ފިނިޕޭޖް

އެންމެން ކަޅު ހެދުން ލީއިރު ބްލެންކާ ލީ ރަތް ހެދުމެއް

ނިމިގެންދިޔަ ގޯލްޑެން ގޮލޯބްސް އެވޯޑުގައި ހޮލީވުޑްގެ ތެރޭގައި އޮތް ޖިންސީ ފުރައްސާރައާ ދެކޮޅަށް ހިންގާ ޓައިމްސް އަޕް ކެމްޕެއިންގެ ދަށުން ހުރިހާ ފަންނާނުންހެން އެ ހަފްލާގައި ބައިވެރިވީ ކަޅު ހެދުމުގަ އެވެ. އެކަމަކު އެއް ފަންނާނު ފިޔަވަ އެވެ.

ބްލެންކާ ބްލެންކް އެ ހަފްލާއަށް ދިޔާއީ ރަތް ހެދުމެއްގަ އެވެ. މިއާއެކު އޭނާއަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ.
މީޑިއާއަށް ވާހަކަ ދައްކަމުން ބްލެންކާ ބުނީ އެނާ ރަތް ހެދުމެއް ލީ އެއީ އެނާ އެންމެ ލޯބިވާ ކުލަކަމަށް ވާތީ ކަމަށެވެ. އަދި ރަތް ހެދުމެއް ލުމަކުން ޓައިމްސް އަޕް ކެމްޕެއިނާ ދެކޮޅުވީ ކަމަށް ނުވާނެ ކަމަށް ވެސް އެނާ ބުންޏެވެ.

އެކި ފުރައްސާރަތަކާއެކު ވެސް ހިތްވަރާއެކު މަސައްކަތް ކުރަމުންދާ ފަންނާނުން ހޮލީވުޑްގައި އެބަ ތިބި ކަމަށާއި، އެ ފަންނާނުންގެ އެ ހިތްވަރަށް އަބަދުވެސް ތަރުހީބު ދޭނެކަމަށް ބްލެންކާ ބުންޏެވެ. އަދި ޓައިމްސް އަޕް ކެމްޕެއިނާއެކު ހެޔޮ ބަދަލުތައް ވެސް މިހާރު ފެންނަމުންދާކަން ގަބޫލުކުރާ ކަމަށް އެނާ ބުންޏެވެ.

ބްލެންކާއަށް ފަޑު ކިޔަމުންދާ މީހުނަށް ރައްދުދެމުން އޭނާ ބުނީ ޓައިމްސް އަޕް ކެމްޕެއިން ކަހަލަ ކެމްޕެއިންތައް ހިންގަންޖެހެނީ ވެސް މިއަދު އޭނާއަށް ކުރިމަތިވެފައިވާ ކަހަލަ ފާޑުކިޔުންތައް ފަންނާނުންނަށް އަމާޒުވަމުންދާތީ ކަމަށެވެ.

މިއީ ބްލެންކާ މީޑިއާގެ ސަމާލުކަން ހޯދަން ޖެއްސި ޕަބްލިކް ސްޓަންޓެއް ކަމަށް ވެސް ބައެއް މީޑިއާތަކުގައި ބުނެފައިވެ އެވެ.