ބޮލީވުޑް

މިއަހަރު ކޮންމެހެން ވެސް ބަލައިލަން ޖެހޭ ބޮލީވުޑްގެ ފިލްމުތައް

ދިވެހިން އެންމެ ގިނައިން ބަލާ އުޅޭ ބޮލީވުޑްގެ ފިލްމުތަކަށް ނިމިގެން ދިޔަ އަހަރަކީ އެހާ ކާމިޔާބު އަހަރަކަށް ނުވި އެވެ. "ކާބިލް"، "ރައީސް"، އަދި "ޖޯލީ އެލްއެލް ބީ" ފަދަ ފިލްމުތަކާ އެ އަހަރު އެންމެ އިންތިޒާރު ކުރެވުނު ފިލްމުތައް ކަމަށްވާ "ޓިއުބްލައިޓް"، "ޖައްގާ ޖާސޫސް"، އަދި "ހެރީ މެޓް ސީޖަލް" އަށްވެސް ރެކޯޑެއް މުގުރާލެވޭ ވަރެއް ނުވި އެވެ.

މި ފެށުނު އަހަރުވެސް ބެލުންތެރިންނާ ހަމައަށް އަންނަން އަނެއްކާވެސް އިންތިޒާރު ކުރާ ވަރުގެ ފިލްމުތަކެއް އެބަހުއްޓެވެ. ފާއިތުވި އަހަރަށް ވުރެ ރަނގަޅު ފިލްމުތަކަކަށް ވާނެ ކަމުގެ އުއްމީދުގަ އެވެ. އެގޮތުން މި އަހަރު މި އުންމީދުތަކަށް ކުލަ ޖައްސާދޭނެކަމަށް ބެލޭވޭ ބައެއް ފިލްމުތަކަށް ނަޒަރުހިންގާލާނަމެވެ.

ޕަދްމާވަތް

"ޕަދްމާވަތް" ގެ ވާހަކައަކީ މިހާރު ދިވެހި މީޑިއާގައިވެސް ގަދައަށް ދެކެވޭ ވާހަކައެކެވެ. ތާރީހާއި ގުޅުންހުރި ހާދިސާތަކުގެ މައްޗަށް ބިނާކޮށް ހިޓް ފިލްމުތަކެއް ހަދާފައިވާ ބޮލީވުޑްގެ ރައިޓާ/ޑައިރެކްޓާ/ޕްރޮޑިއުސާ، ސަންޖޭ ލީލާ ބަންސާލީ ތައްޔާރުކުރާ މި ފިލްމުގެ އަޑަކީ މިހާރު ބޮލީވުޑްގައިވެސް އެންމެ ގަދަ އަޑެވެ. އޭނާގެ "ދޭވްދާސް" އަދި "ރާމްލީލާ" ފަދަ ފިލްމުތަކަކީ ދިވެހިންނަށްވެސް ވަރަށް ކަމުދިޔަ ފިލްމުތަކެކެވެ.

ދިޕިކާ ޕަދުކޯން، ރަންވީރު ސިންގް އަދި ޝާހިދު ކަޕޫރު ލީޑް ރޯލުން ފެނިގެންދާ މި ފިލްމާ ދެކޮޅަށް އިންޑިއާގެ ހިންދޫ ދީނުގެ ގުރޫޕަކުން ކުރި މުޒާހަރާތަކާއި ގުޅިގެން މިދިޔަ އަހަރު ޑިސެމްބަރު އެކެއްގައި ރިލީޒްކުރަން އޮތް މި ފިލްމު ރިލީޒް ނުކުރެވި ހުއްޓިފައި އޮތް ނަމަވެސް އިންޑިއާގެ ސެންސަރު ބޯޑުންވަނީ ދާދިފަހުން ފިލްމަށް ކުދި ބަދަލުތަކެއް ގެނެސް ފިލްމު ރިލީޒު ކުރުމުގެ ހުއްދަދީފި އެވެ.

