ބޮލީވުޑް

ސެންސަރު ބޯޑުން މިފަހަރު އެދުނީ ދިޕިކާގެ ބަނޑު ފޮރުވަން

Jan 14, 2018

ސެންސަރު ބޯޑުގައި ތާށިވެފައި އޮތް ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ "ޕަދްމާވަތް" މި މަހުގެ 25 ވަނަ ދުވަހު ރިލީޒްކުރެވޭނެ ކަމުގެ ފެހި ސިގްނަލް ލިބިފައި އޮތަސް ފިލްމަށް އަދިވެސް އެކި ގޮތްގޮތުން އަންނަނީ ދަތިތައް ކުރިމަތިވަމުންނެވެ.

ފިިލްމަކީ ހިންދޫ ރާނީއެއް ކަމަށްވާ ރާނީ ޕަދްމިނީގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ ފިލްމެއް ކަމަށް ބުނެ، ކަރްނީ ސެނާ ކިޔާ ހިންދޫ ގްރޫޕަކުން ފިލްމާ ދެކޮޅަށް ކުރި މުޒާހަރާތަކާ ގުޅިގެން ފިލްމުގެ ރިލީޒްކުރުން ވަނީ ފަސްކޮށްފަ އެވެ. ކުރިން މި ފިލްމު ރިލީޒްކުރާ ގޮތަށް ހަމަޖެހިފައި އޮތީ މިދިޔަ މަހުގެ އެއް ވަނަ ދުވަހު އެވެ.

ތާރީހު ދިރާސާކުރާ ފަރާތްތަކާއި ކުރީގެ ޝާހީ އާއިލާ ތަމްސީލުކުރާ ފަރާތްތަކާ އެކު ފިލްމު ފާސްކުރުމަށް ސެންސަރު ބޯޑުގެ މެމްބަރުންނާއެކު ބޭއްވި ބައްދަލުވުމުގައި ވަނީ ފިލްމުގައި ހިމެނޭ ގޫމަރް ލަވައިގައި ދިޕިކާގެ ބަނޑު ފެންނަ މަންޒަރުތައް ކަނޑާލަން އެދިފަ އެވެ. އެގޮތަށް ސެންސަރު ބޯޑުން އެދިފައިވަނީ ދިޕިކާ މި ފިލްމުގައި ކުޅެފައިވަނީ ރާނީއެއް ރޯލު ކަމަށްވެފައި ރާނީން އެގޮތަށް ހެދުން އަޅާފައި ނުވާތީ ކަމަށް ބުނެ އެވެ.

ފިލްމުގެ ފަރާތުން ޕްރޮޑިއުސަރުން ބައިވެރިވި އެ ބައްދަލުވުުމުގައި ވަނީ ލަވައިގައި ދިޕިކާގެ ބަނޑު ފެންނަ މަންޒަރުތައް އެއްކޮށް ކަނޑާލައިފި ނަމަ ލަވައިގެ ހަމަ އެއްކޮށް ގެއްލިދާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް ސެންސަރު ބޯޑުން އެދުނު ގޮތަށް އެ ލަވައިގައި ދިޕިކާގެ ބަނޑު ކޮމްޕިއުޓާ ގެރްފިކްސް އެހީގައި ނުފެންނަ ގޮތަށް ހަދާނެ ކަމަށް އެއްބަސްވެފަ އެވެ.

ސެންސަރު ބޯޑުން އެދުނު މަންޒަރަށް ބަދަލު ގެނެސް އަލުން މި ފިލްމު ފާސްކުރަން ހުށަހަޅާފައިވާ ކަމަށް ފިލްމުގައި މަސައްކަތްކުރާ ފަރާތަކުން ބުނެފައިވާ ކަމަށް ނޫސްތަކުގައިވެ އެވެ.

އަދި މި ފިލްމު ފާސްކުރި ކަމުގެ ސެޓްފިކެޓް ސެންސަރު ބޯޑުން ނުދޭ ކަމަށްވެސް ވެ އެވެ.

ހަބަރުތައް ބުނާގޮތުން މި ފިިލްމުގެ ކޮންޓެންޓުގައި އެއްވެސް މައްސަލައެއް ހުރިކަން ފާހަގަނުވާ ކަމަށް ސެންސަރު ބޯޑުގެ މެމްބަރުން ވަނީ ބުނެފަ އެވެ. ނަމަވެސް ތާރީހު ދިރާސާކުރާ ފަރާތްތަކާއި ކުރީގެ ޝާހީ އާއިލާ ތަމްސީލުކުރާ ފަރާތްތަކުން ވަނީ ފިލްމުގައި ގިނަ މައްސަލަތައް ހުރި ކަމަށް ބުނެ ނުކުތާތައް ފާހަގަކޮށްފަ އެވެ. އެހެންނަމަވެސް ސެންސަރު ބޯޑުން ވަނީ ކުދި ބަދަލުތަކަކާ އެކު ފިލްމު ފާސްކޮށްދޭން ނިންމާފަ އެވެ.

ރާޖަސްތާނުގައި މި ފިލްމު ރިލީޒްކުރުން މަނާކޮށްފައިވާއިރު، ކަރްނީ ސެނާ ގްރޫޕުގެ މެމްބަރުންތަކެއް ވަނީ ފިލްމު ފާސްކޮށްދީފައިވާތީ ސެންސަރު ބޯޑުގެ އޮފީހުގެ ކުރިމަތީގައި ވެސް މުޒާހަރާކޮށްފަ އެވެ.