ސެކިއުރިޓީ ކަންކަން ފޯރުކޮށްދޭނީ ހަމަޖެހިފައި އޮންނަ އުސޫލުތަކުގެ ތެރެއިން ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.
އެމްއެންޑީއެފް އިން މިހެން ބުނީ ރައީސް މައުމޫންގެ ރައީސް މައުމޫންގެ ހަށިކޮޅަށް ގެއްލުމެއްދޭން އުޅޭ ކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބިފައިވާ ކަމަށް ބުނެ އެމަނިކުފާނު ދިރިއުޅުއްވާ މ. އެނދެރިމާގޭގައި ސެކިއުރިޓީ ވަރުގަދަކޮށް، ގެއަށް ވަންނަ މީހުންގެ ނަންނޯޓު ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.
އެކަމާ ގުޅޭ ގޮތުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ "ސެކިއުރިޓީގެ ކަންކަން ކުރިޔަށް ގެންދަނީ ހަމަޖެހިފައި އޮންނަ އުސޫލުގެ ތެރެއިން ކަމަށާއި އެކަމާ ގުޅޭ ގޮތުން މީޑިއާއާ ހިއްސާ ކުރަން ޖެހޭ މައުލޫމާތެއް އޮތް ނަމަ އަނގާނެ" ކަމަށެވެ.
ރައީސް މައުމޫންގެ ހަށިކޮޅަށް ގެއްލުން ދޭން އުޅޭ ކަމަށް ބުނެ އެމްއެންޑީއެފް އިން އެމަނިކުފާނު ދިރިއުޅުއްވާ ގޭގެ ސެކިއުރިޓީ ވަރުގަދަ ކޮށްފައިވާއިރު ނުރައްކަލެއް ވާނަމަ އޭގެ ތަފްސީލު ހާމަ ކުރަން އެދި ރައީސް މައުމޫން ވަނީ އެމްއެންޑީއެފްއަށް ސިޓީ ވެސް ހުށަހަޅާފަ އެވެ. ނަމަވެސް މިހާތަނަށް ވެސް އެކަމާ ގުޅޭ ތަފްސީލެއް ހާމައެއް ނުކުރައްވަ އެވެ.
އެހެންކަމުން އިދިކޮޅު ފަރާތްތަކުން ބުނަމުން އަންނަ ގޮތުގައި ރައީސް މައުމޫން މިވަގުތު ހުންނެވީ "ގޭބަންދެއް" ގައި ކަމަށާއި އެމްއެންޑީއެފް އިން ސެކިއުރިޓީ ވަރުގަދަކޮށް މައުލޫމާތުތައް ނަގަނީ، ސަރުކާރުން އަނގައިގެން ރައީސް މައުމޫން ސިޔާސީ ހަަރަކާތްތަކަށް ދިޔުމަށް ހުރަސް އެޅުމުގެ ގޮތުން ކަމަށެވެ.