ހަބަރު

ކަލައިދޫ ކުއްޖާއަށް ބިރު ދައްކާ ރޭޕް ކުރި!

ލ. ކަލައިދޫގައި ކުޑަ ކުއްޖަކު ބްލެކްމެއިލް ކުރީ، އޭނާއަށް ބިރު ދައްކާ، ރޭޕް ކުރުމަށް ފަހުގައި ކަމަށް އެކަމާ ގުޅުވައި އެ ރަށުން ވާހަކަ ދައްކާ ބައެއް މީހުން ބުނެފި އެވެ.

އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކު ބްލެކްމެއިލް ކުރި މައްސަލާގައި ފުލުހުން އިއްޔެ ވަނީ ކަލައިދޫން މީހަކު ހައްޔަރުކޮށް 15 ދުވަހަށް ބަންދުކޮށްފަ އެވެ. ނަމަވެސް އެ މައްސަލައާ ގުޅޭ ތަފްސީލެއް ފުލުހުން އަދިއެއް ނުދެ އެވެ.

"އަވަސް" އާ ވާހަކަ ދެއްކި އެ ރަށުގެ ބައެއް މީހުން ބުނީ އެ އަންހެން ކުއްޖާ ބްލެކްމެއިލް ކުރި ފިރިހެން މީހަކީ ކުއްޖާގެ އާއިލާއާ ވެސް ގުޅުން އޮންނަ މީހެއް ކަމަށެވެ. އޭނާ އަންހެން ކުއްޖާ ގޮވައިގެން ސައިކަލު ދުއްވާލަން ގޮސް އިސްދޫއާ ހަމައިން ދަނޑު ހައްދާ މަގަކަށް އަރައި އެ ކުއްޖާއަށް ބިރު ދައްކާފައިވާ ކަމަށެވެ. އެގޮތުން ރަށުގައި އުޅޭ އިތުރު ދެ ފިރިހެނަކު ގެނެސް ރޭޕް ކުރަން ބޭނުން ނޫން ނަމަ ޖިންސީ ގުޅުން ހިންގުމަށް ބުނި ކަމަށާއި އެކަމަށް އެއްބަސް ނުވުމުން ރޭޕު ކުރުމަށް ފަހު ފޮޓޯތަކެއް ނަގާ، ބްލެކްމެއިލް ކުރަން ފެށީ ކަމަށެވެ. -- އިސްދޫ ކަލައިދޫ އަކީ އެއް ފަހަށް އޮންނަ އެއް ރަށެވެ. ދަނޑުވެރި ކަމުގެ މި ރަށުގެ ކަލައިދޫ އަވަށް މިހާރު ވަނީ ވަކި ރަށެއްގެ ގޮތުގައި ކަނޑައަޅާފަ އެވެ.

"އަންހެން ކުއްޖާ ކައިރީ ބުނީ ރަށުގައި އުޅޭ އިތުރު ދެ ފިރިހެނަކު ގެނެސްގެން ރޭޕް ކުރާނަމޭ، ފިރިހެން މީހާ އަމުރު ކުރަނީ ބަދުއަހުލާގީ އަމަލު ހިންގަން، އެގޮތަށް އެކަން ނުކުރުމުން އަންހެން ކުއްޖާ ރޭޕްކޮށް ފޮޓޯ ނެގީ... ގަދަކަމުން ޖިންސީ އަމަލު ހިންގީ!" ކަލައިދޫ މީހަކު ބުންޏެވެ.

އެ ރަށު އެހެން މީހަކު ބުނި ގޮތުގައި އެ އަންހެން ކުއްޖާ އަނބުރާ ގެއަށް ގެނައުމުން އޭނާގެ ދައްތަގެ ގާތުގައު އެ ވާހަކަތައް ހިއްސާ ކުރި ކަމަށާއި އެއަށް ފަހު މައްސަލަ ފުލުހަށް ހުށަހެޅީ ކަމަށެވެ.

ބްލެކްމެއިލް ކުރި މައްސަލާގައި ތުހުމަތަށް ހައްޔަރު ކުރި ފިރިހެން މީހާގެ އުމުރުން ގާތްގަނޑަކަށް 25 އަހަރެވެ. އޭނާއަކީ ދެ އަހަރު ނުވާ ދަރިއެއް ހުންނަ މީހެއް ކަމަށް ވެސް އެ ރަށު މީހަކު ބުންޏެވެ. އޭނާއަކީ އަނބިމީހާ ވަރިކޮށް، އެކަނި އުޅެމުން އައި މީހެކެވެ.

އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. ކަލައިދޫގައި ކުޑަ ކުއްޖަކު ރޭޕުކޮށް ބްލެކްމެއިލް ކުރި އިރު މާލޭ ސްޓޫޑިއޯއެއް ތެރޭގައި ވެސް 19 އަހަރުގެ ކުއްޖަކު ރޭޕު ކުރި މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ.