ހަބަރު

ޣައްސާން މީޑިއާއަށް، ދެކޮޅުން ތަފާތު ޝުއޫރުތައް!

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ބޭފުޅުންގެ ތެރެއިން މީޑިއާއަށް އެންމެ ފަރިތަ އަދި ގިނަ ބަޔަކު ދަންނަ ބޭފުޅެއްގެ ގޮތުގައި މީގެ ކުރިން ހުންނެވީ ދުންޔާ މައުމޫނެވެ. ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެރި އެންމެ ބޮޑު "ސިޔާސީ ސުނާމީ" ގައި ޔުމްނާ މައުމޫނާއި އަހުމަދު ފާރިސް މައުމޫން ވަނީ އިދިކޮޅު އިއްތިހާދުގެ ސިޔާސީ ދެވަނަ ޖީލްގެ ލީޑަރުންނަށްވެފަ އެވެ. އެކަމަކު ސަރުކާރުގެ އިސް މަގާމެއްގައި މިހާރު ވެސް ހުންނެވި ޣައްސާން މައުމޫން ހުންނެވީ ފަރުދާގެ ފުރަގަހުގަ އެވެ.

ފަރުދާގެ ފުރަގަހުގައި ޣައްސާން ހުންނެވިއިރު ބައްޕާފުޅު، ރައީސް މައުމޫން ގެންދަވަނީ އިދިކޮޅުގެ އެންމެ ވަރުގަދަ ލީޑަރުގެ ގޮތުގައި މަސައްކަތްޕުޅު ކުރައްވަމުންނެވެ. ބޭބެފުޅު ފާރިސް ވަނީ އިސްލާހީ މަސައްކަތުގައި އުޅުއްވަނިކޮށް ހައްޔަރުކޮށްފަ އެވެ. މި ހާލަތުގައި އާއިލާ އޮތްއިރު، ދައްތާފުޅު ދުންޔާ މައުމޫނާއެކު ޣައްސާން ސަރުކާރުގައި ހުންނެވީ، "ކޮރަޕްޝަން ހިންގަވާފައިވާތީ، މަޖުބޫރުވެގެން" ކަމަށް ރައީސް މައުމޫން ވެސް ހިމެނިވަޑައިގަންނަވާ އިދިކޮޅު އިއްތިހާދުގެ ބައެއް ބޭފުޅުން ގެންދެވީ ތުހުމަތު ކުރައްވަމުންނެވެ.

އެ ތުހުމަތުތަކަށް ފުރަތަމަ ފަހަރަށް ޣައްސާން ރައްދު ދެއްވީ، ރޭ ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގަ އެވެ. ޣައްސާން ވިދާޅުވި ގޮތުގައ އޭނާއަކީ ކޮރަޕްޝަން ހިންގާނެ ބޭފުޅެއް ނޫނެވެ. އޭނާ ބޮޑުބޭބޭފުޅު، ރައީސް ޔާމީނާއެކު ސާބިތުވެ ހުންނަވާނެ އެވެ. އެއީ އެމަނިކުފާނުގެ މަސައްކަތްޕުޅު ކައިރިން ފެނި، އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި ދެކެ ވަޑައިގަންނަވާތީ އެވެ. ރައީސް ޔާމީންއާއެކު ހުންނެވީ އެއްވެސް މަޖުބޫރު ކަމެއް އޮވެގެން ވެސް ނޫނެވެ.

ބަސް މަދު ޣައްސާން ރޭ ދެއްކެވި ވާހަކަފުޅު ތަކުން ސޯޝަލް މީޑިއާ، ހާއްސަކޮށް ޓްވިޓާގައި ތަފާތު ޝުއޫރުތައް ވަނީ ކެކިއަރާފަ އެވެ؛ ރައީސް ޔާމީންގެ ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ވަނީ، ޣައްސާން ތައުރީފްގެ ބަސްތައް އޮއްސާފަ އެވެ. ހުދު ރައީސް މައުމޫންގެ ދަރިކަލުން ވެސް ހުންނެވީ ރައީސް ޔާމީންގެ ތަރައްގީގެ ވިސްނުމާއެކު ކަމަށް ބުނެ، ޕީޕީއެމްގެ އެކްޓިވިސްޓުން ގިނަ ޓްވީޓްތަކެއް ކޮށްފައިވެ އެވެ.

ޣައްސާންއަށް ތައުރީފްކޮށް ޕީޕީއެމްގެ މީހުން ވާހަކަ ދެއްކިއިރު، އިދިކޮޅު މީހުންނަށް މިކަން ގަބޫލެއް ނުކުރެވެ އެވެ. ބައްޕާފުޅާއި ބޭބޭފުޅަށް "އަނިޔާއެއް" ލިބެމުންދާއިރު ވެސް ޣައްސާން ރައީސް ޔާމީނަށް ތައުރީފް ކުރައްވައި އެމަނިކުފާނުގެ ދިފާއުގައި ވާހަކަ ދެއްކެވުމަކީ ބަލައިގަންނަން އުނދަގޫ ކަމެއްގެ ގޮތުގައި ބުނެ އިދިކޮޅު ފަރާތްތަކުން ޓްވީޓް ކޮށްފަ އެވެ.

