އަންހެނުންނަށް ވަޒީފާ ލިބޭ މިންވަރު މަދުކަމުން ސައުދީ އަރަބިއްޔާގެ ޝޫރާ ކައުންސިލުން އެގައުމުގެ ސަރުކާރަށް ފާޑުކިޔައިފިއެވެ.
ސައުދީ ގެޒެޓް ނޫހުން ބުނީ ސައުދީ އަންހެނުންނަށް ވަޒީފާ ނުލިބޭ މައްސަލަ ބިރުގަންނަހާ ބޮޑަށް އޮތް އިރު އެކަން ހައްލު ކުރަން ލޭބަ މިނިސްޓްރީން މަސައްކަތް ނުކުރާތީ ޝޫރާ ކައުންސިލުގެ އެތައް މެމްބަރުންނެެއް އެ މިނިސްޓްރީއަށް ފާޑުވިދާޅުވި ކަމަށެވެ.
ލޭބަ މިނިސްޓްރީއަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވަމުން މެމްބަރު ފަހުދު ޖޫމާ ވިދާޅުވީ ސައުދީގައި ވަޒީފާނެތް 1.23 މިލިޔަންް މީހުން ތިބި އިރު އެމީހުންގެ 84.5 ޕަސެންޓަކީ އަންހެނުން ކަމަށެވެ. ޖުމާ ވިދާޅުވީ ވަޒީފާ ނެތް މީހުންގެ ނިސްބަތަކީ 5.8 ޕަސެންޓް ކަމަށް ލޭބަ މިނިސްޓްރީން ބުނެފައި ވަނީ ސައުދީ ރައްޔިތުންގެ މެދުގައި އެ މައްސަލަ އޮތް މިންވަރު ރަނގަޅަށް ނުބަލާ ކަމަށެވެ. ސައުދީ އަރަބިއްޔާގައި ވަޒީފާ އަދާކުރާ މީހުންގެ 78 ޕަސެންޓަކީ ބިދޭސީންކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
ސައުދީ ޝޫރާ ކައުންސިލުގައި މެމްބަރުން މިމޭރުމުން ވާހަކަފުޅު ދެއްކެވީ އެގައުމުގެ ލޭބަ މިނިސްޓްރީގެ އަހަރީ ރިޕޯޓަށް ބަހުސް ކުރުމަަށް އަންގާރަދުވަހު ބޭއްވި ޖަލްސާއެއްގައެވެ. އެ ޖަލްސާގައި ވާހަކަ ދެއްކެވި ބައެއް މެމްބަރުން ވަނީ ތަފާސް ހިސާބުތަކާ ބެހޭ އިދާރާއިން އާއްމުކޮށްފައިވާ ރިޕޯޓްގައި ހުރި ބައެއް މައްސަލަތައް ވެސް ފާހަގަ ކުރައްވާފައެވެެ.
ސައުދީ އަރަބިއްޔާ ބަދަލުކޮށްލުމަށް އެގައުމުގެ ނުފޫޒު ގަދަ ވަލީއަހުދު އަދި ޑިފެންސް މިނިސްޓަރު މުހައްމަދު ބިން ސަލްމާން މަސައްކަތްތަކެއް ފެއްޓެވި ފަހުން އަންހެނުންގެ ހައްގުތަކުގެ އަޑު އެގައުމުގައި ވަނީ ގަދަވެފައެވެ. އަދި އެގައުމުގެ އަންހެނުންނަށް ކުރިން ނުލިބި ހުރި ބައެއް މިނިަވަންކަން ވެސް މިހާރު ވަނީ ދީފައެވެ. އެގޮތުން ކާރު ދުއްވުމާއި ސްޓޭޑިއަމް ތަކަށް ވަނުމުގެ ފުުރުސަތު މިހާރު ވަނީ ދީފައެވެެ.