ދުނިޔެ

ޓްރަމްޕް މައާފަށް އެދެން އެފްރިކާ ގައުމުތަކުން ގޮވާލައިފި

އެފްރިކާގެ ގައުމުތަކަށް ނިސްބަތްކޮށް ހުތުރު ބަހުން ވާހަކަފުޅު ދެއްކެވި މައްސަލައިގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް މައާފަށް އެދިވަޑައިގަންނަވަން އެ ގައުމުތަކުން ގޮވާލައިފިއެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެފްރިކާގެ ގައުމުތަކަށް ނިސްބަތްކުރައްވާ ހުތުރު ބަސްތަކުން ޓްރަމްޕް ވާހަަފުޅު ދެއްކެވީ ހިޖުރަކުރާ މީހުންނާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމެއްގައެވެ.

އެވާހަކަ ފެންތިވުމާ އެކު ޓްރަމްޕް ވަނީ އެވާހަކަ ދޮގުކުރައްވާފައެވެ. ނަމަވެސް އިދިކޮޅު ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ޑާބިން ނޫސްތަކަށް ވިދާޅުވެފައި ވަނީ ޓްރަމްޕް އެގޮތަށް ކަންތައް ކުރެއްވި ކަމަށެވެ. އޭނާ ވިދާޅުވެފައި ވަނީ ހުތުރު ބަހުރުވައިގެ އިތުރުން ނަސްލީ ގޮތުން ދިމާކުރުމުގެ ބަސްތައް ވެސް ޓްރަމްޕް ބޭނުން ކުރެއްވި ކަމަށެވެ.

ހުކުރު ދުވަހު ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ޓްރަމްޕް ވިދާޅުވީ އިމިގްރޭޝަން ގާނޫނާ ބެހޭ ގޮތުން މަޝްވަރާ ކުރަން ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާ އެކު ބޭއްވި ބައްދަލުވުމުގައި ބޭނުން ކުރެއްވީ ' ވަރުގަދަ ބަސްމަގެއް' ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވި ކަމަށް މީޑިއާގައި ފަތުރާފައިވާ ލަފުޒު ތަކަކީ ބޭނުންކުރެއްވި ލަފުޒުތަކެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

ޓްރަމްޕްގެ ވާހަކަފުޅުތަކާ ގުޅިގެން އެފްރިކަން ޔޫނިއަން ( އޭޔޫ) އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެއަމަލަކީ އެމެެރިކާގެ އުަސޫލުތަކާއި ގިނަ ނަސްލުތަކާއި އިންސާނީ ހައްގުތަކަށް އިހުތިރާމް ކުރުމުގެ އުސޫލަށް އިހުތިރާމް ނުކުރުން ކަމަށެވެ. އަދި ބުނެފައި އެކަމުން ޝޮކެއް ލިބި ކަންބޮޑުވެ ރުޅިއައިސްފި ކަމަށެވެ.

އެމެރިކާގެ މިހާރުގެ ސަރުކާރަށް އެފްރިކާ ބައްރާއި އެ ބައްރުގެ މީހުންނާ މެދު ބޮޑެތި އޮޅުންތަކެއް އަރާފައިވާ ކަމަށާއި ދެފަރާތުގެ ދެމެދުގައި ވާހަކަ ދެއްކުން ވަރަށް މުހިއްމު ކަމަށް ވެސް އެބަޔާނުގައި ބުނެފައި ވެއެވެ.

އެފްރިކަން ޔޫނިއަން ( އޭޔޫ) އަކީ އެފްރިކާ ބައްރުގެ 55 ގައުމު ހިމެނޭ ޖަމާއަތެކެވެ. އެ ޖަމާއަތަށް ކުރިން ކިޔާ ނަމަކީ އޯގަނައިޒޭޝަން އޮފް އެފްރިކަން ޔުނިޓީއެވެ. އެ ޖަމާއަތުގެ އަސްލަކީ އިސްތިއުމާރީ ބާރުތަކުން އެފްރިކާ ބައްރު ސަލާމަތް ކުރަން 1960ގެ އަހަރުތަކުގައި ކުރިއަށް ގެންދިޔަ ހަރަކާތެވެ.