ބޮލީވުޑް

"ޕަދްމާވަތް" އާ ހެދި ގިނަ ފިލްމުތައް ނެރުން ފަސްކުރަނީ!

Jan 15, 2018

ނާކާމިޔާބު އަހަރަކަށް ފަހު 2018 އަށް ބޮލީވުޑުން މަރުހަބާކީ އުންމީދީ ބޮޑެތި ގިނަ ފިލްމުތަކަކާ އެކު އެވެ. ނަމަވެސް އާ އަހަރާ އެކު ފިލްމުތައް ރިލީޒްވެ ބޮކްސް އޮފީހުގައި ހިނގައި ގަންނަން ނުފަށަނީސް ގިނަ ބޮޑެތި ފިލްމުތައް ރިލީޒްކުރާ ދުވަސްތައް އަންނަނީ ފަސްކުރަމުންނެވެ.

އެކި ސަބަބުތަކާ ހުރެ ފިލްމުތައް ފަސްކުރާތީ ބެލުންތެރިންނަށް ބޮޑު މާޔޫސްކަމެއް ވަނީ ކުރިމަތިވެފަ އެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު އެއް ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައި އޮތް ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ "ޕަދްމާވަތް" ރިލީޒްކުރާ ދުވަސް މި މަހުގެ 25 ވަަނަ ދުވަހަށް ބަދަލުކުރުމާ އެކު ގިނަ ޕްރޮޑިއުސަރުން އެމީހުންގެ ފިލްމުތަކަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށް ވަނީ ފިލްމު ރިލީޒްކުރުން ފަސްކޮށްފަ އެވެ.

ބަންސާލީ އެންމެފަހުން ނެރުނު ތިން ފިލްމަށް ވެސް ބޮކްސް އޮފީހުގައި ލިބުނު ބޮޑު ކާމިޔާބީ އާއެކު އޭނާގެ ފިލްމެއް ރިލީޒްކުރާ ދުވަހެއްގައި އިތުރު ފިލްމެއް ރިލީޒްކުރަން ޑައިރެކްޓަރުން ފަސްޖެެހެ އެވެ.

އެގޮތުން "ޕަދްމާވަތް" ބޮކްސް އޮފީހަށް މިހާރު ވެސް މި ވަނީ ބޮޑު ލޮޅުމެއް ގެނެސްފަ އެވެ. ކުރިން މި މަހުގެ 25 ވަނަ ދުވަހު ރިލީޒްކުރާ ގޮތަށް ހަމަޖެހިފައި އޮތް ސިދާތް މަލްހޯތުރާ ލީޑްރޯލުން ފެނިގެންދާ "އައްޔާރީ" އެ ފިލްމާއި އަކްޝޭ ކުމާރުގެ "ޕެޑްމޭން" އާ ކުރިމަތިލުމަކަށް ނުދާން ވެގެން ފެބްރުއަރީ 9 ވަނަ ދުވަހު ރިލީޒްކުރާ ގޮތަށް ފަސްކޮށްފަ އެވެ.

"އައްޔާރީ" ރިލީޒްކުރާ ދުވަސް ބަދަލުކުރިއިރު، ނުވައެއް ފެބްރުއަރީގައި އިތުރު ފިލްމެއް ރިލީޒްކުރާނެ އެވެ. އެއީ "ސޮނު ކި ޓިޓޫ ކި ސްވީޓީ" އެވެ. ކުރިން އެ ދުވަހު އަނުޝްކާ ޝަރްމާ ޕްރޮޑިއުސްކޮށް ލީޑްރޯލު ކުޅޭ "ޕަރީ" ރިލީޒްކުރާ ގޮތަށް ހަމަޖެހިފައި އޮތް ނަމަވެސް އެއް ދުވަހެއްގައި ތިން ފިލްމު ރިލީޒްނުކުރާން ވެގެން ވަނީ އޭނާގެ ފިލްމު މާޗް މަހުގެ ދެ ވަނަ ދުވަހު ރިލީޒްކުރާ ގޮތަށް ބަދަލުކޮށްފަ އެވެ. ނަމަވެސް އެ ފިލްމާ އެކު އެ ދުވަހު އިތުރު ބޮޑު ދެ ފިލްމެއް ރިލީޒްކުރާނެ އެވެ. އެއީ ސުޝާންތް ސިންގް ރާޖްޕުތާއި ޖެކުއަލީން ފާނެންޑޭޒް އެކުގައި ކުޅެފައިވާ ފުރަތަމަ ފިލްމު "ޑްރައިވް" އާއި "ހޭޓް ސްޓޯރީ 4" އެެވެ.

