާޅުވި އެވެ.

އެމްއޭސީއެލް އިން ވަނީ 2015 ވަނަ އަހަރު ބޮޑު ބަދަލަކާއެކު އާ އޭޕްރޮން އެއް ހުޅުވައިފަ އެވެ. މި އޭޕްރޮންގައި 25 ޖެޓް އެއާ ކްރާފްޓާއި ހަތަރު ވައިޑް ބޮޑީ އެއާ ކްރާފްޓުގެ އިތުރުން އޭ-ތްރީ 20 ގެ ހަތް ބޯޓު ޕާކް ކުރެވެ އެވެ. މި މަޝްރޫ ކުރިއަށް ގެންދިޔައީ އެމްއޭސީއެލްގެ ބަޖެޓުންނެވެ.

ސަރުކާރުން ވަނީ ވީއައިއޭ ތަރައްގީ ކުރުމަށް ބިޔަ މަޝްރޫއެއް ވެސް ފަށާފަ އެވެ. މި މަޝްރޫއުގެ އަގު އެއް ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ބުނެފައިވެ އެވެ. މި މަޝްރޫއުގެ ދަށުން މުޅިންއާ ޕެސެންޖަރު ޓާމިނަލަކާއި އާ ރަންވޭ އަދި ކާގޯ ޓާމިނަލްގެ އިތުރުން ތެޔޮ ރައްކާ ކުރާނެ ވަސީލަތްތައް ގާއިމް ކުރާނެ އެވެ. މިގޮތުން އާ ޕެސެންޖަރު ޓާމިނަލްގެ މަސައްކަތް ކުރަނީ ސައޫދީ ބިންލާދިން ގްރޫޕުން 300 މިލިއަން ޑޮލަރަށެވެ. ގާތްގަނޑަކަށް 80،000 އަކަ މީޓަރު ބޮޑު އޭރިއާއެއްގައި އަޅާ މިތަން ތަރައްގީ ކުރަނީ ހަތް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށެވެ.

އާ އިންޓަނޭޝަނަލް ޓާމިނަލް

* ޓާމިނަލްގައި 40 ޑީޕާޗާ ގޭޓް
* 38 އިމިގްރޭޝަން ކައުންޓަރު
* ޒަމާނީ ފެންވަރަށް ހަދައި ހިޔާކޮށްފައިވާ 12 ޖެޓީ
* ހަ އެއިރޯ ބްރިޖް، ހަތަރު ބްރިޖަށް ބޮޑު ކުރެވޭނެ
* ޒަމާނީ ބެގޭޖް ސްކްރީނިން އަދި ބެގެޖް ސާވިސް ބެލްޓްތައް
* ހައި އޮކްސްޕްލޯސިވް ޑިޓެކްޝަން ސިސްޓަމް
* ފިއުލް ހައިޑްރެންޓް ސިސްޓަމް

ވީއައިއޭގައި އަޅާ އާ ރަންވޭގެ މަސައްކަތް ކުރަނީ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާ ހަވާލުކޮށްގެންނެވެ. އާ ރަންވޭ އަށް 400 މިލިއަން ޑޮލަރު ހޭދަވާނެ އެވެ. އަދި މީގެތެރެއިން 373 މިލިއަން ޑޮލަރު ފޯރުކޮށްދީފައިވަނީ ޗައިނާގެ ލޯނު އެހީގެ ދަށުންނެވެ. މި މަސައްކަތް ކުރަނީ ގަލްފް ކޮބްލާ ކުންފުނިންނެވެ. އާ ރަންވޭ ވެސް މިހާރު ވަނީ ތާރު އެޅުމުގެ މަސައްކަތް ފަށާނެ އެވެ. މި މަސައްކަތާއެކު އެއާޕޯޓު އަންނަ އަހަރު ނިންމާލެވޭނެ ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ.