ދުނިޔެ

ރޮއިޓާސްގެ ނޫސްވެރިން ހައްޔަރު ކުރުމުން އީޔޫން ސޫކީއަށް ފާޑުކިޔައިފި

ރޮއިޓާސްގެ ދެ ނޫސްވެރިއަކު މިޔާންމާއިން ހައްޔަރުކޮށް، އެމީހުން މިނިވަން ނުކޮށް ގެންގުޅޭތީ ޔޫރަޕިއަން ޔޫނިއަން ( އީޔޫ) އިން މިޔަންމާ ސަރުކާރަށް ފާޑުކިޔައިފިއެވެ.

އީޔޫގެ ފަރާތުން އެކަމަށް ފާޑު ވިދާޅުވީ މިޔަންމާގައި ހުންނަވާ އެ ޖަމާއަތުގެ މަންދޫބެވެ. އޭނާ ވަނީ ދެ ނޫސްވެރިންގެ މައްސަލައިގައި ކަންބޮޑުވުން ފާޅު ކުރައްވައި، އެމީހުން މިނިވަން ކުރުމަށް ގޮވާލާ ސިޓީއެއް މިޔަންމާގެ ލީޑަރު އަންސަން ސޫކީއަށް ފޮނުއްވާފައެވެ.

މިޔަންމާގައި ހަރަކާތްޔެރިވަމުން ދިޔަ ރޮއިޓާސްގެ ނޫސްވެރިޔާ ވާ ލޯން ( 31.އ) އާއި ކިޔާވް ސޯއީ ހައްްޔަރުކުރީ މިދިޔަ ޑިސެމްބަރުމަހުގެ 12 ވަނަ ދުވަހުއެވެ. މިޔަންމާ ސަރުކާރުންް އެދެމީހުންނަށް ކޮށްފައި ވަނީ އެގައުމުގެ ރަސްމީ ސިއްރުތަކެއް ހޯދުމުގެ ކުށުގެ ދައުވާއެވެ. ހައްޔަރު ވުމުގެ ކުރިން އެ ދެ ނޫސްވެރިން މިޔަންމާގައި ކުރި މަސައްްކަތްތަކުގެ ތެރޭގައި ރާޚައިން ސްޓޭޓުގައި ބައިމަދު ރޯހިންޔާ މީހުންނާ ދެކޮޅަށް މިޔަންމާ ސިފައިން ހިންގި ޖަރީމާތަކުގެ ރިޕޯޓްތައްް ތައްޔާރު ކުރުން ހިމެނެއެވެ.

" މިއީ އާއްމުގޮތެއްގައި ހުރިހާ ނޫސްވެރިންްނާ ދެކޮޅަށް އަދި ހާއްސަކޮށް ރޮއިޓާސްގެ ނޫސްވެރިންގެ މަސައްކަތަށް ހުރަސްއެޅުމަށް އެޅި ސީރިއަސް ފިޔަވަޅެކެވެ. ހުރަސް އަޅާނެ ކަމުގެ ބިރެއް ނެތި މިނިވަންކަމާ އެކު މަސަައްކަތް ކުރާނެ މާހައުލެއް ނޫސްވެެރިންނަށް އޮންނަން ޖެހޭނެ އެވެ، " އީޔޫގެ 28 ގައުމު ތަމްސީލު ކުރެއްވުމަށް މިޔަންމާގައި ހުންނަވާ ކްރިސްޓިއަން ޝްމިޑް ސޫކީއަށް ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައި ވެއެވެ.

ސިޓީފުޅުގައި ސޫކީއަށް އޭނާ ގޮވާލައްވާފައި ވަނީ އެ ދެނޫސްވެރިންނަށް ލިބިދޭން ޖެހޭ ގާނޫނީ ރައްކާތެރިކަން ދިނުމަށާއި އެމީހުންގެ ހައްގު ނިގުޅައި ނުގަންނަކަން ކަށަވަރު ކުރުމަށެވެ.

މިޔަންމާގެ ރާޚައިން ސްޓޭޓުގައި ޖަރީމާތައް ހިންގަމުން ދިޔަ ދުވަސްވަރު އެ ސަރަހައްދަށް ދިއުން ވެސް މިޔަންމާ ސަރުކާރުން އޮތީ ނޫސްވެރިންނަށް މަނާކޮށްފައެވެ. އެގޮތަށް ބަންދުކޮށްފައި ބާއްވައިގެން ހިންގި ޖަރީމާތައް އެއީ ނުހިނގާ ކަމެއް ކަމަށް ބުނެ މިޔަންމާ ސިފައިން ރިޕޯޓެއް ވެސް އާއްމުކޮށްފައެވެ.

ރާޚައިން ސްޓޭޓުގައި މިޔަންމާ ސިފައިން ހިންގި ޖަރިމާތަކުގެ ތެރޭގައި މީހުން މެރުމާއި އިއްފަތްފޭރުމާއި ގެދޮރު އެންދުން ހިމެނެއެވެ. އެކަންތައްތަކުން ސަލާމަތްވާ ރޯހިންޔާ ދަރިކޮޅުގެ ހަލައްކައަށް ވުރެ ގިނަ މީހުން ވަނީ ބަންގްލަދޭޝްއަށް ހިޖުރަކޮށްފައެވެ.