ވިޔަފާރި

ސަން އައިލެންޑުގެ ޖީއެމްގެ މަގާމުން މައުސޫމް ވަކިވެވަޑައިގެންފި

ސަން އައިލެންޑު ރިސޯޓް އެންޑް ސްޕާގެ، ޖެނެރަލް މެނޭޖަރުގެ މަގާމުން، ޑރ. އަބްދުﷲ މައުސޫމް ވަކިވެވަޑައިގެންފި އެވެ.

މައުސޫމް "އަވަސް" އަށް މިއަދު ވިދާޅުވީ ސަން އައިލެންޑުގެ ޖީއެމްގެ މަގާމު ވަކިވެވަޑައިގަތީ އަމިއްލަ މަސައްކަތަށް ވަގުތު ދިނުމުގެ ގޮތުން ކަމަށެވެ.

މައުސޫމް ސަން އައިލެންޑުގެ ޖީއެމްގެ މަގާމު ހަތަރު އަހަރު ހިދުމަތް ކުރެއްވި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓުގެ ޖީއެމްގެ މަގާމަށް މައުސޫމް ވަޑައިގެން އެ ރިސޯޓަށް ވަނީ ބޮޑު ބަދަލެއް ގެނެސްދެއްވާފަ އެވެ. މިގޮތުން ކުރެއްވި މަސައްކަތުން މުވައްޒަފުންގެ މޯޓިވޭޝަން ރަނގަޅު ވެގެން ދިޔައިރު، ރިސޯޓުގެ ހިދުމަތުގެ ފެންވަރު ވަނީ ބޮޑު ތަކުން މަތިކޮށްފަ އެވެ.

ޖީއެމްގެ މަގާމުން މައުސޫމް ވަކިވެވަޑައިގެންނެވިއިރު ފަހަކަށް އައިސް ސިޔާސީ ޕޯޑިއަމް ތަކުން އޭނާ ދަނީ ފެންނަމުންނެވެ. ގުޅިފައިވާ އިއްތިހާދުން ކުނޫޒްގައި ބާއްވާ ޖަލްސާތަކުގައި އޭނާ ވާހަކަ ދައްކަވާތަން ފެނެ އެވެ.

ރާއްޖޭގެ ޓޫރިޒަމްގެ ގިނަ ތަޖުރިބާ ތަކެއް ކުރައްވާފައިވާ މައުސޫމް ވަނީ ޓޫރިޒަމް ޕްރޮމޯޝަން ބޯޑުގައި 2004-2007 އަށް ހިދުމަތް ކުރައްވާފަ އެވެ. އަދި ފަހުން، ހއ. ކެލާ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރުކަން ވެސް ކުރެއްވި އެވެ. މީގެ އިތުރުން އެސްޓީއޯ އާއި އެމްޓީސީސީ ފަދަ ކުންފުނިތަކުގެ ބޯޑުގައި ވެސް ހިދުމަތް ކުރެއްވި އެވެ.

ވިލާ ގްރޫޕުން ދާދި ފަހުން ވަނީ ސީނިޔަ މެނޭޖުމަންޓަށް ބަދަލެއް ގެނެސްފަ އެވެ. މި ގެނައި ބަދަލާއެކު ކުރިން ޕެރަޑައިސް އައިލެންޑް ރިސޯޓުގެ ޖީއެމްގެ މަގާމުގައި ހުންނެވި، ގައިސަރު ނަސީމް ވަނީ، ގްރޫޕް ޖެނެރަލް މެނޭޖަރުގެ މަގާމަށް ބަދަލުކޮށްފަ އެވެ.