ސްރީލަންކާ

ލަންކާ ޕާލަމެންޓް ހޫނުވެ، ބޮޑުވަޒީރަށް ވަގަށް ގޮވައިފި

އަވަށްޓެރި ސްރީލަންކާ ޕާލަމެންޓުގައި މިއަދު ބޭއްވި ކުއްލި ޖަލްސާ ހޫނުވެ، އިދިކޮޅު މެމްބަރުން ބޮޑުވަޒީރު ރަނިލް ވިކްރަމަސިންްހަ އަށް "ވަގަށް" ގޮވައިފި އެވެ.

"ހިރު ނިއުސް" އިން ބުނީ ޕާލަމެންޓުގައި ޒުވާބު އުފެދުނީ އެގައުމުގައި މިހާރު ފެންމަތިވެގެން އުޅޭ ބޮންޑް މައްސަލައާ ބެހޭ ގޮތުން ބޮޑުވަޒީރު ރަނިލް ބަޔާނެއް ދެއްވަން އުޅުއްވުމުން ކަމަށެވެ.

ބަޔާން ދެއްވަން ރަނިލް ތެދުވެވަޑައިގެންނެވުމާއެކު އިދިކޮޅު މެމްބަރުން ވަނީ ރިޔާސަތު ކައިރިއަށް އެއްވެ އަޑުގަދަ ކޮށްފަ އެވެ. އެގޮތުން އެއްވި މެމްބަރުން ހަޅޭފުޅު ލެއްވީ ރަނިލް އަކީ "ވަގެއް" ކަމަށް ވިދާޅުވެ އެވެ. އެގޮތަށް ކަންތައް ހިނގުމުން ޕާލަމެންޓްގެ ސްޕީކަރް ކަރޫ ޖަޔަސޫރިޔާ ވަނީ ޖަލްސާ 10 މިނެޓަށް މެދު ކަނޑާލާފަ އެވެ.

އޭގެ ފަހުން ޑެޕިއުޓީ މިނިސްޓަރު ލަސާންތަ އަލަގިޔަވަންނަ ވިދާޅުވީ ބޮންޑް މައްސަލައިގެ ރިޕޯޓް އިއްވުން އޮންނާނީ މިމަހުގެ 17 ވަނަ ދުވަހު ބާއްވާ ޖަލްސާއެއްގައި ކަމަށެވެ. އެ މައްސަލައާ ބެހޭ ގޮތުން ސަރުކާރުގެ ފަރާތުން ބޮޑުވަޒީރު ރަނިލް ބަޔާނެއް ދެއްވިއެވެ. ލަންކާ ސެންޓްރަލް ބޭންކުން ބޮންޑު ވިއްކުމުގައި ހިނގާފައިވާ ހިޔާނާތުގެ އަމަލުތައް ތަހުގީގު ކުރަންް ސަރުކާރުން އަޅާފަައިވާ ފިޔަވަޅުތަކުގެ ތަފުސީލު ރަނިލްގެ ބަޔާނުގައި ވިދާޅުވި އެވެ.

ނަމަވެސް އޭގެ ޖަޔަސޫރިޔާ އިއުލާނު ކުރެއްވީ ދެން ޖަލްސާއެއް އޮންނާނީ ޖެނުއަރީމަހުގެ 23 ވަނަ ދުވަހު ކަމަށެވެ.

ޕާލަމެންޓް ހޫނިވި ވަގުތު އިދިިކޮޅު މެމްބަރެއް ކަމަށްވާ ކަވިންދާ ޖަޔަރަވްދަނާ ހޭފުޅު ނެތިގެން ވެއްޓިވަޑައިގަތް ކަމަށާއި އޭނާއަށް ހޮސްޕިޓަލުގައި ފަރުވާ ދިން ކަމަށް ވެސް ނޫހުން ބުންޏެވެ. ނަމަވެސް އޭނާ ހޭފުޅު ނެތުނީ ކޮން ސަބަބަކާ ހެދި ކަމެއް އެއްވެސް ނޫހަކުން ނުބުނެއެވެ.