ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ އުފެއްދި "ޕަދްމާވަތް" އާ ދެކޮޅަށް ހިންދޫ ދީނީ ގްރޫޕަކުން ކުރި މުޒާހަރާތަކުގައި ފިލްމާ ދެކޮޅު ޝުއޫރު ފާޅުކުރަމުން ގޮސް ވަނީ ބަންސާލީ އާއި އެ ފިލްމުގެ ބަތަލާގެ ރޯލު ކުޅެފައިވާ ދިޕިކާ ޕަދުކޯނަށް މަރުގެ އިންޒާރު ދީފަ އެވެ.
މިފަހަރު މަރުގެ އިންޒާރުދީފައިވަނީ މަޝްހޫރު ސުޕަސްޓާ ސަލްމާން ޚާނަށެވެ. އަންގާރަ ދުވަހު ސަލްމާން މިހާރު ޝޫޓްކުރަމުން އަންނަ ފިލްމު "ރޭސް 3" ގެ ޝޫޓިން ނެގުމަށް ފިލްމުގެ ސެޓުގައި ހަރަކާތްތެރިވަމުން އަންނަނިކޮށް ހަތިޔާރު އެޅި ސިފައިން ވަނީ ފިލްމުގެ ސެޓަށް ގޮސް ސަލްމާން ސަލާމަތްތެރި ކަމާއެކު އޭނާ ދިރިއުޅޭ ގެއަށް ގެންގޮސްފަ އެވެ.
ސަލްމާނަށް މަރުގެ އިންޒާރު ދިނުމުން ހަތިޔާރު އެޅި ސިފައިން ވަނީ ވަގުތުން ފިލްމުގެ ސެޓަށް ގޮސް ޝޫޓިން ހުއްޓުވައި ސަލްމާން އެތަނުން ގެންގޮސްފަ އެވެ.
ބޮލީވުޑްގެ ހަބަރުތައް ބުނާގޮތުން ސަލްމާނަށް މަރުގެ އިންޒާރު ދީފައިވަނީ ގޭންގްސްޓާ ލޯރެންސް ބިޝްނޯއި އެވެ. އޭނާ ވަނީ ސަލްމާން މިދިޔަ ހަފްތާ ބުރާސްފަތި ދުވަހު ސަލްމާން އާމް އެކްޓް މައްސަލައިގައި ޖޯދްޕޫރް ކޯޓުގައި އޮތް އަޑުއެހުމަށް ހާޒިރުވުމުން ސަލްމާން މަރާލާނެ ކަމުގެ އިންޒާރު ކޯޓު ތެރޭގައި ދީފަ އެވެ.
ބިޝްނޯއި އަކީ މީހުން މެރުމާއި، މީހުންގެ މުދަލަށް ގެއްލުންދީ ފޭރުމާއި ދުއްވާފައިދާ ކާރުތައް ވެރިވެގަނެ މީހުން ކިޑްނެޕްކުރުމުގެ ކުށް ސާބިތުވާ ނުރައްކާތެރި ކުށްވެރި އެކެވެ. އޭނާ އަކީ ރާޖަސްތާނުގައި އޮންނަ ފުއްލާ އަށް އަޅުކަން ކުރާ ޖަމާއަތަކަށް ނިސްބަތްވާ މީހެކެވެ. ބިޝްނޯއި ސަލްމާން މާރާލާނެ ކަމުގެ އިންޒާރުދީފައިވަނީ އޭނާ މަނާ ފުއްލާ ޝިކާރަ ކުރި މައްސަލަ އަދިވެސް ކޯޓުގައި ބަލަމުން ދަނިކޮށެވެ.
މިދިޔަ ބުރާސްފަތި ދުވަހު ސަލްމާން ޖޯދްޕޫރް ކޯޓަށް ހާޒިރުކުރުމުން ފުއްލާ އަށް އަޅުކަން ކުރާ ޖަމާއަތުގެ ގިނަބަޔަކު ވަނީ ކޯޓު ކައިރިއަށް އެއްވެ ސަލްމާނާ ދެކޮޅަށް މުޒާހަރާކޮށްފަ އެވެ.
ސަލްމާން އެނބުރި މުމްބައި އަށް އައުމުން އޭނާގެ ފުރާނައަށް އެއްވެސް ނުރައްކަލެއް ނުވާނެ ކަމަށް ބެލެވުނު ނަމަވެސް ހޯމަ ދުވަހު ތިން މީހަކު ވަނީ ސަލްމާނު މަރާލާނެ ކަމުގެ އިންޒާރުދީފަ އެވެ. އަދި ގްރޫޕަކުން ވަނީ "ރޭސް 3" ގެ ޝޫޓިން ކުރިއަށްދާ ސެޓު ކައިރީގައި ހަމަނުޖެހުން ހިންގާނެ ކަމުގެ އިންޒާރުވެސް ދީފަ އެވެ. އެ އިންޒާރުތަކާ ގުޅިގެން މުމްބައި ފުލުހުން ވަނީ ސަލްމާނަށް އިތުރު ސެކިއުރިޓީ ދފަ އެވެ.
"ރޭސް 3" ގެ ސެޓުގައި ހަރަކާތްތެރިވާ މީހަކު ނޫސްތަކަށް ބުނެފައިވަނީ ފުލުހުން ސަލްމާން ކުރެން ވަރަށް ސަމާލުވެގެން އުޅެން އަންގާފައިވާ ކަމަށް ބުނެފަ އެވެ. އަދި މި ދުވަސްކޮޅު އޭނާ ދާ އެއްވެސް ތަނެއް ސޯޝަލް މީޑިއާގައި ހިއްސާނުކުރުމަށް ވެސް އެދިފައިވާ ކަމަށެވެ.
ސަލްމާނަށް ދިން މަރުގެ އިންޒާރާގުޅިގެނ "ރޭސް 3" ގެ ސެޓުގެ ސެކިއުރިޓީ އާއި ސަލްމާންގެ ގޭގެ ސެކިއުރިޓީ ވަރުގަދަކޮށްފަ އެވެ.
ބޮލީވުޑްގެ މަޝްހޫރު ތަރިންނަށް އަންޑާވޯލްޑް ގްރޫޕްތަކުން މަރުގެ އިންޒާރު ދިނުމަކީ އާންމުކޮށް ހިނގާ ކަމެކެވެ.