ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާދިން އިރު އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއެކު ސިފައިންގެ ބައެއް އިސް އޮފިސަރުން ބިރުން ފިލައިތިބިކަމަށް ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) މިއަދު ރައްޔިތުންގެ މަޖިލީހުގައި ތުހުމަތު ކުރައްވައިފި އެވެ.
މާލޭގައި ޓެކްސީ ކުރާ ހަމައެކަނި އަންހެން ޑްރައިވަރު، އާމިނަތު ވަހީދާގެ ކާރަށް ތަކުރާރުކޮށް ގެއްލުންދިނުން ހުއްޓުވައި ދިނުމަށް ގޮވާލައި މަޖިލީހަށް މިއަދު ހުށެހެޅުނު ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން އަހުމަދު ހަލީމް ވިދާޅުވީ ހުށަހެޅިގެން އުޅޭ މައްސަލައިގެ އިތުރުން، މާދަމާ ފާހަގަކުރާ ނަސްރުގެ ދުވަހު، ރާއްޖެ ސަލާމަތްކޮށްދިން އިންޑިއާއާ ދެކޮޅަށް އިދިކޮޅުން އިސްވެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެ ދުވަހު ރާއްޖެއަށް ކުރިމަތިވި ބިރުވެރިކަމާއި އެ ކަމުން ސަލާމަތް ކޮށްދިނުމަށް އިންޑިއާކޮށް ދިން ހިދުމަތް ގާތުން ފެނިވަޑައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ނޮވެމްބަރު 3 ގައި ބަނޑޭރިގެއިން ނުކުމެ ހައެއްކަ ސިފައިން ގައުމަށްޓަކާ ޝަހީދުވެ ގުރުބާންވީ ކަމަށާއި، އެކަމަށްޓަކާ އެ މީހުންނަށް ޝުކުރު ހައްގުވާ ކަމަށެވެ.
ނަމަވެސް ހަމަލާ ދީފާނެކަމުގެ ބިރަށްޓަކައި ބައެއް ސިފައިން ފިލައި ތިބި އިރު، ސިފައިންގެ ބައެއް އިސް މީހުން ކޮނޑަށް އަރާފައިހުރި ފަށްތައް ނައްޓާލައިގެން އުޅުނު ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.
"ސިފައިންގެ ތެރޭގައި އެންމެ ގިނައިން ފައިސާ ނަގައިގެން ޖެނެރަލުންނަށްވެފައި ތިބި މީހުން ތިބި ސައިފަތް ފޮށިގަނޑު ތެރެއަށް އެރި. ދޮންނަ މެޝިނުގެ ފޮށިގަނޑު ތެރެއަށް އެރި ތިބި މީހުންވެސް. އޭރު ތިން ފަށް ޖަހާފައި ތިބި މީހުން ފަށް ވެސް ނައްޓާލައިގެން ތިބި، އެއީ ފަހަރެއްގައިވެސް ފެނިއްޖެއްޔާ އޭނާ ބޮޑު މީހެއް ކަމަށްވީމާ އަނިޔާކޮށްފާނެތީ. އެވަރުގެ ސިފައިންވެސް ތިބި އެނގޭތޯ،" ދިވެހި ސަރުކާރުގެ އެދުމުގެ މަތިން ރާއްޖެ ސަލާމަތްކޮށް ދިނީ އިންޑިއާ އިން ކަން ތަކުރާރުކުރައްވަމުން އަހުމަދު ސަލީމް ވިދާޅުވި އެވެ.
އޭނާގެ ތުހުމަތުތަކާ ގުޅިގެން އިދިކޮޅު މެމްބަރުން ވަނީ ނިޒާމީ ނުކުތާ ނަގައިގެން، ނޮވެމްބަރު 3 ގެ ހަމަލައިން ރާއްޖެ ސަލާމަތްކުރުމުގައި ދިވެހި ސިފައިންވި ގުރުބާނީ ކުޑައިމިސްކޮށް، އަގުވެއްޓޭ ވާހަކަދައްކާތީ ކަންބޮޑުވުން ފާޅުކޮށްފައި އެވެ.
އެކަމާ ގުޅިގެން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ސައިފަތާއި ދޮންނަ މެޝިނު ހުސްކުރި ފޮށިގަނޑަށް އެރި ފިލައިތިބި ބޭފުޅުންގެ ވާހަކަތައް ސާބިތުނުކުރެވޭގޮތަށް މަޖިލީހުގައި ނުދެއްކެވުމަށް އެދިވަޑައިގެންފައި އެވެ.
ނަމަވެސް، ދޮންބިލެތް ވިދާޅުވީ ނޮވެމްބަރު 3 ގައި ކަން ހިނގާ ދިއަ ގޮތް އޭނާއަށް އޮޅުވާނުލެވޭނެކަމަށާއި، އެ ދުވަހު ރާއްޖެ ސަލާމަތް ކޮށްދިނުމަށްފަހު، އިންޑިއާ ސިފައިން ފާބައިގެން ދިއައީ، ދިވެހި ރައްޔިތުން މަގުމައްޗަށް ނުކުމެ "އިންޑިއާ އައުޓް" ގޮވައިގެން ނޫން ކަމަށެވެ.
"އެ ދުވަހުގެ ޑިފެންސް މިނިސްޓަރ އޮތީ ފާރެއް މަތިން ފުންމާލައިގެން އަތް ބިިންދައިގެން ގޮސްގެން. ރައީސުލްޖުމްހޫރިއްޔާވެސް އޮތީ ގޮށްޓެއްގެ ދަށަށް ވަދެ ފިލައި،" އޭނާ ވިދާޅުވި އެވެ.
އެހެންކަމުން މިއަދު އިންޑިއާ އައުޓްއޭ ކިޔައިގެން އިންޑިއާ އާ ދެކޮޅަށް ކުރާ މަސައްކަތް ބަލައިނުގަނެވޭނެކަމަށް އޭނާ ވިދާޅުވި އެވެ.
ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި ދިވެހިންގެ ބަޔަކު އިސްވެތިބެ ލަންކާގެ ޕްލޮޓް ޖަމާއަތާ ގުޅިގެން ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު މަރައި ޝަހީދުކޮށްލި އެވެ.
ނޮވެމްބަރު 3 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި އާއްމުންގެ 11 މީހަކާއި އަށް ސިފައިންގެ މީހުން ޝަހީދުވި އެވެ. އަދި އިންޑިއާ ސިފައިން ރާއްޖެ އެހީތެރިވެދޭނެ އައިއިރު ރާއްޖެ އެރި ތަމަޅައިގެން ގްރޫޕުގެ ބޮޑުން މަރުވެ، އެ މީހުންގެ ތިބީ ބަލިވެ ފިލަންދާ ހާލަތުގަ އެވެ.