ރިޕޯޓް

ނިމްސްއާއެކު ހޮސްޕިޓަލްގެ އުއްމީދު އަދިވެސް ބޮޑު!

އުތުރުގެ ހިތުގެ ގޮތުގައި ސިފަކުރެވޭ، ހދ. ކުޅުދުއްފުށީގައި ހުންނަ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ، އާބާދީ ބޮޑު އުތުރުގެ ތިން އަތޮޅުގެ ރައްޔިތުން ހިދުމަތް ހޯދަމުންދާ ވަރަށް "ބިޒީ" ހޮސްޕިޓަލެކެވެ. ކޮންމެ ދުވަހަކު އެތައް ބަޔަކަށް ފަރުވާދޭއިރު އެ ހޮސްޕިޓަލަކީ ރާއްޖޭގައި އެންމެ ގިނައިން މީހުންދާ އެއް ހޮސްޕިޓަލަށް ވެސް ވާނެ އެވެ. ހޮސްޕިޓަލްގެ ފެންވަރު ރަނގަޅު ކުރުމަށް އެކި ސަރުކާރުތަކުން ގިނަ ފިޔަވަޅުތަކެއް އެޅި ނަމަވެސް އެންމެ ބޭނުންވާ ތަރައްގީ މިހާތަނަށް ވެސް އެ ހޮސްޕިޓަލަށް އޮތީ ނުލިބި އެވެ. ނަމަވެސް ރައީސް އަބްދުﷲ ޔާމީނުގެ މި ސަރުކާރުން ބޮޑު ފިޔަވަޅެއް އަޅައި، އުއްމީދާއެކު ހުވަފެނީ މަސައްކަތެއް ފެށި އެވެ. ސިއްހީ ބޮޑު އިންގިލާބަކަށް ކުޅުދުއްފުށީ ހޮސްޕިޓަލް ވެގެންދާނެ ކަމުގެ ރީތި ޗާޓެއް ކުރަހައި ދިނެވެ.

އިންޑިއާގެ މަޝްހޫރު ހޮސްޕިޓަލް، ނިމްސް ހިންގަމުންދާ ކުންފުނި، ނޫރުލް އިސްލާމް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް (އެންއައިއައި) އާ ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގުމަށް ހަވާލު ކުރުންވީ އެތައް ހުވަފެނެއްގައި ހަގީގީ ކުލަ ޖެހޭނެ ކަމުގެ އުއްމީދު އާވެގެން ދިޔަ ކަމަކަށެވެ. އުތުރުގެ ރައްޔިތުން ހެއްވާލި ކަމަކަށް އެކަންވި އެވެ.

އެ ހޮސްޕިޓަލް އެ ކުންފުންޏާ ހަވާލުކުރީ، ވަރުގަދަ އެއްބަސްވުމެއް ހެދުމަށްފަހު އެވެ. ގިނަ ކަންތައްތަކެއް ކުރާނެ ކަމަށް އެ ކުންފުނިން އޮތީ ވައުދުވެފަ އެވެ. ވަކި މުއްދަތުތަކެއް ވެސް އޮތީ ދީފަ އެވެ. ނަމަވެސް އެންއައިއައި އިން ހޮސްޕިޓަލްއާ ހަވާލުވެ މިވީ 90 ދުވަހުގެ ތެރޭގައި ހާސިލު ކުރަން ކަނޑައެޅި އެއްވެސް ކަމެއް އެއްބަސްވުމާ އެއްގޮތަށް ކުރެވިފައެއް ނުވެ އެވެ. އޭގެ ބަދަލުގައި ހޮސްޕިޓަލްގެ ހާލަތު ވަނީ ފަހަތަށް ސޮއްސާލައިފަ އެވެ.

މީގެ އެންމެ ބޮޑު ސަބަބަކަށްވީ، ކުންފުނީގެ ތެރޭގައި އުފެދުނު ހައިޖާނު ގަނޑެކެވެ. ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ، ނިމްސް ހޮސްޕިޓަލަކުން ނޫނެވެ. ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުންޏަކުންނެވެ. އެ ކުންފުނީގައި ދެ ހިއްސާދާރުން ތިބެ އެވެ. އެކެއްގެ 80 ޕަސެންޓް ހިއްސާ އޮވެއެވެ. އަނެކެއްގެ 20 ޕަސެންޓް ހިއްސާ އޮވެއެވެ.

