ހަބަރު

ވީޑިއޯ: މުދައްރިސުން ތައްޔާރު، ކުރާ އުންމީދު ފޮނި!

ވީޑިއޯ އަދި އެޑިޓިން: އިފްރާޒް އަލީ

އާ އަހަރުގެ ކިޔެވުން ފަށައިގަންނަން ދެ ދުވަހަށް ވެއްޖެ އެވެ. ދެ މަހުގެ ދިގު ޗުއްޓީއަކަށް ފަހު އަންނަ އާދީއްތަ ދުވަހު ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ކިޔެވުން ފަށާނެ އެވެ. ބޮޑު ޗުއްޓީގައި ކުރި މަޖަލުގެ ވަރުބަލިކަން ފިލުވާލައި އާ އަހަރުގެ ކިޔެވުން ފަށަން ދަރިވަރުންނާއި ބެލެނިވެރިން މިހާރު އަވަދިނެތި އުޅޭނެ އެވެ. ނަމަވެސް ކޮންމެ ދިރާސީ އާ އަހަރެއްގެ ފެށުމަށް ޓީޗަރުންވެސް ގިނަ ތައްޔާރީތަކެއްވެ އެވެ. ލެސަން ޕްލޭންތައް ހެދުމާއި ކިޔަވައިދޭ މާއްދާތައް މުތާލިއާކޮށް ދިރާސާކުރުމަކީ މުދައްރިސުން ކުރާ އެންމެ މުހިއްމު މަސައްކަތްތަކުގެ އެއް ބައެވެ. އާ އަހަރެއްގެ ކިޔެވުން ފެށޭއިރު ދަރިވަރުންނަށް ލިބޭ އުފާވެރިކަމާ އެއްވަރަށް އުފާވާނެ އެއްބަޔަކީވެސް މުދައްރިސުންނެވެ.

މިއަހަރަކީ ރާއްޖޭގެ ތައުލީމީ ދާއިރާއަށް މުޅިން އާ ބަދަލުތަކެއް އަންނާނެ އަހަރަކަށް ވާއިރު މުދައްރިސުންގެ މަސައްކަތުގެ ޝެޑިއުލަށް ވެސް އިތުރު ވަގުތުތަކެއް ވަދެގެންދާނެ އެވެ. އެކަމާ ބެހޭގޮތުން "އަވަސް" އިން ސުވާލުކޮށްލުމުން ގިނަ ޓީޗަރުން ދެއްވީ އެއް ޖަވާބެކެވެ. އެޑިއުކޭޝަން މިނިސްޓްރީން އަމަލުކުރާ ކޮންމެ ކަމެއް ސްކޫލުގައި ތަންފީޒުކުރުމަށް ކުރަންޖެހޭ ހުރިހާ ކަމަކަށް ޓީޗަރުން ތިބޭނީ ތައްޔާރަށް ކަމަށް އެބޭފުޅުން ވިދާޅުވި އެވެ.

އަންނަ ހަފުތާގެ އާދީއްތަ ދުވަހު ސްކޫލްތައް ރަސްމީކޮށް ހުޅުވާއިރު، ކިޔަވައިދިނުމަށް ތައްޔާރުވުމުގެ ގޮތުން މިމަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން ދުދައްރިސުން ވަނީ ސްކޫލަށް ނިކުންނަން ފަށާފަ އެވެ. އޭގެ ބޭނުމަކީ މަސައްކަތްތައް ތަރުތީބުކޮށް، ފިލާވަޅުތައް ކުރިއަށްގެންދާނެ ގޮތްތައް ޕްލޭންކޮށް އެކަމަށް ތައްޔާރުވުމެވެ. އަދި ޓީޗަރެއްގެ ހައިސިއްޔަތުން އާ އަހަރަކަށް މަރުހަބާކިޔާއިރު ކާމިޔާބުކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލްކުރަން ކުރަންޖެހޭ މަސައްކަތްތައް ރާވައި އެކަމަށް ހިއްވަރު ލިބިގަތުމެވެ. ދިރާސީ އާ އަހަރުގެ ސްކޫލްތައް ފެށޭތީ ޓީޗަރުން ތިބީ ވަރަށް އުފާވެފަ އެވެ. އާ އަހަރަށް ޓީޗަރުން ކުރާ އުންމީދުތައް އެހާމެ ފޮންޏެވެ.