އާއިލީ ގުޅުމަށް އިސްކަން ނުދީ، ޒާތީ ފައިދާއަށް ޣައްސާން އާއި ދުންޔާ މަސައްކަތް ކުރައްވާ ކަމުގެ ތުހުމަތު ވެސް ބައެއް މީހުން ވަނީ ކޮށްފަ އެވެ.

ރައީސް މައުމޫނާއި އާއިލާގެ ބޭފުޅުންނަށް ކުރިން ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން އައި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވީ، ޣައްސާން އާއި ދުންޔާގެ އަމަލުތައް ދިފާއު ކުރެއްވުމަށް ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް ހުދު ދައްތައެއްގެ ހައިސިއްޔަތުން ސިފަ ކުރެވެނީ "އެ ދެ ބޭފުޅުންނަކީ އަމިއްލަ އެދުން ބޮޑު ދެ ބޭފުޅުން" ގެ ގޮތުގައި ކަމަށެވެ.

ދުންޔާއަށް ފާޑުވިދާޅުވުމުގެ ގޮތުން ރޮޒެއިނާ ވިދާޅުވީ، "ޔުމްނާ މައުމޫން ފަދަ ދައްތައެއް ލިބުމަކީ ފާރިސްގެ ނަސީބު" ކަމަށެވެ. އަދި، ޣައްސާން ރޭ ދެއްކެވި ވާހަތަކަކީ ރައީސް މައުމޫން، ބަދުނާމްވާ ފަދަ ވާހަކަތަކެއް ކަމަށް ވެސް ރޮޒެއިނާ ވިދާޅުވި އެވެ.

އެފަދަ ވާހަކަތަކަށް ވެސް ރޭ ޣައްސާން ރައްދު ދެއްވި އެވެ. ޣައްސާން ވިދާޅުވީ، ބައްޕާފުޅު، މައުމޫންގެ އާއިލާގައި އޮތް ގާތް ގުޅުމަށް ދުވަހަކު ވެސް ބަދަލެއް ނާންނާނެ ކަމަށެވެ. ބައްޕާފުޅާއި މަންމާފުޅު އަދި އެއްބަނޑު އެއްބަފާ ބޭބެ އާއި ދައްތަމެންނާއެކު އޮތީ ވަރަށް ގާތް ގުޅުމެއް ކަމަށާއި އެ ލޯތްބަށް ބަދަލެއް ނާންނާނެ ކަމަށެވެ.

ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޣައްސާން މައުމޫން ވިދާޅުވީ، އާއިލާގެ ހަތަރު ބޭފުޅުން ތަރުބިއްޔަތު ކޮށްފައިވަނީ އަބަދުވެސް އަމިއްލައަށް ކަންކަން ދިރާސާކޮށް، އަމިއްލައަށް ކަންކަން ނިންމާ ގޮތަށް ކަމަށެވެ. މި މައްސަލާގައި ޔުމްނާ މައުމޫން ވެސް މީގެ ކުރިން ވާހަކަ ދައްކަވާފައިވެ އެވެ. ޔުމްނާ ވިދާޅުވެފައިވަނީ، އެންމެންގެ ހިޔާލު އެއްގޮތް ނުވާނެ ކަމަށާއި މިހާރު ސިޔާސީ މަސްރަހަށް ބަލާއިރު އެއް އާއިލާއެއްގައި ހުރިހާ ބޭފުޅުން އެއް ފިކުރެއްގައި މަސައްކަތް ކުރާ އާއިލާއެއް ނެތް ކަމަށެވެ. އެ އާއިލާއަށް ވެސް އެހެން ވެފައިވާ ކަމަށެވެ. ނަމަވެސް ޔުމްނާ ވަނީ އިދިކޮޅުން ކުރާ މަސައްކަތަކީ ހުރިހާ ރައްޔިތުންގެ ހައްގުގައި ކުރާ މަސައްކަތެއް ކަމަށް ވިދާޅުވެ، އިދިކޮޅާ ގުޅިވަޑައިގަތުމަށް ދުންޔާ އާއި ޣައްސާންއަށް ދައުވަތެއް ކުރިން ދެއްވާފަވެ.

ޔުމްނާ ވިދާޅުވީ، އިދިކޮޅުން ކުރާ މަސައްކަތަކީ ކޮންމެހެންވެސް ކުރަންޖެހޭ މަސައްކަތެއް ކަމަށް ރައީސް މަައުމޫނާއި ފާރިސްވެސް ގަބޫލުކުރައްވާ ކަމަށެވެ. އިންސާފަށް ކުރަމުންދާ މަސައްކަތުގައި ފާރިސް އަދި ރައީސް މައުމޫންގެ ޒިންމާއެއް އޮތް ކަމަށް ދެކިވަޑައިގެން އިދިކޮޅު ލީޑަރުންނާއި ގުޅިގެން އެ ކުރައްވާ މަސައްކަތުގައި ގައްސާން އަދި ދުންޔާ ބައިވެރިވުމަށް އެދި ވަޑައިގަންނަވާ ކަމަށެވެ.