ސެންސަރު ބޯޑުން މި ފިލްމުގެ 300 މަންޒަރެއް ކަނޑަން އެންގި ކަމަށް ބުނެ މީޑިއާ ތެރޭގައި ވާހަކަދެކެވުން ނަމަވެސް ސެންސަރު ބޯޑުވަނީ އެ ވާހަކަ ދޮގުކޮށްފަ އެވެ. ސެންސަރު ބޯޑުން އަންގާފައިވަނީ ފިލްމުގެ ނަން "ޕަދްމަވަތީ" އިން "ޕަދްމާވަތް" އަށް ބަދަލުކުރާށާއި ބައެއް މަންޒަރުތަކެއް ކުދި ބަދަލުތަކެއް ގެންނަން އެކަންޏެވެ.

ފިލްމުގެ ނަން ބަދަލުކުރަން އެންގީ މި ފިލްމު ބިނާކޮށް ހަދާއި 1540 ވަނަ އަހަރު ސޫފީ ޝާއިރު، މާލިކް މުހައްމަދު ޖަޔަސީ ލިޔުނު ޅެމުގެ އަސްލު ނަމަކީ "ޕަދްމާވަތް" ކަމަށްވާތީ އެވެ.

މި ފިލްމު ބެލުންތެރިންނާއި ހަމައަށް އަންނާނީ މި މަހު 25 ގައި އެވެ. ރާއްޖޭގައިވެސް މި ފިލްމު އެ ދުވަހު އަޅުވާނެ އެވެ.

ޕެޑްމޭން

އަކްޝޭ ކުމާރުގެ އަންހެނުން ޓުވިންކަލް ކަންނާގެ ޕްރޮޑަކްޝަން، މިސް ފަނީބޯންސް ޕްރޮޑަކްޝަން ކުޑައިގެ ދަށުން ނެރޭ މި ފިލްމަށް ގިނަ ބަޔަކު ދަނީ އިންތިޒާރު ކުރަމުންނެވެ. އިންޑިއާގެ ފަގީރު ހިސާބުގަނޑެއްގައި އަންހެނުންނަށް އަގު ހެޔޮކޮށް ފޮތިން ޕެޑް ހަދާއި ވިއްކި މީހެއްގެ ހަޔާތުގެ މައްޗަށް ބިނާކޮށް ހަދާފައިވާ މި ފިލްމުވެސް ރިލީޒްކުރާނީ ހަމަ މި މަހު 25 ގަ އެވެ.

އަކްޝޭ ކުމާރު އަދި ސޯނަމް ކަޕޫރު ލީޑް ރޯލުން ފެނިގެންދާ މި ފިލްމު ބަންސާލީ ގެ ފިލްމު "ޕަދްމާވަތް" އާއި އެއް ދުވަހެއް ރިލީޒްކުރާއިރު ބޮޑު ކުރިމަތިލުމަކަށް ހިންގައިދާނެކަމަށް މީޑިއާގައި ވާހަކަދެކެވެ އެވެ.

ނަމަވެސް އެކްޝޭ އަދި ސޯނަމް މީޑިއާއި ވާހަކަދައްކަމުން ބުނީ ވާދަވެރިކަމުގެ ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށާއި، "ޕަދްމާވަތް" ރިލީޒުކުރެވޭނެ ގޮތް ވީމަ އެކަމާ އުފާކުރާ ކަމަށެވެ.

ކޭސަރީ

މި ފިލްމު ހާއްސަވާ އެއް ސަބަބަކީ މި ފިލްމަކީ ދިގު އިންތިޒާރަކަށްފަހު ބޮލީވުޑްގެ ފުއްނާބު އުސް ޑައިރެކްޓާ/ޕްރޮޑިއުސާ/ރައިޓާ ކަރަން ޖޯހަރު ތައްޔާރުކުރާ ފިލްމަކަށް ވާތީ އެވެ.

މި ފިލްމުގެ ލީޑް ރޯލަށް ހަމަޖައްސާފައިވަނީ އަކްޝޭކުމާރު އަދި ޕަރްނީތީ ޗޯޕްރާ އެވެ. ފިލްމުގެ ޝޫޓިން މި މަހު ތެރޭގައި ފެށޭނެ އެވެ. ރިލީޒުކުރާނެ ވަކި ތާރިހެއް އަދި އިއުލާނުކޮށްފައެއް ނުވެ އެވެ.

ޒީރޯ

މިއީ އަނެއްކާވެސް ތަފާތު ފިލްމެކެވެ. ބޮލީވުޑްގެ ރަސްގެފާނު ޝާރުކް ހާން ޑްވާފެއް ނުވަތަ ކުޑަކޮށް ތިބޭ މީހެއްގެ ގޮތައް ފެނިގެންދާ މި ފިލްމު ފުރަތަމަ ޓީޒާ ވަނީ އާންމުނަށް ދޫކޮށްލާފަ އެވެ.

