ސްރީލަންކާގެ މިހާރުގެ ސަރުކާރަށް ތިންް އަހަރު ފުރުމާ ގުޅިގެން އެ ގައުމުގެ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް މައިތިރިޕާލާ ސިރިސޭނާގެ ސަރުކާރަށް ދެއްވައިފި އެވެ.
ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން އިއްޔެ ނެރުއްވި ދިގު ބަޔާނެއްގައި ރާޖަޕަކްސާ ވިދާޅުވެފައި ވަނީ ލަންކާގެ ތާރީހުގައި ވެސް އުފެދުނު ދަރަނީގެ އެންމެ ބޮޑު މައްސަލަ އުފައްދާފައި ވަނީ މިހާރުގެ ސަރުކާރުން ކަމަށެވެ. އެ ގޮތުންް ސަރުކާރުން ނަގާފައިވާ ލޯނު ތަކުން ކުރެވުނު ކަމެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.
ރާޖަ ޕަކްސާގެ ބަޔާނުގައި ސަރުކާރުން ނަގާފަައިވާ ލޯނުތަކުގެ ތަފާސް ހިސާބުތަކެއް ކަމަށް އޭނާ ވިދާޅުވާ އަދަދުތަކެއް ވެސް ވަނީ ހިމަނުއްވާފަ އެވެ.
"މި ސަރުކާރު ވެރިކަމަށް އައި ފަހުން މިވީ 36 މަސް ދުވަހުގެ ކުރު މުއްދަތުގައި ހަމަ އެކަނި ބޭރު ފައިސާއިން ނެގި ލޯނުގެ އަދަދު ވަނީ 14.6 ބިލިޔަން ޑޮލަރަށް އަރާފައި،" ރާޖަ ޕަކްސާގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
އޭނާ ވިދާޅުވެފައި ވަނީ އޭގެ ތެރެއިން ގިނަ ފައިސާ ހޯދާފައި ވަނީ ބޮންޑު ވިއްކައިގެން ކަަމަށެވެ. އެގޮތުން ޑިވެލޮޕްމެންޓް ބޮންޑް ވިއްކައިގެން 7.2 ބިލިޔަން ޑޮލަރު ހޯދާފައިވާ ކަމަށާއި ސަވަރެއިން ބޮންޑް ވިއްކައިގެން 3.6 ބިލިޔަން ޑޮލަރު ހޯދާފައިވާކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.
ރާޖަޕަކްސާ ތުހުމަތު ކުރައްވާފައިވާ ގޮތުގައި މިހާރުގެ ސަރުކާރުން ވަނީ ލަންކާ ފައިސާއިން ވެސް ވަރަށް ގިނަ އަދަދެއްގެ ފައިސާ ދަރަންޏަަށް ހޯދާފަ އެވެ. އެގޮތުން ޖުމްލަ 5.7 ޓްރިލިޔަން ރުޕީސް ދަރަންޏަށް ހޯދާފައިވާ ކަމަށްް ތުހުމަތު ކުރައްވާފައި ވެެއެވެ.
ސިރިސޭނާ ސަރުކާރުން ދަރަންޏަށް ފައިސާ ހޯދި އަދަދުތައް ކަމަށް ތުހުމަތު ކުރައްވާ އަދަދުތައް ވިދާޅުވުމަށް ފަހު ރާޖަޕަކްސާ ދެން ވިދާޅުވެފައި ވަނީ އޭނާގެ ސަރުކާރުގެ ދަރަނި އެއަށްވުރެ މާ ކުޑަ ކަމަށެވެ.
"އެމީހުން 2015 ވަނަ އަހަރު ވެރިކަމަށް އައީ އަހަރެންގެ ސަރުކާރުން ޕަވަޕްލާންޓްތަކާއި ބަނދަރުތަކާއި މަގުތަކާއި އެއާޕޯޓްތައް ހަދަން ނެގި ލޯނުތަކުގެ ސަބަބުން ދަރަނީގެ ބޮޑު މައްސަލަަގަނޑެއް އުފެދިފައިވާ ކަމަށް ދައުވާ ކުރަމުންނެވެ،" ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
އޭނާ ވިދާޅުވެފައި ވަނީ އޭރު އެގޮތަށް ދައުވާ ކުރިޔަސް އޭނާގެ ސަރުކާރުން ދަރަނީގެ ގޮތުގައި ހޯދާފައިވަނީ 3.9 ބިލިޔަން ޑޮލަރަށް ވުރެ މަދު އަދަދެއް ކަމަށެވެ.
ރާޖަޕަކްސާ މިމޭރުމުން ވާހަކަ ދައްކަވާފައި މިވަނީ ހިޔާނާތާއި ފަސާދައިގެ އަމަލުތައް ހިންގެވި ކަމުގެ ތުހުމަތަށް އޭނާގެ ސަރުކާރުގެ ބައެއް އިސް ބޭފުޅުންނާ ދެކޮޅަށް ތަހުގީގުތަކާއި ޝަރީއަތްތައް ހިންގަމުންދާ ވަގުތެއްގަ އެވެ. ރާޖަޕަކްސާ ސަރުކާރުގައި ހިޔާނާތްތެރިން ތިބި ކަމަށް ބުނާ ބުނުމަށް ވެސް އޭނާ ވަނީ ދާދި ފަހުން ރައްދު ދެއްވާފައެވެ. އެގޮތުން ވިދާޅުވީ އޭނާގެ ސަރުކާރުގައި ހިޔާނާތްތެެރިން ތިބި ނަމަ އެބޭފުޅުން މިހާރު ތިއްބެވީ މިހާރުގެ ސަރުކާރުގައި ކަމަށެވެެ.
ރާޖަ ޕަކްސާ ސަރުކާރުގައި އިސް މަގާމުތައް އަދާކުރެއްވި ބޭފުޅުންގެ ތެރެއިން މިހާރުގެ ސަރުކާރުގައި ހުންނެވި އެންމެ ފާހަގަކޮށްލެވޭ ބޭފުޅަކީ ރައީސް ސިރިސޭނާއެވެ. ސިރިސޭނާއަކީ ރާޖަޕަކްސާގެ ސަރުކާރުގައި ހެލްތު މިނިސްޓަރަކަށް ހުންނެވި ބޭފުޅެކެވެ.