ދުނިޔެ

ދައުރު ހަ އަހަރަށް އިތުރުކުރަން ސިރިސޭނާ ކޯޓުގެ ލަފާއަށް އެދިއްޖެ

Jan 9, 2018

އަވަށްޓެރި ސްރީލަންކާގެ ރައީސް މައިތިރިޕަލާ ސިރިސޭނާ، ވެރިކަމުގައި އިތުރު އެއް އަހަރު ހުންނެވުމުގެ ލަފާއަކަށް ސުޕްރީމް ކޯޓުގައި އެދިވަޑައިގެންފި އެވެ. ސިރިސޭނާ އެދިވަޑައިގަންނަވާފައިވަނީ، ރިޔާސީ ދައުރު ހަ އަހަރަށް އިތުރުކުރުމަށް ޝަރުއީ ލަފާއަކަށެވެ.

މިހާރު ލަންކާގެ ގާނޫނު އޮންނަ ގޮތުން، ރިޔާސީ ދައުރެއްގެ މުއްދަތަކީ ފަސް އަހަރެވެ. އެކަކަށް ވެރިކަމުގައި އެންމެ ދިގު މުއްދަތަކަށް ހުންނެވީ، ފަސް އަހަރުގެ ދެ ދައުރު އެވެ. ގާނޫނަށް އެ އިސްލާހު ގެނެސްފައިވަނީ ސިރިސޭނާ ވެސް އިސްވެ ހުންނަވައި، 2015 ވަނަ އަހަރު އެވެ.

މިހާރު އޮތް ގޮތުން ނަމަ ސިރިސޭނާގެ ރިޔާސީ ދައުރު 2020 ގައި ހަމަވާނެ އެވެ. އިތުރަށް ވެރިކަމުގައި ހުންނެވޭނީ އަލުން އިންތިހާބުވެއްޖެ ނަމަ އެވެ. ނަމަވެސް ހަ އަހަރަށް ދައުރުގެ މުއްދަތު އިތުރުކޮށްފިނަމަ ވެރިކަމުގައި 2021 ވަނަ އަހަރާ ހަމައަށް ސިރިސޭނާ ހުންނަވާނެ އެވެ.

ލަންކާގެ ނޫސްތަކުގައިވާ ގޮތުން ސިރިސޭނާ ލަފާ ހޯއްދެވުމަށް އެދިވަޑައިގެން ހުށަހެޅުއްވި މައްސަލައާ ގުޅޭ ގޮތުން އަންނަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުގައި ބަހުސް ކުރާނެ އެވެ. ސިރިސޭނާ އެދިވަޑައިގެންފައިވަނީ އެއް އަހަރު އިތުރުކުރުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިދިނުމަށެވެ.

މަހިންދަ ރާޖަ ޕަކްސާގެ ވެރިކަން ނިމުމަކަށް ގެނައުމަށް މަހިންދަ ރާޖަ ޕަކްސާގެ ހެލްތް މިނިސްޓަރުކަން ވެސް ކުރެއްވި ސިރިސޭނާ އިންތިހާބުގައި ވާދަކުރެއްވީ އިދިކޮޅު ފަރާތްތަކުގެ ކެންޑިޑޭޓްގެ ގޮތުގަ އެވެ.