މީގެއިތުރުން ޖޯން އަބްރަހަމްގެ "ޕަރްމަނު" އަންނަ މަހުގެ 23 ވަނަ ދުވަހު ރިލީޒްކުރާ ގޮތަށް ހަމަޖެހިފައި އޮތް ނަމަވެސް ރާނީ މުކަރްޖީ އެނބުރި އަންނަ ފިލްމު 'ހިޗްކީ" އެ ދުވަހު ރިލީޒްކުރާތީ ޖޯންގެ ފިލްމު ރިލީޒްކުރާ ދުވަސް އެހެން ތާރީހަކަށް ބަދަލުކުރަން އަންނަނީ މަޝްވަރާ ކުރަމުންނެވެ. ކުރިން މި ފިލްމު ރިލީޒްކުރާ ގޮތަށް ހަމަޖެހިފައި އޮތީ މިދިޔަ މަހުގެ އަށް ވަނަ ދުވަހު އެވެ. ނަމަވެސް "ޕަދްމާވަތް" އޭރު ޑިސެމްބަރު އެކެއްގައި ރިލީޒްކުރާ ގޮތަށް ނިންމާފައި އޮތުމުން އެ ފިލްމު ވަނީ ފެބްރުއަރީގައި ރިލީޒްކުރަން ފަސްކޮށްފަ އެވެ.

ރަންބީރު ކަޕޫރު ޓައިޓަލް ރޯލު ކުޅެފައިވާ ސަންޖޭ ދަތުގެ ބަޔޮޕިކަކީ ވެސް ރިލީޒްކުރާ ދުވަސް ފަސްކުރި ފިލްމުތަކުގެ ލިސްޓަށް އިތުރުވި ނަމެކެވެ. މާޗް 30 ވަނަ ދުވަހު ރިލީޒްކުރާ ގޮތަށް ހަމަޖެހިފައި އޮތް އެ ފިލްމު ރިލީޒްކުރާ ދުވަސް ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ތިން މަސް ފަހަށް ބަދަލުކޮށްފަ އެވެ. އެ ބަދަލު ގެނެސްފައިވަނީ 27 މާޗްގައި "ރޮބޮޓް 2.0" އާއި "އެވެންޖާސް" އަދި "ބާޒާރް" ރިލީޒްކުރާތީވެ އެވެ. އަދި ޓައިގާ ޝްރޮފްގެ "ބާޣީ 2" ވެސް 30 މާޗްގައި ރިލީޒްކުރަން އަވަސްކޮށްފައިވާތީ އެ ހަފްތާ އަކީ ބޮކްސް އޮފީހުގައި ގިނަ ފިލްމުތަކެއް ދައްކާނެ ހަފްތާ އަކަށް ވުމުން ފިލްމުގެ ވިޔަފާރި ދަށްވެދާނެ ކަމަށް ބަލާފަ އެވެ.

ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް އުފެއްދި ފިލްމު ރިލީޒްކުރާ ދުވަސް ޖޫން 29 އަށް ބަދަލުކުރުމުން ކުރިން އެ ދުވަހު ރިލީޒްކުރަން ހަމަޖެހިފައި އޮތް ދިލްޖިތް ދޯސަންޖް އާއި އާާއި ތާޕްސީ ޕަނޫގެ "ސޫރްމާ" ރިލީޒްކުރާ ދުވަސް އެހެން ދުވަހަކަށް ބަދަލުކުރަން ރަނގަޅު ތާރީހެއް އަންނަނީ ހޯދަމުންނެވެ.

އަދި ދަތު ބަޔޮޕިކް ރިލީޒްކުރާތާ ހަފްތާއެއް ފަހުން ރިލީޒްކުރާ ގޮތަށް އޮތް ޖާންވީ ކަޕޫރާއި އިޝާން ކައްތަރު ބޮލީވުޑަށް ނިކުންނަ ފިލްމު "ދަޅަކް" ދަތު ފިލްމުގެ ވިޔަފާރީގެ ނޭދެވޭ އަސަރުކޮށްފާނެ ކަމަށް ބެލެވޭތީ ވަނީ އިތުރު އެއް ހަފްތާ ފަހުން ރިލީޒްކުރާ ގޮތަށް ބަދަލު ގެންނަން ނިންމާފަ އެވެ.

ހަތަރު ބަތަލާއިން ލީޑްރޯލުން ފެނިގެންދާ "ވީރޭ ދި ވެޑިން" ވެސް ވަނީ ދެވަނަ ފަހަރަށް ރިލީޒްކުރާ ދުވަސް ބަދަލުކޮށްފަ އެވެ. ވިހައިގެން ކަރީނާ ކަޕޫރު ކުޅޭ ފުރަތަމަ ފިލްމު، މެއި 18 ވަނަ ދުވަހުގެ ބަދަލުގައި ޖޫން އެއްވަނަ ދުވަހު ރިލީޒްކުރާ ގޮތަށް އިއްޔެ ވަނީ ބަދަލުކޮށްފަ އެވެ.

މި އަހަރުގެ ފުރަތަމަ މަސް ނުނިމި، އަދި ގިނަ ފިލްމުތަކެއް ރިލީޒްނުވަނީސް މިހާ ބޮޑު ބަދަލުތަކެއް ގިނަ ފިލްމުތައް ރިލީޒްކުރާ ދުވަހަށް ގެންނަމުން އަންނައިރު، ކުރިއަށް އޮތް ތަނުގައި ގިނަ ފިލްމުތައް ރިލީޒްކުރާ ދުވަސް އިތުރަށް ބަދަލުކުރުމަކީ އެކަށީގެންވާ ކަމެކެވެ. އަހަރުގެ ފަހުކޮޅު ރިލީޒްކުރަން ބޮޑެތި ފިލްމުތަކެއް ހަމަޖެހިފައި ހުރި އިރު، އެ ފިލްމުތައް ވެސް ރިލީޒްކުރާ ދުވަހަށް އަދި ބަދަލުތަކެއް އަންނާނެ ކަމަށް ލަފާކުރެވެ އެވެ.

އަހަރުގެ ފަހުކޮޅު ބޮޑު ތިން ތަރިން ކަމަށްވާ ސަލްމާން ޚާން އާއި އާމިރް ޚާން އަދި ޝާހްރުކް ޚާންގެ ތިން ފިލްމެއް ރިލީޒްވާނެ އެވެ. އެއީ އާމިރްގް "ތަގްސް އޮފް ހިންދުސްތާން" އާއި ސަލްމާންގެ "ރޭސް 3" އަދި ޝާހްރުކްގެ "ޒީރޯ" އެވެ.

ޓްރޭޑް އެނަލިސްޓުން ލަފާކުރާ ގޮތުގައި މި އަހަރުގެ ކުރިއަށް އޮތް ތަނުގައި އަދިވެސް ގިނަ ފިލްމުތައް ރިލީޒްކުރާ ދުވަހަށް ބޮޑެތި ބަދަލުތަކެއް އަންނާނެ އެވެ. ސަބަބެއް ކަމަށް ވަނީ މި އަހަރު މިދިޔަ އަހަރަށް ވުރެން ގިނަ ފިލްމުތައް ރިލީޒްކުރަން ހަމަޖެހިފައި ހުރުމެވެ. އެގޮތުން ގިނަ ފިލްމުތައް ބޮޑެތި ކުރިމަތިލުމަކަށް ދާނެ ކަމަށް ވެސް ލަފާކުރެވެ އެވެ.

ގިނަ ފިލްމުތަކުގެ ޕްރޮޑިއުސަރުން ފިލްމު ރިލީޒްކުރާ ތާރީހު ފަސްކުރަން ރަނގަޅު ތާރީހެއް ހޯދުމަށް އަތްފުނާ އަޅަމުން އަންނައިރު، އެކަމުގެ ސަބަބުން ބައެއް ފިލްމުތަކުގެ ވިޔަފާރި އަށް ނޭދެވޭ އަސަރުކުރާނެ ކަމަށް ބެލެވެ އެވެ. އޭގެތެރެއިން ކުދި ބަޖެޓުގެ ފިލްމުތަކަށް ބޮކްސް އޮފީހުގައި ކާމިޔާބު ވުމަކީ ނާދިރު ކަމެކެވެ.

ބައެއް ފިލްމުތައް ރިލީޒްކުރާ ތާރީހު ބަދަލުކުރުމުން ބޮޑެތި ފިލްމުތަކާ ކުރިމަތިލުމަކަށް ދާން ޖެހޭތީ ބައެއް ޕްރޮޑިއުސަރުން އަންނަނީ ކުރިމަތިލުމަކަށް ނުގޮސް ވާނެ ގޮތެއް އޮތްތޯ ބަލަން މަޝްވަރާތައް ކުރަމުންނެވެ. ނަމަވެސް ބައެއް ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުން ތިބީ ގޮތްދޫކުރާ ގޮތަކަށް ނޫނެވެ.