ބޮލީވުޑް

"ކްރިޝް 4" 2020 ގައި ރިލީޒްކުރަނީ

Jan 11, 2018
1

މިއީ ހަމަ ޔަގީނުން ވެސް ރިތިކްގެ ފޭނުންނަށް އުފާވެރި ހަބަރެކެވެ. ރިތިކްގެ އުފަންދުވަހު އޭނާގެ ބައްޕަ ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ރާކޭޝް ރޯޝަން ވަނީ "ކްރިޝް 4" ރިލީޒްކުރާ ދުވަސް އިއުލާންކޮށްފަ އެވެ.

މީގެކުރިން އުފެއްދި މި ސިލްސިލާގެ ތިން ފިލްމު ވެސް ޑައިރެކްޓްކޮށްފައިވާ ރާކޭޝް އެކަން އިއުލާންކުރަމުން ކުރި ޓްވީޓެއްގައި ވަނީ "ކްރިޝް 4" ރިލީޒްކުރާ ދުވަސް ހާމަކުރަން އިއްޔެ އަކީ އެންމެ މުނާސަބު ދުވަސް ކަމަށެވެ. 2020 ވަނަ އަހަރުގެ ޑިސެމްބަރުގައި އެ ފިލްމު ރިލީޒްކުރާނެ ކަމަށް ރާކޭޝް ވަނީ ބުނެފަ އެވެ.

އަދި އޭނާ ވަނީ "ކްރިޝް 4" 2020 ގެ ޑިސެމްބަރުގައި ރިލީޒްކުރާކަން އިއްޔެ އިއުލާންކުރީ ރިތިކްގެ އުފަންދުވަހު އޭނާގެ ފޭނުންނަށް ހަދިޔާއެއް ދިނުމުގެ ގޮތުން ކަމަށެވެ.

ސައިންސްފިކްޝަން ސުޕަހީރޯ ސިލްސިލާ މި ފިލްމުތަކުގެ މިހާތަނަށް ނެރުނު ތިން ފިލްމުގެ ލީޑްރޯލުން ވެސް ފެނިގެން ގޮސްފައިވަނީ ރިތިކެވެ. ފުރަތަމަ ފިލްމު، "ކޮއި.. މިލް ގަޔާ" ގައި އޭނާ އާއެކު ބަތަލާގެ ރޯލުން ޕްރިތީ ޒިންތާ ފެނިގެން ދިޔައިރު ދެވަނަ ފިލްމު "ކްރިޝް" އާއި ތިން ވަނަ ފިލްމު "ކްރިޝް 3" ގައި ފެނިގެން ގޮސްފައި ވަނީ ޕްރިޔަންކާ ޗޯޕްޅާ އެވެ. އަދި ތިން ވަނަ ފިލްމުގެ ނުބައިބައި ރޯލަކުން ކަންގަނާ ރަނާވަތު ވެސް ވަނީ ފެނިގެން ގޮސްފަ އެވެ.

މި ސިލްސިލާގެ ހަތަރު ވަނަ ފިލްމުގައި ރިތިކާ އެކު ބަތަލާގެ ރޯލުން ފެނިގެންދާނެ ތަރިއަކު އަދި ހަމައެއް ނުޖައްސަ އެވެ. ނަމަވެސް ބަތަލާ ޔާމީ ގޯތަމަށް އެ ރޯލު ހުށަހެޅި ކަމުގެ އަޑުތަކެއް އަރާފަ އެވެ.

"ކްރިޝް 4" ގެ ޝޫޓިން ފަށާނެ ދުވަހެއް އަދި ހާމަކޮށްފައިނުވާއިރު، ރިތިކް މިހާރު އަންނަނީ މެތަމެޓީޝިއަން އާނަންދް ކުމާރުގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމުގެ ޝޫޓިން ފަށަން ތައްޔާރުވަމުންނެވެ.