ދުނިޔެ

ދައުރު ހަތަރު އަހަރަށް ހައްދަން އުޅުނު ސިރިސޭނާއަށް 5 އަހަރުވެސް މަދު!

ސްރީލަންކާގެ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ކެބިނެޓުން މިހާރުގެ ރައީސް މައިތިިރިޕާލާ ސިރިސޭނާ އިސްތިއުފާ ދެއްވީ ރާޖަޕަކްސާ ތިން ވަނަ ދައުރަކަށް ކުރިމަތި ލައްވަން އުޅުއްވުމުން އެކަމާ ހިތްޕުޅާ ނުވެގެންނެވެ. އެހިސާބުން ދެން ސްރީލަންކާގެ އޭރުގެ އިދިކޮޅު ފަރާތްތަކުން އޭނާގެ އަތްޕުޅުގައި ހިފިއެވެ. ނަމަވެސް އެއީ އޭނާއަކީ މާ ވަރުގަދަ ސިޔާސީ ލީޑަރަކަށް އޭރު އަދި ވެވަޑައިގެން ހުންނެވީމައެއް ނޫނެވެ. ރަނގަޅު ވަގުތުގައި ރަނގަޅު ފަޅިއަށް އެރުއްވީމަ އެވެ.

ގުޅިަފއިވާ އިދިކޮޅު ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓަކަށް ސިރިސޭނާ ނެރުނީ އަވަށްޓެރި އިންޑިއާގެ ވެސް މަދަދާ އެކުގައި ކަމަށް އޭރު އަޑު ފެތުރުނެވެ. ލަންކާގައި 2015 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު ކުރިއަށް ދިަޔައީ ހަމަ އެކަނި އެ ގައުމުގެ އިންތިހާބެއްގެ ގޮތުގައެއް ނޫނެވެ. އަވަށްޓެރި އިންޑިއާއާއި ޔޫރަޕްގެ ބައެއް ގައުމުތަކުން އުޅުނު ގޮތުން ހީވީ ރާޖަޕަކްސާއަކީ ސާޅީހަކަށް އަހަރު ޚުދުމުޚުތާރު ވެރިކަމެއް ކުރެއްވި ބޭފުޅެއް ހެނެވެ.

އެ އެންމެންގެ އެހީތެރިކަމާ އެކު ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ލަންކާގެ ހަތްވަނަ ރައީސަަށް ސިރިސޭނާ ވެވަޑައިގެންނެވުމާ އެކު ސިރިސޭނާ އެޅުއްވި ފާހަގަކޮށްލެވޭ އެންމެ މުހިއްމު ފިޔަވަޅަކީ ރިޔާސީ ދައުރު ހަ އަހަރުން ފަސް އަހަރަށް ކުރު ކުރެއްވުމެވެ. ގުޅިފައިވާ ޕާޓީތަކުން އެއްބަސްވެގެން އެގޮތަށް ނިންމައި ގާނޫނު އަސާސީއަށް ވަނީ އެ ބަދަލު ގެނެސްފަ އެެވެ.

އޭރުގައި ސިރިސޭނާ ވަރަށް ގިނައިން ވިދާޅުވީ ފަސް އަހަރު ވެސް އެއީ ދިގު މުއްދަތެއް ކަމަށެވެ.

"އަޅުގަނޑު ބާރު އެޅިން ރިޔާސީ ދައުރު ހަތަރު އަަހަރަށް ކުޑަ ކުރަން. އެކަމަކު ގާނޫނު އަސާސީއާބެހޭ މާހިރުން އެކަމުގައި އަޅުގަނޑާ އެއްބަސްވެވަޑައެއް ނުގަތް. އެބޭފުޅުން ވިދާޅުވީ ކޮންމެ ހަތަރު އަހަރަކުން އިންތިހާބު ބޭއްވުމަކީ ގައުމަކަށް ރަނގަޅު ކަމެއް ނޫނޭ،" މައިތިރިޕާލަ ސިރިސޭނާ އޭރު ވިދާޅުވި ކަމަށް ލަންކާގެ ރައީސް އޮފީހުގެ ވެބްސައިޓްގައި މިހާރުވެސް ބުނެފައި ވެއެވެ.

ސިރިސޭނާ އޭރު ވިދާޅުވީ އޭނާ މިސާލު ނަންގަވަނީ ދެކުނު އެފްރިކާގެ ލީޑަރު ނެލްސަން މަންޑޭލާގެ މަސައްކަތްޕުޅުން ކަަމަށެވެ.

އެ ހުރިހާ ވާހަކަފުޅު ތަކަކަށް ފަހު ރިޔާސީ ދައުރު ފެއްޓެވި ސިރިސޭނާގެ ދައުރު ނިމެންދާއިރު އޭނާ މިހާރު ދައްކަވަނީ އެހެން ވާހަކަ ފުޅެކެވެ. އޭނާ މިހާރު އެދިވަޑައިގަންނަވަނީ ރިޔާސީ ދައުރު ދިގު ކުރައްވާށެވެ. އެގޮތުން ލަންކާގައި ކުރިން އޮތް ގޮތަށް ރިޔާސީ ދައުުރެއްގެ މުއްދަތަކީ ހަ އަހަރު ކަމަށް ކަނޑައަޅައި 2021 ވަނަ އަހަރާ ހަމައަށް މަގާމުގައި ދެމިހުންނެވުމާ މެދު ސުޕްރީމް ކޯޓުގެ ރައުޔަކަށް މިހާރު ވަނީ އެދިވަޑައިގެންފަ އެވެ.

ލަންކާގެ ނޫސްތަކުން މިއަދު ބުނީ ރައީސްގެ އެ އެދިވަޑައިގެންނެވުމާ މެދު ގޮތެއް ނިންމަން ސްުޕްރީމް ކޯޓުން މިހާރު ވަނީ ފަސް ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލާފަ އެވެ. ނަމަވެސް އެކަމާ މެދު ގޮތެއް ނިންމާނެ ތާރީހެއް އެކޯޓުންް އަދި ހާމައެއް ނުކުރެއެވެ. ސިރިސޭނާ އެދިވަޑައިގެންފައި ވަނީ ޖެނުއަރީމަހުގެ 14 ވަނަ ދުވަހުގެ ކުރިން އެކަމާ މެދު ގޮތެއް ނިންމާާށެވެ.