ކަނޑުމަތީގެ ހާދިސާ

މަހަށް ދިޔަ ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފި

މަސްވެރި ކަމަށް ނުކުމެ އުޅުނު ދޯންޏެއްގެ ހަބަރެއް ނުވެގެން ކޯސްޓްގާޑުން އެ ދޯނި ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ ގެއްލިގެން ހޯދަނީ ތ.ބުރުނީގެ "ނޫރު" ނަމަކަށް ކިޔާ ދޯނި ކަމަށެވެ. އެ ދޯންޏާއި އެންމެ ފަހުން ގުޅިފައި ވަނީ މިމަހުގެ ހަ ވަނަ ދުވަހު ހދ. ނޮޅިވަރަމާއި ދިމާ ބޭރުގައި ވަނިކޮށް ކަމަށް ދޯނީގެ ވެރިފަރާތާ ހަވާލާދީ އެމްއެންޑީއެފުން ބުންޏެވެ.

އެގާރަ ދިވެހިންނާއިއެކު މަސްވެރިކަމު ނުކުތް ދޯނީގެ ހަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރްސީސީ) އަށް މަޢުލޫމާތު ލިބިފައި ވަނީ މިއަދު ހެނދުނު 8:33 ހާއިރު އެވެ. ދިގަށް 65 ފޫޓުގެ އެ ދޯނީގެ ބޭރުގައި ލާފައި ވަނީ މަޑު ނޫކުލައިގެ ދަވާދެވެ. ދޯނީގެ ގެ ގަނޑުގައި ލާފައި ހުރީ ހުދު ކުލައިގެ ދަވާދެވެ.