ރައީސް މައުމޫން އަބްދުލްގައްޔޫމް

ސެކިއުރިޓީއާއެކު މައުމޫން "ގޭބަންދެއް" ގައި!

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް، ހުންނެވީ ގޭބަންދެއްގަ ކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ. އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން ދަނީ، ރައީސް މައުމޫން ދިރިއުޅުއްވާ އެންދެރިމާގޭގެ، ސެކިއުރިޓީ ވަރުގަދަކޮށް ފޯރިމަރަން 24 ގަޑިއިރު ސިފައިން ތިބެން ފެށުމުންނެވެ.

އެ ގެއަށް ވަންނަ ކޮންމެ މީހެއްގެ ނަން ސިފައިން ނޯޓްކޮށް މައުލޫމާތު ނަގަމުންދަނީ، އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ރައީސް މައުމޫނަށް ގެއްލުމެއް ދިނުމަށް ބަޔަކު އުޅެފާނެ ކަމަށް ތުހުމަތުކޮށެވެ. ނަމަވެސް ރައީސް މައުމޫން ވަނީ އެފަދަ އެއްވެސް މައުލޫމާތެއް އެމަނިކުފާނަށް ލިބިވަޑައިގެންފައިނުވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެފަދަ ނުރައްކަލެއްވާނަމަ، އޭގެ ތަފްސީލް ހާމަކޮށްދޭން ރައީސް މައުމޫން އެދިވަޑައިގެންފައި ވެއެވެ.

މައުމޫން ގެއަށް ވަންނަ މީހުންގެ ނަން ނޯޓް ކޮށް، އެ ގޭގައި 24 ގަޑިއިރު ފޯރިމެރުން އިދިކޮޅު ފަރާތްތަކުން ސިފަކުރީ "މައުމޫން ގޭބަންދު ކުރުން" ކަމުގަ އެވެ.

މައުމޫންއާ ގާތް ގުޅުމެއް އޮންނަ، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވިދާޅުވެފައި ވަނީ ރައީސް މައުމޫން ހުންނެވީ ގޭބަންދުކޮށްފަ ކަމަށާއި އެއީ އެމަނިކުފާނު، އެހެން ލީޑަރުންނޭ އެއްގޮތަށް ޖަލަށްލާން މި ސަރުކާރަށް ނުކެރުމުން ކަމަށެވެ. ރައީސް މައުމޫންގެ ގެކޮޅަށް ވަންނަ އެންމެން ޗެކްކުރަމުން ދަނީ، އެމަނިކުފާނުގެ ސިޔާސީ އިދިކޮޅު މަސައްކަތްޕުޅަށް ހުރަސް އެޅުމުގެ ގޮތުން ކަމަށެވެ. އެއީ، އިދިކޮޅުގެ ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް ހުރަސް އެޅުމަށް ސަރުކާރުން ރާވައިގެން ހިންގާ ކަމެއް ކަމަށެވެ.

މަހުލޫފްގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް މިކަމާ ގުޅޭ ގޮތުން ވާހަކަ ދެއްކެވި އެވެ. ރައީސް ނަޝީދު ވިދާޅުވީ، ރައީސް މައުމޫންގެ ގެކޮޅަށް ވަންނަ ކޮންމެ މީހެއްގެ ނަން ނޯޓްކުރުމަކީ ހުދުމުހުތާރު އަމަލެއް ކަަމަށެވެ. އެކަން ބަދަލުކުރަންޖެހޭ ކަމެއް ކަމަށެވެ.

މައުމޫން ވަނީ އެމަނިކުފާނު ގޭގެ ސެކިއުރިޓީ ވަރުގަދަ ކޮށްފައިވަނިކޮށް ތަފާތު ޓްވީޓެއް ވެސް ކުރައްވާފަ އެވެ. ރައީސް މައުމޫން އެ ޓްވީޓްގައި ވިދާޅުވެފައިވަނީ، އެމަނިކުފާނުގެ ޓްވިޓާ އެކައުންޓްގެ ކޮންޓްރޯލް އޮތީ އެމަނިކުފާނު އަތްޕުޅުގައި ކަމުގެ ޔަގީން އަރުވާ ކަމަށެވެ. އެކަމުގައި އެހެން މީހަކު ޝާމިލު ނުވާ ކަމަށެވެ. ރައީސް މައުމޫން މި ޓްވީޓް ކުރެއްވީ ވަކި ކޮން ސަބަބަކާ ގުޅިގެން ކަމެއް ސާފެއް ނުވެ އެވެ. ނަމަވެސް އެފަދަ ޓްވީޓެއް ކުރައްވާނީ އެފަދަ ތުހުމަތުތަކެއް އަމާޒުވުމުންނެވެ.