ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުން 2015 ވަނަ އަހަރުން ފެށި އެމްއާރުއައިގެ ހިދުމަތް ހޯދި މީހުންގެ އަދަދު މިދިޔަ އަހަރުގެ ނިޔަލަށް 9،500 އަށް އަރައިފި އެވެ. ފާއިތުވި ދެ އަހަރުގެ ތެރޭގައި އެ ހޮސްޕިޓަލުން 9585 މީހުން އެމްއާރުއައި ސްކޭންގެ ހިދުމަތް ހޯދާފަ ވެއެވެ.
އައިޖީއެމްއެޗްގައި އެމްއާރްއައި މެޝިނެއް އިންސްޓޯލްކޮށް އޭގެ ހިދުމަތް ދޭން ފެށީ ނޮވެމްބަރު 11، 2015 ގައެވެ.
ހެލްތު މިނިސްޓްރީން އިއްޔެ ނެރުނު ތަފާސްހިސާބުން ދައްކާގޮތުން އައިޖީއެމްއެޗުން އަލަށް ތައާރަފްކުރި ހިދުމަތްތަކަށް ވަރަށް ބާރު ބޮޑެވެ. އެގޮތުން ކުޑަކަމުދާ ނިޒާމަށް ދިމާވާ މައްސަލަތަކާއި ދަރިމައިވުމަށް ދިމާވާ މައްސަލަތަކަށް ފަރުވާ ދިނުމަށް މިދިޔަ އަހަރު ފެށި ޔޫރޯރީނަލް ފާޓިލިޓީ ސެންޓަރުން މިދިޔަ އަހަރުގެ ނިޔަލަށް 5770 މީހުން ހިދުމަތް ހޯދި އެވެ. އެ އަހަރު އެ ހޮސްޕިޓަލުގައި ގާއިމްކުރި ސްލީޕް ލެބްގެ ހިދުމަތް 81 މީހަކު ހޯދި އެވެ.
އާންމު ސިއްހީ ހާލަތަށް ބަލާއިރު ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް ޖެހޭ މީހުންގެ އަދަދު ވަރަށް ގިނަ އެވެ. އެގޮތުން އެންމެ ގިނަ ބަޔަކަށް ދިމާވާ ސިއްހީ މައްސަލައެއްގެ ގޮތުގައި ހިތުގެ ބަލި ބެލެވިފައިވާއިރު 2016 ވަނަ އަހަރު އައިޖީއެމްއެޗްގައި ގާއިމްކުރި ކެތުލެބުގެ ހިދުމަތް 5388 މީހުން ހޯދި އެވެ. މީގެ އިތުރުން އުރަމަތީގެ ކެންސަރަށް ސްކްރީންކުރާ މެމޯގްރާމްގެ ހިދުމަތް މިހާތަނަށް 200 އަށްވުރެ ގިނަ މީހުން ހޯދާފައި ވެއެވެ.
އުރަމަތީގެ ކެންސަރަށް ސްކޭންކުރުމުގެ ހިދުމަތް އައިޖީއެމްއެޗްގައި ފެށީ މިދިޔަ އަހަރުގެ ފެބްރުއަރީމަހު އެވެ.
*އެޑިޓަރުގެ ނޯޓް: މި ހަބަރު ފުރަތަމަ ޝާއިއުކުރި އިރު، އައިޖީއެމްއެޗުން އެމްއާރުއައި ހެދި މީހުންގެ އަދަދު ދެ އަހަރުގެ ތެރޭގައި 95،000 އަރާފައިވާ ކަމަށް ލިޔެވުނީ މިނިސްޓްރީ އިން ތަފާސްހިސާބުތައް އާންމު ކުރުމުގައި އެރި އޮޅުމަކުން އެވެ. އެ މިނިސްޓްރީ އިން އެ ކުށް އިސްލާހުކޮށް އެމްއާރުއައި ހެދީ، 9،500 މީހުން ކަމަށް އެންގުމާ އެކު އެ ކުށް މިހާރު ވަނީ އިސްލާހު ކުރެވިފަ އެވެ. އެކަމަށްޓަކައި ކިޔުންތެރިންގެ ކިބައިން މާފަށް އެދެމެވެ.