ހިއްސާގެ ބޮޑު ބައި އޮތީ، "ނޫރުލް އިސްލާމް އެޑިއުކޭޝަނަލް ޓްރަސްޓް" ކިޔާ އިންޑިޔާގައި ރަޖިސްޓްރީކޮށްފައިވާ ޓްރަސްޓަކަށެވެ. އެއީ، ކިޔަވައިދޭ ތަފާތު މަރުކަޒުތައް ހިންގުމަށް މީގެ އަހަރުތަކެއް ކުރިން އުފައްދާފައިވާ ޓްރަސްޓެކެވެ. ނޫރުލް އިސްލާމް މެޑިކަލް ސައިންސްގެ ނަމުގައި ކިޔަވައިދޭ ކޮލެޖެއް ހިންގަނީ، އެ ޓްރަސްޓުންނެވެ. ނިމްސް މެޑިސިޓީގެ ނަމުގައި ހިންގާ ހޮސްޕިޓަލަކީ، އެ ޓްރަސްޓްގެ ބައެކެވެ.

ކުންފުނީގެ ބާކީ، 20 ޕަސެންޓް އޮތީ، އަލީ އުސެއިދު ކިޔާ ދިވެއްސެއްގެ ނަމުގައެވެ. އޭނާއަކީ، އެ ކުންފުނީގެ ހިއްސާދާރެކެވެ. އަދި ޑައިރެކްޓަރެކެވެ. އޭނާގެ އިތުރުން، ކުންފުނީގެ ފަރާތުން ރަށުގައި ހުންނަވަނީ، އަލީ އުސެއިދުގެ ދަރިކަނބަލެކެވެ. ޑެޕިއުޓީ ޑިރެކްޓަރެއްގެ ގޮތުންނެވެ.

ކުންފުނީގެ އިންޑިއާ ވެރިންނާ މައްސަލަ ޖެހިފައިވަނީ އުސެއިދާއި އޭނާގެ ދަރިކަނބަލުންނާ އެވެ.

ނިމްސްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ހޮސްޕިޓަލްގެ ފެންވަރު ދަށަށް ދާން ފެށީ، އެ ކުންފުނިން ބޭނުންވާ ގޮތަށް ބޭނުންވާ އިންތިޒާމްތައް އުސައިދު ހަމަޖައްސައި ނުދޭތީ އެވެ. އަދި އަމިއްލަ މަސްލަހަތު އިސްކޮށް، އާއިލީ ބޭފުޅުންނަށް ބޮޑު އަގުގެ މުސާރަދީ މަގާމުތައް ދިނުމުންނެވެ. ނަމަވެސް އުސެއިދު އެކަންކަން ދޮގު ކުރައްވަ އެވެ. އޭނާ ހިޔާނާތުގެ ތުހުމަތު އަޅުވަނީ އިންޑިއާ ކުންފުނީގެ ފަރާތުން އިސްކޮށް ހުންނަވާ ފައިޒަލް ހާންގެ ބޮލުގަ އެވެ.

ފައިޒަލް ހާންއާއެކު މަސައްކަތް ކުރައްވާ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ސަރުކާރާއެކު އެ ކުންފުނިންވީ އެއްބަސްވުމާ އެއްގޮތަށް ކަންކަން ކުރިއަށް ދާނަމަ، ސަރުކާރަށް ވެސް އަދި ރައްޔިތުންނަށް ވެސް ވަރަށް ބޮޑު ފައިދާއެއް ވާނެ އެވެ. އެއްބަސްވުމުގައިވާ ގޮތުން ހޮސްޕިޓަލްގެ ފައިދާގެ 30 ޕަސެންޓް ސަރުކާރަށް ލިބެ އެވެ. އެއީ ސަރުކާރުން އެއްވެސް ހަރަދެއް ނުކޮށް ލިބޭ ފައިދާ އެވެ.