ފިލްމު ހާއްސަވާ އެހެން ސަބަބެއްވެސް އެބަ އޮތެވެ. މި ފިލްމު ލީޑުން ދެން ފެނިގެންދާނީ އަނުޝްކާ ޝަރްމާ އަދި ކެޓްރީނާ ކައިފް އެވެ. ބޮލީވުޑްގައި ނުފޫޒުގައި ވަރުގަދަ ތިން ތަރިން ލައިގެން ހަދާ މި ފިލްމަށް ގިނަ އުއްމީދުތަކެއް ކުރެވެ އެވެ.

ޝާރުކް ހާންގެ ފިލްމުތަކަށް މަރުދޭ ދިވެހިން އަދިވެސް އެބަ ތިބި އެވެ. އެ ފަރާތްތަކަށް މި ފިލްމަށް އަދި ދިގު އިންތިޒާރެއް ކުރަންޖެހޭނެ އެވެ. އެއީ މި ފިލްމު ރިލީޒް ކުރަން ކަނޑައަޅާފައިވާނީ ޑިސެމްބަރު 21 ގައި ވާތީ އެވެ.

ސަންޖޭ ދަތުގެ ބަޔޮޕިކް

ބޮލީވުޑްގެ ބަތަލު ސަންޖޭ ދަތު ހަޔާތުގެ މައްޗަށް ހަދާ މި ބަޔޮޕިކް ފިލްމަކީ ރާޖްކުމާރު ހިރާނީ ޑައިރެކްޓު ކުރާ ފިލްމެކެވެ. މި ފިލްމުގައި ސަންޖޭގެ ރޯލް ކުޅޭނީ ރަންބީރު ކަޕޫރް އެވެ. އަދި ސަންޖޭގެ އަންހެނުންގެ ރޯލުން ފެނިގެންދާނި ދިއާ މިޒްރާ އެވެ.

"ލަގޭ ރަހޯ މުންނާ ބާއީ"، "މުންނާ ބާއީ އެމްބީބީއެސް"، އަދި "ޖޯޑީ ނަމްބަރު 1" ފަދަ ފިލްމުތަކުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ސަންޖޭގެ ބަޔޮޕިކް މި ފިލްމުގައި އޭނާގެ ހަޔާތުގައި ހިނގާފައިވާ ގިނަ ކަންތައްތަކެއް ހިމެނޭނެ އެވެ. އެގޮތުން އޭނާ ސުޕާސްޓާރަކަށް ވުމަށް ކުރި މަސައްކަތާއި ޑްރަގް ވަބާއިން ސަލާމަތްވި ގޮތާއި އަދި ހަތިޔާރު ގެންގުޅު ކަމުގެ ތުހުމަތުގައި އޭނާ ޖަލަށްލި ހާދިސާގެ ވާހަކަތައްވެސް ހިމެނޭނެ އެވެ.

ކުރިން މާޗް 23 ގައި ރިލީޒްކުރަން އޮތް މި ފިލްމު މިހާރުވަނީ ޖޫން 29 އަށް ބަދަލުކޮށްފަ އެވެ.

އަދިވެސް އިތުރު ވަރުގަދަ ބޮލީވުޑްގެ ފިލްމުތަކެއް މި އަހަރަށް ތާވަލުކުރެވިފަ އެބަހުއްޓެވެ. އެގޮތުން ކަންގަނާ ރަނާއުތް ފެނިގެންދާ "ކުއީން އޮފް ޖާންސީ؛ ރާނީ ލަކްޝްމީބާއި"، އައިޝްވާރިޔާ ފެނިގެންދާ "ފަންނޭ ހާން"، އަނުޝްކާ ޝަރްމާގެ "ޕަރީ"ގެ އިތުރުން ޝުޝާން ސިންގް ރާޖުޕުތް ފެނިގެންދާ ބޮލީވުޑްގެ ފުރަތަމަ ސްޕޭސް ފިލްމު "ޖަންޑާ މާމަ ދޫރް ކޭ" ފާހަގަކޮށްލެވެ.