ފިނިޕޭޖް

"ވަކިން ލޯބިން"ގައި ޝައްމުގެ "ޕަރީ"!

ޑާކްރެއިން އެންޓަޓެއިންމަންޓުގެ ފިލްމުތަކަށް ލޯބިކުރާ ފަރާތްތަކުން މިހާރު އެންމެ އިންތިޒާރު ކުރާނީ މި އަންނަ މާޗު މަހު އެ ޕްރޮޑަކްޝަނުން ރިލީޒުކުރުމަށް ހަމަޖެހިފައިވާ "ވަކިން ލޯބިން" އަށް ކަމާމެދު ޝައްކެތް ނެތެވެ.

އަނެއްކާވެސް މި އޮތީ ތި އިންތިޒާރު ކުރާ ފިލްމުގެ ހަބަރެކެވެ. "ވަކިން ލޯބިން" ގެ ޕްރޮމޯޝަނަލް ލަވަ ބެލުންތެރިންނާ ހަމައަށް ދޫކޮށްލުމަށް ދަނީ ތައްޔާރު ވަމުންނެވެ.

މަޝްހޫރު ބޭންޑް އިކުއޭޓިކް ވައިބް ލީޑް ވޯކަލިސްޓް ޝައްމޫން މުހައްމަދު (ޝައްމު) ގެ ހިތްގައިމު އަޑުން އިވިގެން ދާނެ މި ލަވައަށް ކިޔަނީ "ޕަރީ" އެވެ.

މީގެ ކުރިންވެސް ޝައްމު ވަނީ ޑާކްރެއިންގެ ފިލްމުތަކަށް ލަވަ ކިޔާދީފަ އެވެ. އަދި އެ ލަވަތަކަށް ބޮޑު ތަރުހީބެއްވެސް ލިބިފައިވެ އެވެ. އެގޮތުން އެންމެފަހުން ބޭއްވި ދިވެހި ފިލްމްސް އެވޯޑްސްގައި އެންމެ މޮޅު ފީޗާ ފިލްމުގެ ޝަރަފު ކަމީޔާބު ހޯދި ޑާކްރެއިންގެ ފިލްމު "އެންމެފަހު ވިންދާ ޖެހެންދެން" ގެ ޕްރޮމޯޝަނަށް ކިޔާދިން ލަވަ ފާހަގަކޮށްލެވެ އެވެ. "ތިއްތިމާ" ކިޔާ އެ ލަވައަށް ގިނަ ބައެއްގެ ތައުރީފު އޮހުނެވެ.

މި ފިލްމުގައި އަމިއްލަ ރާގުގެ ރީތި ލަވަތަކެއް ހިމެނޭނެ އެވެ. އޭގެ ތެރެއިން އެއް ލަވަ މިހާރު ވަނީ އާންމުނަށް ދޫކޮށްލާފަ އެވެ. އެއީ ފަތޯގެ "ބީވީމަ" އެވެ. މި ފިލްމުން މޯލްޑިވިއަން އައިޑޮލް ސީޒަން ދެ އެއްގެ ރަނަރަޕް ހަމޫދު އިބްރާހީމްގެ އަޑުން ލަވައެއް އިވޭނެ އެވެ. އެއީ "ހިތުގެ ނަށާ ރާނީ" އެ ލަވަ އެވެ.