ބޮލީވުޑް

އަކްޝޭގެ "ކޭސަރީ" ގެ ބަތަލާ އަކަށް ޕަރިނީތީ

Jan 12, 2018

"ގޯލްމާލެ އެގެއިން" ގެ ކާމިޔާބާ އެކު ބަތަލާ ޕަރިނީތީ ޗޯޕްޅާގެ ވިދުން ވަނީ ގަދަވެފަ އެވެ. ގިނަ ފިލްމުތަކަކުން އޭނާ އަށް އަންނަނީ ހުށަހެޅުން ލިބެމުންނެވެ. އެ ހުށަހެޅުންތަކުގެ ތެރެއިން ޕަރިނީތީ ވަނީ އަކްޝޭ ކުމާރު ލީޑްރޯލުން ފެނިގެންދާ "ކޭސަރީ" ގެ ބަތަލާގެ ރޯލު ކުޅެން ހަމަޖައްސާފަ އެވެ.

މިދިޔަ ހަފްތާގައި މި ފިލްމުގެ ފުރަތަމަ ޕޯސްޓަރު އާންމުކޮށްފައިވާއިރު، މިއީ އަކްޝޭ އާއި ޕްރޮޑިއުސަރު ކަރަން ޖޯހަރު ގުޅިގެން އުފައްދާ ފިލްމެކެވެ. ކަރަން ވަނީ އަކްޝޭ އާއެކު މި ފިލްމުގައި ފެނިގެންދާނެ ބަތަލާ އަކީ ޕަރިނީތީ ކަމަށް އިއުލާންކޮށްފަ އެވެ. މިއީ އަކްޝޭ އާއި ޕަރިނީތީ އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމެވެ.

މި ފިލްމުގެ ބަތަލާގެ ރޯލު ލިބުމުން ޕަރިނީތީ ވަނީ މިފަދަ ބޮޑު ފިލްމަކުން ފުރުސަތު ލިބުމަކީ ލިބުނު ބޮޑު އުފަލެއް ކަމަށެވެ.

އަންނަ އަހަރު ރިލީޒްކުރުމަށް ހަމަޖެހިފައިވާ "ކޭސަރީ" އަކީ އަކްޝޭ ވަރަށް ވަރުގަދަ ސިކެއްގެ ރޯލު ކުޅޭ ފިލްމެކެވެ. ފިލްމުގެ ފުރަތަމަ ޕޯސްޓަރުގައި އަކްޝޭގ ހުންނަ ސިފަ އަށް ބަލާލުމުން ވެސް އޭނާގެ ރޯލުގެ ތަފާތު ކަމާއި ވަރުގަދަކަން ހާމަވެ އެވެ.

މިހާރު ޕަރިނީތީ އަންނަނީ އަރްޖުން ކަޕޫރާއެކު "ސަންދީޕް އޯރް ޕިންކީ ފަރާރް" ޝޫޓްކުރަމުންނެވެ. "ކޭސަރީ" ގެ ޝޫޓިން ޕަރިނީތީ ވަރަށް އަވަހަށް ފަށާނެ އެވެ.

މި ފިލްމުގެ އިތުރުން އޭނާ އަށް "ހައުސްފުލް 4" ގެ ބަތަލާގެ ރޯލެއް ކުޅެން ވެސް ހުށަހެޅުނ ލިބިފައިވާ ކަމުގެ އަޑުތަކެއް ވަނީ އަރާފަ އެވެ.

ދެހާސް އެގާރަ ވަނަ އަހަރު "ލޭޑީސް ވާސަސް ރިކީ ބަލް" އިން ބޮލީވުޑަށް ނިކުތް ޕަރިނީތީ ގެ ކެރިއަރު ކުރީކޮޅުގެ މާ ގިނަ ކާމިޔާބު ފިލްމުތަކެއް ނުނިކުމެ، އޭނާގެ ފިލްމެއް ފާއިތުވި ދެ އަހަރެއްހާ ދުވަހު ރިލީޒްނުވެ ކެރިއަރު އޮތީ ވަޅުޖެހިފަ އެވެ. ނަމަވެސް "ގޯލްމާލް އެގެއިން" ގެ ކާމިޔާބާ އެކު އޭނާގެ ކެރިއަރު އަލުން ކޮޅަށް ވަނީ ޖެހިފަ އެވެ.

ބޮލީވުޑުން ނެގި ދެ އަހަރުގެ ބްރޭކްގައި ޕަރިނީތީ ވަނީ ހަށިގަނޑަށް ބޮޑު ބަދަލެއް ގެނެސް ލޫޅާފަތިވެފަ އެވެ.