އެ ހޮސްޕިޓަލްގެ ހުރިހާ މުވައްޒަފުންގެ މުސާރަ އާއި އިނާއަތްތައް ވެސް ދޭން ހަމަޖެހިފައި އޮތީ ނިމްސްއިންނެވެ. އޭރަށް އެ ހޮސްޕިޓަލްގައި ސަރުކާރުން ހަރަދު ކުރަންޖެހޭ މުވައްޒަފެއް ނުތިބޭނެ އެވެ. އިއްޔެއިން ފެށިގެން ސަރުކާރުގެ އެއްވެސް މުވައްޒަފެއް އެއްބަސްވުމުގައިވާ ގޮތުން އެ ހޮސްޕިޓަލްގައި ތިބެގެން ނުވާނެ އެވެ. އެކަމަކު އަދި އެކަން ވަނީ ހާސިލު ނުވެ އެވެ. މިހާރު ވެސް ހެލްތް މިނިސްޓަރީން ދަނީ ބައެއް ހިދުމަތްތައް އެ ހޮސްޕިޓަލްގައި ފޯރުކޮށް ދެމުންނެވެ.

އުސައިދުގެ ބޮޑެތި ތުހުމަތުތަކެއް ނިމްސްއަށް އަމާޒު ކުރާއިރު، އެ ކުންފުނީގެ އޮފިޝަލް ވެސް ވަނީ އުސައިދަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފަ އެވެ. އެގޮތުން، ދަރިކަނބަލަށް ބޮޑު މުސާރައެއް ދިނުމާއި، ބިލްތައް ބޮޑުކޮށް އޭގެން ފައިދާ ނަގަން މަސައްކަތް ކުރި ކަމުގެ ތުހުމަތު ވެސް ވަނީ އަޅުވާފަ އެވެ. ނަމަވެސް އުސެއިދު ވަނީ ހިޔާނަތް ހިންގަން އުޅުނީ އިންޑިއާގެ ވެރިން ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަނާއި ފުލުހަށް މައްސަލަ ހުށަހަޅާފަ އެވެ.

ކުންފުނީގެ އެތެރޭގައިވާ ހައިޖާން ގަނޑު މައިތިރިކޮށް ހޮސްޕިޓަލް އަނބުރާ ފެންވަރު ރަނގަޅުކުރުމަށް ވަނީ 10 ދުވަސް ދީފަ އެވެ. އެކަން ހާސިލު ކުރުމަށް މިހާރު އުސެއިދު އަތުން ވަނީ ބާރުތައް އަތުލާފަ އެވެ. ނިމްސްއިން ދެކޭ ގޮތުގައި އަދިވެސް އެ ކުންފުންޏަށް ރައްޔިތުން ބޭނުންވާ ފެންވަރުގައި ހޮސްޕިޓަލް ހިންގޭނެ އެވެ. ކުޅުދުއްފުށީ ރައްޔިތުން އަދިވެސް ތިބީ، އެ ހޮސްޕިޓަލާމެދު ދެކެމުން އައީ ހުވަފެން ހަގީގަތަކަށް ވާނެ ކަމުގެ އުއްމީދުގަ އެވެ.

"ބޭނުމެއް ނުވޭ ނިމްސް ފޮނުވާލަކަށް، އެތެރޭގެ މައްސަލަތައް ހައްލުކޮށް އެއްބަސްވުމާ އެއްގޮތަށް ހޮސްޕިޓަލް ތަރައްގީ ކޮށްދިނުމަކީ ބޭނުންވާ ގޮތް، އެ ގާބިލްކަން ނިމްސްގައި ހުންނާނެ ކަމަށް ދެކެން، ނިމްސް ހޮސްޕިޓަލަކީ އިތުބާރު ކުރެވޭ ފެންވަރުގެ ހޮސްޕިޓަލެއް،" ކުޅުދުއްފުށީ ރައްޔިތަކު ބުންޏެވެ.

ނިމްސްގެ އޮފިޝަލް ވިދާޅުވީ، އެއްބަސްވުމާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދަން ކުރިއަށް އޮތްތާ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާނެ ކަމަށެވެ. ހޮސްޕިޓަލް އޮތް ފެންވަރުގައި ދޫކޮށް ދިޔުމަކީ އެ ކުންފުނިން ވެސް ބޭނުންވާ ގޮތް ނޫން ކަމަށާއި ބޭނުން ވަނީ ނިމްސްއާއެކު ރައްޔިތުން ދެކެން ފެށި ހޮސްޕިޓަލް ހުވަފެން ހަގީގަތަކަށް ހެދުން ކަމަށެވެ. އަދި ރާއްޖޭގައި ފާހަގަކޮށްލެވޭ ފެންވަރު ރަނގަޅު ހޮސްޕިޓަލަކަށް ކުޅުދުއްފުށީ ހޮސްޕިޓަލް ހެދުން ކަމަށެވެ.

