އުމުރުން އެންމެ ހަތް އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށް މަރާލައި ކުނި ގޮނޑަކަަށް އެއްލާލާފައި އޮއްވައި ފެނިގެން ޕާކިސްތާނު ހޫނުވެ މީހުން މުޒާހަރާއަށް ނުކުމެއްޖެ އެވެ.
ޒައިނަބު ނަމަކަށް ކިޔާ އެކުއްޖާގެ ހަށިގަނޑު ޕާކިސްތާނުގެ ކަސޫރު ނަމަކަށް ކިޔާ ރަށުގެ ކުނި ގޮނޑަކަށް އެއްލާފައި އޮއްވައި ފެނުނީ އަންގާރަ ދުވަހުގެ ވަގުތެއްގަ އެވެ. ކުއްޖާގެ ހަށިގަނޑު ފެނުނީ އޭނާ ގެއްލިގެން ހޯދާތާ ދުވަސްތަކެއް ވީފަހުންނެވެ.
ޕާކިސްތާނު ފުލުހުން ބުނީ ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި އެ ރަށުގައި އެފަދަ 12 ޖަރީމާ ހިންގާފައިވާ ކަމަށެވެ. އެމީހުން ބުނީ އޭގެ ތެރެއިން ފަސް ހާދިސާއެއްގެ ތުހުމަތު ވަނީ އެކަކަށް ކަމަށާއި އޭނާ ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ބުނީ ޖަރީމާތަކަށް ތުހުމަތުވާ 90 މީހެއްގެ ޑީއެންއޭ ސާމްޕަލް ނަގާފައިވާ ކަމަށެވެ.
ބީބީސީ ބުނީ އެކުއްޖާގެ މަރާ ގުޅިގެން ކުރި މުޒާހަރާތަކުގައި މިއަދު ދެމީހުން މަރުވި ކަމަށެވެ. އެ ދެމީހުން މަރުވީ މުޒާހަރާ ކުރި މީހުން ޕޮލިސް ސްޓޭޝަނަކަށް ހަމަލާދޭން ފެށުމުން އެމީހުންގެ ތެރެއަށް ފުލުހުން ބަޑި ޖެހުމުންނެވެ.
ޒައިނަބުގެ މަރާ ގުޅިގެން ކަސޫރުގެ އިތުުރިން ޕާކިސްތާނުގެ އެހެން ސަރަހައްދުތަކުގައި ވެސް މީހުން ދަނީ މުޒާހަރާ ކުރަމުންނެވެ. އެ ކުއްޖާގެ އާއިލާއަށް އިންސާފު ހޯދައިދޭން ޕާކިސްތާނުގެ މަޝްހޫރު ކުރިކެޓް ކުޅުންތެރިން އަންނަނީ ގޮވައިލަމުންނެވެ. އެކަން ތަހުގީގު ކުރަން ފުލުހުންނަށް އެހީވާން އެ ގައުުމުގެ ސިފައިން ވަނީ ހުށަހަޅާފަ އެވެ.
ޒައިނަބު ގެއްލުނީ ގުރުއާން ކިޔަވަން ކްލާހަކަށް ދަނިކޮށެވެ. އޭނާގެ ހަށިގަނޑު ފެނުނީ އޭނާ ދިރިއުޅުނު ގެއާ ދެ ކިލޯމީޓަރު ދުރުގައިވާ ތަނަކުންނެވެ. އާއިލާއިން ތުހުމަތު ކުރާ ގޮތުގައި ޒައިނަބު ގެއްލުނުކަން ރިޕޯޓް ކުރުމުން ފުލުހުން އޭނާ ހޯދަން ޕާކިސްތާނު ފުލުހުން އެކަށީގެންވާ މަސައްކަތެއް ނުކުރެ އެވެ.
"ފުލުހުން ވަގުތުން ފިޔަވަޅު އެޅި ނަމަ ޖަރީމާ ހިންގި މީހާ އަތުލައިގަނެވުނީސް،" ޕާކިސްތާނުގެ ޖިއޯ ޓީވީއާ ވާހަކަ ދައްްކަމުން ޒައިނަބުގެ ބައްޕަ ބުނެފައި ވެއެވެ.