ދުނިޔެ

ގްރޭސް މުގާބޭ ޕީއެޗްޑީ ނެންގެވި ގޮތް ތަހުގީގު ކުރަނީ

ޒިމްބާބްވޭގެ ކުރީގެ ރައިސް ރޮބަޓް މުގާބޭގެ އަނބިކަނބަލުން ގްރޭސް މުގާބޭ ޑޮކްޓަރޭޓް ޑިގްރީ ހާސިލު ކުރެއްވީ ކިޔަވައި ވިދާޅުނުވެ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރަތީ އެގައުމުގެ ސަރުކާރުން އެކަން ބަލަން ފަށައިފިއެވެ.

ޒިމްބާބްވޭގެ ޔުނިވާސިޓީއަކުން 2014 ވަނަ އަހަރު ގްރޭސް ޑޮކްޓަރޭޓް ޑިގްރީ ނެންގެވި އިރު އެ ޔުނިވާސިޓީގެ ޗާންސެލަރަކަށް ހުންނެވީ އޭނާގެ ފިރިކަލުން އަދި އޭރުގެ ރައީސް ރޮބަޓް މުގާބޭ އެވެ.

ޒިމްބާބްވޭގެ އެންޓިކޮރަޕްޝަން ކޮމިޝަނުގެ ކޮމިޝަނާ އިންޗާޖް އިންވެސްޓިގޭޝަންސް ގުޑްސަން ގޫނީ އާ ހަވާލާދީ ނިއުސް 24 ނޫހުންް ބުނީ އެ މައްސަލަ ބަލަން ފެށީ ޔުނިވާސިޓީގެ ދަރިވަރެއްގެ ގޮތުގައި ގްރޭސް އުޅުއްވިކަމުގެ އެއްވެސް ރެކޯޑެއް ނެތް ކަމަށް އެތަނުގެ ލެކްޗަރާއިންް ބުނުމުން ކަަމަށެވެ. އެމައްސަލަ ތަހުގީގުކޮށްދޭން އެދުނީ ޔުނިވާސިޓީގެ ސޯޝޮލޮޖީ ޑިޕާޓްމަންޓްގެ ލެކްޗަރާއިން ކަމަށް ގޫނީއާ ހަވާލާދީ ނޫހުން ބުންޏެވެ.

ޒިމްބާބްވޭގެ ވެރިކަން ފިރިކަލުންް ރޮބަޓް މުގާބޭއަށް ގެއްލިވަޑައިގެންނެވުމުގެ ސަބަބަކަށް ވެސް ވެވަޑައިގެންނެވީ ގްރޭސްއެވެ. ޒިމްބާބްވޭ ސިފައިން މުގާބޭއާ ދެކޮޅަށް ނުކުތީ ގްރޭސް ވެރިކަަމަށް ވަޑައިގެންނެވުމަށް މަގު ކޮށްޓެވުމަށް މުގާބޭ އެޅުއްވި ފިޔަވަޅަކާ ގުޅިގެންނެވެ.

ޒިމްބާބްވޭގައި ' ކްރޮކޮޑައިލް'ގެ ނަމުން މަޝްހޫރުވެފައިވާ އެމާސަން ނަންގަގްވާ ނައިބު ރައީސްކަމުން ވަކި ކުރެއްވުމަކީ އެގޮތުން އެޅުއްވި ފިޔަވަޅެވެ.އެ ފިޔަވަޅާއި އެކު ސިފައިން ނުކުމެ، ގައުމުގެ ކޮންޓްރޯލް އަތުލައި، މުގާބޭ ގޭބަންދުކުރިއެވެ. އަދި ވެރިކަން ކުރާ ޒާނޫ ޕީއެފް ޕާޓީން މުގާބޭ އިމްޕީޗް ކުރުމުގެ މަސައްކަތް ފެށިއެވެ. އނގިރޭސީންގެ އަތްދަށުން 1980 ވަނަ އަހަރު ޒިމްބާބްވޭ މިނިވަން ވީއްސުރެ ވެރިކަމުގައި ހުންނެވި މުގާބޭ އިސްތިއުފާ ދެއްވީ އެހިސާބުންނެވެ.