ނިމްސްގެ ނަޒަރުން ހޮސްޕިޓަލް

ހޮސްޕިޓަލް ތަރައްގީ ކުރަން އެ ކުންފުންޏަށް ބޭނުން ވަނީ އަހަރެއްހާ ދުވަހެވެ. އެ މުއްދަތް ނިމޭއިރު ކުޅުދުއްފުށީގެ ހޮސްޕިޓަލް އޮންނާނީ މިހެނެވެ:

ނިމްސްއިން ކުޅުދުއްފުށީ ހޮސްޕިޓަލް 150 އެނދުގެ މަލްޓި ސްޕެޝަލިޓީ ޓާޝަރީ ހޮސްޕިޓަލަކަށް ހަދާނެ އެވެ. މިހާތަނަށް ރާއްޖެއިން ނުލިބޭ ގިނަ ހިދުމަތްތަކެއް ދޭނެ އެވެ. އެމްއާރްއައި އާއި ސީޓީ ސްކޭން އަދި ހުޅު ބަދަލު ކުރުމާއި ހިތުގެ އޮޕަރޭޝަން ފަދަ ބޮޑެތި އޮޕަރޭޝަންތައް އެތަނުގައި ކުރެވޭނެ އެވެ. ޓާޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ކުޅުދުއްފުށީ ހޮސްޕިޓަލް ތަރައްގީކޮށް ނިމޭއިރު، ފަރުވާއަށް މާލެއިން މީހުން އެ ތަނަށް ގެންދާނެ ޔަގީންކަން އޮތީ ދީފަ އެވެ. އަދި ހަނިމާދު އާއި ޓްރިވެންޑްރަމާ ދެމެދު ވައިގެ ދަތުރުފަތުރު ކުރާތީ ޓްރިވެންޑްރަމުން ސީދާ އުތުރަށް ޑޮކްޓަރުންނަށް ދިއުމުގެ ފަސޭހަކަން ބޮޑެވެ.

އޭގެ އިތުރުން ކުޅުދުއްފުށީ ހޮސްޕިޓަލަކީ އާސަންދައިގެ ހިދުމަތް ލިބޭ ޖެނެޓިކް ޑިސްއޯޑާސްގެ ދާއިރާއިން ސެންޓާ އޮފް އެކްސެލެންސްއަކަށް ވެގެންދާނެ އެވެ. އަދި، އިންޓަނޭޝަނަލް ތެލެސީމިޔާ ސެންޓަރެއް ވެސް ފުރަތަމަ ފޭސްގައި ހަދައި، ސައުވީސް ގަޑިއިރު ހިދުމަތް ދޭނެ އެވެ. އެންމެ މަތީ ފަންތީގެ އައިސީޔޫގެ ހިދުމަތް ލިބެން ހުންނާނެ އެވެ. މިއީ އެއްބަސްވުމުގައިވާ ގޮތުން އެ ހޮސްޕިޓަލެވެ.

ސޯޅަ ވަރަކަށް މަސް ދުވަސް ތެރޭ މިކަންކަން ހާސިލުކުރަން އެއްބަސްވެފައިވާއިރު، މިހާރު ހޮސްޕިޓަލްއާ ނިމްސް ހަވާލުވިތާ ހަ މަސް ދުވަސް ވަނީ ފެނިފަ އެވެ. އެކަމަކު މި ހުވަފެން ހަގީގަތަށްވާ މަންޒަރު އެތެރޭގެ ކޯޅުމާހެދި ވަނީ ފަނޑުވެފަ އެވެ. ރައްޔިތުން އެދެމުން ދަނީ އެ މަންޒަރުގެ ފަނޑުކަން ފިލުވުމެވެ. އަދި މަންޒަރު ހަގީގަތަކަށް ހެދުމެވެ.