ފިނިޕޭޖް

އެންމެ އިންތިޒާރު ކުރެވޭ އިނގިރޭސި ސީރީޒްތައް!

އާ އަހަރު ފެށުނުއިރު ގިނަ އިނގިރޭސި ސީރީޒްތައް މިހާރު އޮތީ ވިންޓާ ބްރޭކްގެ ޗުއްޓީގަ އެވެ. ވިންޓާ ބްރޭކް ނިންމާލުމަށްފަހު މި މަހު ފަހުކޮޅު ގިނަ ސީރީޒްތަކެއް އަލުން ފަށާނެ އެވެ. އަދި ސީޒަން ބްރޭކަށް ގޮސްފައިވާ ސީރީޒްތައް ވެސް މިހާރު އަންނަނީ އަލުން ފަށަމުންނެވެ. ގިނަ ސީރީޒްތަކުގައި ދެންވާނެ ގޮތެއް ބަލައިލަން ބެލުންތެރިން ވެސް ތިބީ ކެއްމަދުވެފަ އެވެ. ފާހަގަ ކޮށްލެވޭ ބައެއް ސީރީޒްތަކަށް ބަލާލާނަމެވެ.

"ސްކޭންޑަލް" އަދި "ހައުޓް ގެޓް އަވޭ ވިތް މާޑާ" ގެ ކްރޮސްއޯވާ އެޕިސޯޑުތައް

އެމެރިކާ ޓީވީ ޕްރޮގުރާމްތައް ހަދާ މަޝްހޫރު ޕްރޮޑިއުސާ/ރައިޓާ ޝޮންޑާ ރައިމްސްގެ ޝޮންޑަލޭންޑުން ގެނެސްދޭ ދެ ސީރީޒް ކަމުގައިވާ "ސްކޭންޑަލް" އަދި "ހައުޓު ގެޓް އަވޭ ވިތް މާޑާ" މިހާރު އޮތީ ވިންޓާރ ބްރޭކުގަ އެވެ. ވިންޓާ ބްރޭކް ނިމުމަށްފަހު މި ދެ ސީރީޒް ވެސް މި މަހު 18 ގައި އަލުން ފަށާނެވެ. މި ދެ ސީރީޒް މި ފަހަރު ހާއްސަ ވަނީ ދެ ސީރީޒްގެ ކާސްޓުން އެއްކޮށް ފެނިގެންދާނެ ކްރޮސްއޯވާ އެޕިސޯޑުތަކެއް ފެންނާނެތީ އެވެ. އަދި މިއީ ސްކޭންޑަލް ސީރީޒްގެ އެންމެ ފަހުގެ އެޕިސޯޑުތަކަށް ވާނެތީ ގިނަ ބަޔަކު ތިބީ ވާނެގޮތް ބަލަން ކެއްމަދުވެފަ އެވެ.

ގްރޭސް އެނަޓޯމީ

ހަމަ ޝޮންޑަލޭންޑްއިން ގެނެސްދޭ ސީރީޒްއެއް ކަމަށްވާ ގްރޭސް އެނަޓޯމީ ވެސް މިހާރު އޮތީ ވިންޓާ ބްރޭކުގަ އެވެ. ކާމިޔާބު 14 ސީޒަނާއެކު ކުރިއަށްދާ މި ސީރީޒް އަލުން ފަށަން ހަމަޖެހިފައިވަނީ މި މަހު 18 އިގަ އެވެ.

މި ސީރީޒްގެ ސްޕިން އޮފް ސީރީޒްއެއް މި އަހަރު ދެއްކުމަށް އަންނަނީ ތައްޔާރު ވަމުންނެވެ. އަދި ވަކި ނަމެއް ކަނޑައަޅާފައި ނުވާ މި ސީރީޒް ބެލުންތެރިންނާއި ހަމައަށް އަންނާނީ މާޗު 22 ގައި އެވެ. ސްޕިން އޮފްގެ ފުރަތަމަ އެޕިސޯޑު ދެ ގަޑިއިރަށް ދެމިގެންދާނެ އެވެ.

ކުއެންޓިކޯ ސީޒަން 3

ބޮލީވުޑް އަދި ހޯލީވުޑްގައި މިހާރު އުހުގައި ފިޔަ ޖަހަމުން އަންނަ ބަތަލާ ޕްރިޔަންކާ ޗޯޕްރާ ފެނިގެންދާ ކުއެންޓިކޯއަށް ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ. އެ ސިލްސިލާގެ 3 ވަނަ ސީޒަން އެޕްރީލް 26 ގައި ފަށާނެ އެވެ. އެމެރިކާގެ ޖާސޫސީ އިދާރާ އެފްބީއައި ޓްރެއިން ހަދާ ބަޔަކަށް ކުރިމަތިވަމުންދާ ކަންތައްތަކެއް ދައްކުވައިދޭ މި ސީރީޒްއަކީ ދިވެހިންގެ މެދުގައި ވެސް މަގުބޫލު ސީރީޒް އެކެވެ.

ސީޑަބްލިޔުގެ ސުޕަހީރޯ ސީރީޒްތައް

ދިވެހިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ސީޑަބިލްޔުއިން ގެނެސްދޭ ސުޕަހީރޯ ސީރީޒްތައް ކަމަށްވާ "އެރޯ" އަދި "ފްލެޝް" ވިންޓާ ބްރޭކް ނިންމާލުމަށްފަހު މި މަހުގެ ތެރޭގައި އަލުން ފަށާނެ އެވެ. "ފްލެޝް" މި މަހު 16 ގައި ފަށާއިރު، "އެރޯ" ފައްޓާނީ މި މަހު 18 ގަ އެވެ.

މި ސީރީޒްތަކުގެ އިތުރުން ވެސް ގިނަ އެހެން ސީޒީތަކެއް ވެސް މިހާރު އޮތީ ފަށަން ތައްޔާރުވެފަ އެވެ. އެގޮތުން ބްލެކް ލިސްޓް، ސުޕަނެޗުރަލް، ބްލައިންޑްސްޕޮޓް ފަދަ ސީރީޒްތައް މި މަހު ފަށާނެ އެވެ.