މިފަހަކަށް އައިސް މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފް އާއެކު ބޮލީވުޑްގެ ހަފްލާތަކުގައި އޭނާގެ ކޮއްކޮ އިޒަބެލް ކައިފް ވެސް އަންނަނީ ބައިވެރިވަމުންނެވެ. މިދިޔަ މަހު ފަހުކޮޅު ބޭއްވި ބަތަލާ އަނުޝްކާ ޝަރްމާ އާއި ވިރާޓް ކޯލީގެ ކައިވެނި ޕާޓީގައި ކެޓްރީނާ އާއެކު އިޒަބެލް ފެނި، އޭނާ ބޮލީވުޑަށް އަލުން ނިކުންނަށް ތައްޔާރުވަމުން އަންނަ ކަމުގެ ވާހަކަތައް އަންނަނީ ދެކެވެމުންނެވެ.
މަޝްހޫރު މޭކަޕް ބްރޭންޑެއް ވެސް އިޒަބެއްލާ މިހާރު އެންޑޯޒްކުރަމުން އަންނަ ކަމަށް ވާއިރު އޭނާ ބޮލީވުޑަށް އަލުން ނެރެދޭން މަސައްކަތް ކުރަމުން އަންނަނީ ދައްތަ ކެޓްރީނާގެ ކުރީގެ ލޯބިވެރިޔާ ސަލްމާން ޚާން އެވެ.
އިޒަބެލް ވަނީ 2014 ވަނަ އަހަރު ނިކުތް އިންޑޯ-ކެނެޑިއަން ރޮމޭންޓިކް ކޮމެޑީ ފިލްމު، "ޑރ ޗެބީ" ކުޅެފަ އެވެ. ނަމަވެސް އެ ފިިލްމު ނާކާމިޔާބުވެ، އިޒަބެލް އަށް ބޮލީވުޑުން އިތުރު ފުރުސަތުތައް ވަނީ ނުލިބިފަ އެވެ.
ބޮލީވުޑްގެ ހަބަރުތައް ބުނާގޮތުން ސަލްމާން އަންނަނީ އިޒަބެލް ސޫރަޖް ޕަންޗޯލީ އާއެކު ފިލްމީ ދައިރާއަށް ނެރެން ތައްޔާރުވަމުންނެވެ. ސަލްމާން ޕްރޮޑިއުސްކޮށް 2016 ވަނަ އަހަރު ނިކުތް "ހީރޯ" އިން ސޫރަޖް ބޮލީވުޑަށް ނިކުތް ނަމަވެސް އޭނާގެ ކެރިއަރު ފިޔަޖަހާ ގޮތެއް ނުވި އެވެ.
ސޫރަޖްގެ ކެރިއަރާ މެދު ސަލްމާން ކަންބޮޑުވެގެން އުޅޭތާ ދުވަސްކޮޅެއް ވެއްޖެ އެވެ. އަދި އިޒަބެލް ވެސް އަލުން ބޮލީވުޑަށް ނެރެން ސަލްމާން މަސައްކަތް ކުރަމުން އަންނަތާ ދުވަސްތަކެއް ވެއްޖެ އެވެ. ރަނގަޅު ސްކްރިޕްޓެއް ލިބުމުން ސަލްމާން މިހާރު ވަނީ އެ ފިލްމުގެ ޕްރޮޑިއުސަރަކަށް ޓީ-ސީރީޒް ހަމަޖައްސާފަ އެވެ.
އެ ފިލްމު ޓީ-ސީރީޒްއިން ޕްރޮޑިއުސްކުރަން ނިންމީ އެ ކުންފުނިން ދެން އުފައްދާ ފިލްމު "ބާރަތް" ކުޅެން ސަލްމާން ނިންމުމުންނެވެ. އަދި އެ ފިލްމުގެ ވާހަކަތަކުގެ ތެރެއިން ސަލްމާން ވަނީ ސޫރަޖް އާއި އިޒަބެލް ރީލޯންޗްކޮށްދޭން އެހީތެރިވެދިނުމަށް އެދިފަ އެވެ.
އެ ފިލްމާ ގާތްފަރާތަކުން ބުނެފައިވާ ގޮތުގައި އިޒަބެލް އާއި ސޫރަޖްގެ ފުރަތަމަ ފިލްމު ޑައިރެކްޓްކުރަނީ "ރޭސް 3" ގައި ރެމޯ ޑިސޫޒާ އާއެކު އެސިސްޓަންޓް ޑައިރެކްޓަރަކަށް ހަރަކާތްތެރިވާ ސްޓެންލޭ ޑިކޯސްޓާ އެވެ.
މި ފިލްމު ސަލްމާން ޕްރޮޑިއުސް ނުކުރިޔަސް ކޮންމެވެސް އެއް ސިފައެއްގައި އޭނާ މި ފިލްމުގައި ބައިވެރިވާނެ ކަމަށްވެ އެވެ. މި ފިލްމުގެ ޝޫޓިން ފަށާނެ ކަމަށް ބެލެވެނީ މި އަހަރުގެ މެދުތެރޭގަ އެވެ.