ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސެކިއުރިޓީ ވަރުގަދަ ކުރީ ސިޔާސީ ބޭނުމެއް އޮވެގެން ނޫން ކަމަށާއި އެއީ ގާނޫނުގައި އެކަން ކުރަން އެމްއެންޑީއެފްއަށް ލާޒިމް ކުރާތީ ކަމަށް ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު ވިދާޅުވެއްޖެ އެވެ.
ނިހާން މިހެން ވިދާޅުވީ ރައީސް މައުމޫންގެ ހަށިކޮޅަށް ގެއްލުމެއްދޭން އުޅޭ ކަމަށް އިންޓެލިޖެންސަށް ލިބުމާ ގުޅިގެން ސިފައިން މ. އެނދެރިމާގޭގައި ސެކިއުރިޓީ ވަރުގަދަކޮށް، ގެއަށް ވަންނަ މީހުންގެ ނަންނޯޓު ކުރަމުންދާތީ އެކަމަށް އިދިކޮޅު ފަރާތްތަކުން ފާޑު ވިދާޅުވަމުން ދަނިކޮށެވެ. އެކަން އިދިކޮޅު ފަރާތްތަކުން ސިފަ ކުރަނީ ރައީސް މައުމޫން ގޭބަންދު ކުރުން ގޮތުގަ އެވެ.
ނަމަވެސް ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭން ޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ގާނޫނު ހެދުމުގައި އިސްކޮށް އުޅުއްވި މެންބަރެއްގެ ހައިސިއްޔަތުން ރޭ "އަވަސް"އަށް ނިހާން ވިދާޅުވީ ރައީސްކަންކޮށްފައިވާ މީހަކަށާއި އޭނާގެ އާއިލާއަށް އެކަށީގެންވާ ރަނގަޅު ފެންވަރެއްގެ ހިމާޔަތާއި ރައްކާތެރިކަން އެމްއެންޑީއެފް އިން ދޭން ޖެހޭނެ ކަމަށް އެ ގާނޫނުގެ ފަސްވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ދިމާވާ ހާލަތާއި، ލިބޭ އިންޓެލިޖެންސް މައުލޫމާތުގެ އަލީގައި ކުރީގެ ރައީސުންނަށް ދޭ އިނާޔަތާއި ރައްކާތެރިކަން ދިނުމުގެ މިންގަނޑަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް އެ ގާނޫނު ދިރާސަ ކުރި ކޮމިޓީން އެއްބަސްވެވުނު ކަމަށް ނިހާން ވިދާޅުވި އެވެ.
އެހެންކަމުން ރައީސް އެމްއެންޑީއެފްއަށް ލިބުނު އިންޓެލިޖެންސްއަކާ ގުޅިގެން ރައީސް މައުމޫންގެ ފުރަނާ ސަލާމަތް ކުރުމަށް ސެކިއުރިޓީ ވަރުގަދަ ކުރުމަކީ ރަނގަޅު ނިންމުމެއް ކަމަށާއި އެ ފިޔަވަޅަކީ ރައީސް މައުމޫންގެ ސިޔާސީ އެއްވެސް ބައްދަލުވުމަކަށް ދިޔުމަކަށް އޮތް ހުރަހެއް ނޫން ކަމަށް ނިހާން ވިދާޅުވި އެވެ.
"މިސާލަކަށް ދެ ސެކިއުރިޓީން ތިބެފައި ހަތަރު ސެކިއުރިޓީންނަށް ބަދަލު ކުރަން ޖެހިއްޖެއާ އެކަން ވެސް އެމްއެންޑީއެފް އިން ކުރަން ޖެހޭނެ، ތުރެޓް ލެވަލްގެ ގޮތުން ރައީސްކަން ކުރެއްވި މީހަކު ހަތިޔާރާއެކު ބަލަހައްޓަން ޖެހިދާނެ، އެގޮތަށް އެއްބަސްވެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގައި އިން މީހެއްގެ ހައިސިއްޔަތުން އަޅުގަނޑަށް ހަމަ ޔަގީން އެމްއެންޑީއެފް އިން އެ އެޅުއްވީ ރަނގަޅު ފިޔަވަޅެއް ކަން،" ނިހާން ވިދާޅުވި އެވެ.
ނިހާން ވިދާޅުވީ ކަނޑައެޅިގެން ގާނޫނުގައި އޮތް ގޮތަކަށް އެމްއެންޑީއެފް އިން އަމަލު ކުރަމުންދާއިރު އެކަން ސިޔާސީ ގޮތުން ބޭނުންކޮށް ގޭ ބަންދު ކުރީ ކަމަށް ވާހަކަދެއްކުމަކީ ދެރަ ކަމެއް ކަމަށެވެ. އަދި ކޮންމެ މީހެއް ކަމުގައިވީ ނަމަވެސް ކުރީގެ ރައީސުންނަކީ މުހިންމު ބައެއް ކަމަށާއި އެ މީހުންނަށް ހައްގުވާ ސެކިއުރިޓީ ދިނުމަކީ އެމްއެންޑީއެފްގެ ގާނޫނީ ޒިންމާއެއް ކަމަށް ނިހާން ވިދާޅުވި އެވެ. އެހެންކަމުން ކުރިޔަށް އޮތްތަނުގައި ވެސް އެފަދަ މައުލޫމާތެއް ލިބޭނަމަ ރައީސުންގެ ސެކިއުރިޓީ ވެސް ވަރުގަދަ ކުރަން ޖެހޭނެ ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.
ރައީސް މައުމޫންގެ ހަށިކޮޅަށް ގެއްލުން ދޭން އުޅޭ ކަމަށް ބުނެ އެމްއެންޑީއެފް އިން އެމަނިކުފާނު ދިރިއުޅުއްވާ ގޭގެ ސެކިއުރިޓީ ވަރުގަދަކޮށްފައިވީ ނަމަވެސް އެކަމުގެ ތަފްސީލެއް އެމްއެންޑީއެފް އިން ހާމައެއް ނުކުރެ އެވެ. އަދި ނުރައްކަލެއް ވާނަމަ އޭގެ ތަފްސީލު ހާމަ ކުރަން އެދި ރައީސް މައުމޫން ވަނީ އެމްއެންޑީއެފްއަށް ސިޓީ ވެސް ހުށަހަޅާފަ އެވެ.