(11 ޖެނުއަރީ 2018 އާ ގުޅޭ) -- "މިހާރު ތިހިސާބަށް ވެސް ކަންތައް ދިޔައީތަ؟ ތިފަދަ ނިންމުމެއް ނިންމަން އަދި އަވަސްހެން ބައްޕައަށް ހީވަނީ.... ޒޭންއާ ދިމާވީ އިހަކަށްދުވަހުއެއް ނޫންތަ؟" އަޒާން މާ ހިތްހަމަޖެހޭގޮތެއް ނުވިއެވެ.
"ބައްޕައަށް އެނގޭނެ ޒޭންއަކީ ގޯސް ކުއްޖެއް ނޫންކަން، އޭނައަކީ ކިޔަވައިގެން ހުރި ހަރުދާނާ ކުއްޖެއް، ޒިންމާދާރު ވަޒީފާއެއް އަދާކުރަމުން ދަނީ.... އެހެންނޫނަސް ގިނަ ދުވަހު ރައްޓެހިވެގެން އުޅުމަށްވުރެ އަވަހަށް ކައިވެނިކުރުން މާރަނގަޅުވާނެ އެއްނު، އެއީ ޒޭން ވެސް ޤަބޫލުކުރާ ގޮތް. އެހެންވެ ކުރިން ކައިވެނި ކުރާން ޒޭން އެ ބޭނުންވަނީ. އެއީ ރަނގަޅު ގޮތެއްނޫންތަ ބައްޕާ" ޔާނާ ދެރަވިއެވެ. އޭނަ އަޒާންގެ ފަރާތުން އެފަދަ ޖަވާބެއް އައިސްދާނެ ކަމަކަށް ހީ ވެސް ނުކުރެއެވެ. ލިބުނު ނުތަނަވަސްކަމާއެކު ޔާނާގެ ސިކުނޑިއަށް އައީ މިންނުއާއި އަޒާން އުޅުނު ގޮތެވެ. އަޒާންގެ ވިސްނުން ހުރީ މިންނުއާ އަވަހަށް ކައިވެނިކުރާށެވެ. އެކުގައި ގިނަ ދުވަހު އުޅެނިކޮށް ނުބައި މަގަކުން ދެވިދާނޭތީއެވެ. ހަމައެއާއެކު ލޯބިވެރިޔާ ބީވެދާނޭކަމުގެ ބިރު ވެސް އޮތެވެ. އެ ހުރިހާ ވާހަކައެއް އަޒާންގެ ކުރިމައްޗަށް ބަންޑުންކޮށްލާ ހިތް ޔާނާވިއެވެ. އަޒާންގެ އެ ވިސްނުން ބަދަލުވީ ކޮންދުވަހަކުތޯ ސުވާލުކުރާ ހިތްވިއެވެ. އެހެންވިޔަސް އޭނާގެ ޟަމީރު އެކަން ހުއްޓުވީއެވެ.
"އެއީ ތެދެއް އަޒާން!، ޔާނާއަކީ އަހަރެމެންގެ ހުރި ހަމައެކަނި ދަރިއަށްވީމަ، އަހަރެމެންނަށް އަދިވެސް އޭނަ ޅަކުއްޖެއްހެން ހީވިއަސް އެ މަންޖެ ބޮޑުވެއްޖެއޭ، ދަރީން ބޮޑެތިވެގެން ކޮންމެވެސް ދުވަހަކުން މީހުންނާ ވެސް އިންނާނެ. އެކަމަށް އަހަރުމެން ދެކޮޅު ހަދަންވީ ކީއްވެ؟ އަޅެ މާދަމާ ޒޭން އައީމަ ވާހަކަ ދައްކާލަނިކޮށް އެނގިދާނެއެއްނު ކޮންކަހަލަ ކުއްޖެއްކަން ވެސް. އޭގެ ކުރީން ގޮތެއް ނުނިންމަމާ... އަހަރެން ބޭނުން ޔާނާ ވެސް ރުހޭ ކުއްޖަކާ އޭނާގެ ކައިވެނި ކުރެވެން" ޝަމްލާ ބުރަވީ ދަރިފުޅުގެ ކޮޅަށެވެ. އޭނަގެ ހިތް ވެސް ބުނަމުން ދިޔައީ ދަރިފުޅަށް އިތުބާރު ކުރުމަށެވެ. ކޮންމެކޮންމެ ފިރިހެންކުއްޖެއް ޔާނާގެ ދިރިއުޅުމަށް ގެންނާކަށް އޭނާ ނުވިސްނާނެއެވެ. ޒޭން ވާނީ ޚާއްޞަ ޒުވާނަކަށްކަން ޝަމްލާއަށް ޤަބޫލުކުރެވެއެވެ.
ކައިނިމި ބަދިގެއިން ނުކުމެގެން އަޒާން ދިޔައިރު ވެސް ވަކި އެއްޗެއް އޭނާ ނުބުންޏެވެ. ޔާނާ އެކަމުގެ ސަބަބުން އިތުރަށް ދެރަވިއެވެ. ދެން ހަދާނީ ކިހިނެއްބާއޭ ހިތަށް އެރިއެވެ. އަޒާން ޒޭން އާއި ބައްދަލު ކުރަން ބޭނުންނުވިކަމުގައި ވިޔަސް ޒޭން އެގެއަށް ގެންނަންވީބާއޭ ޔާނާ ހިތަށް އެރިއެވެ. ޒޭންއާ މެދު އަޒާން ހިތްހަމަނުޖެހެނީ އަނެއްކާ އެއީ މިލްނާގެ ދަރިއެއްކަން އަޒާންއަށް އެނގުނީބާއޭ ވެސް ޔާނާގެ ހިތަށްއެރިއެވެ. އެހެންވެއްޖެނަމަ އިތުރަށް ކަންތައްތައް ގޯސްވުމަކީ ވެސް ވެދާނޭ ކަމެކެވެ. މިލްނާގެ ޚަބަރެއް އެނގެން އަޒާން ބޭނުންނުވަނީއޭ ޔާނާއަށް ހީވިއެވެ.
"ދަރިފުޅު ދެރަނުވޭ! ބައްޕަ އެ އުޅެނީ ދަރިފުޅު މީހަކާ އިނދެގެން މިގެއިން ނުކުމެގެން ހިނގައިދާނޭތީވެ އެކަމާ ދެރަވެގެން. ދަރިފުޅު ހިނގައްޖެނަމަ މި ގޭތެރެ ވަރަށް ފަޅުވާނެ، މަންމަ އަދިވެސް ބައްޕައާ ވާހަކަދައްކާނަން" ޝަމްލާ އޯގާތެރިކަމާއިއެކު ބުނެލިއެވެ. ޔާނާ ތެދުވެ ހިނގައިގަތީ އޭނަގެ ކޮޓަރިއަށް ދިއުމަށެވެ.
* * * * *
ޒޭން ގެއަށް އައިސް ވަނީސުރެން ހައިކަލް ބަލަމުން ދިޔައީ ސުވާލުގެ ނަޒަރަކުންނެވެ. އޭނާ އަޑުއަހަން ބޭނުންވެފައިވާ ޖަވާބު ލިބޭނެ އިރެއްގެ އިންތިޒާރުގައި ކެތްތެރިކަން ކުޑަވެފައިއިނެވެ. ހައިކަލްގެ ގާތުގައި ސޯފާގައި ޒޭން އިންއިރު އޭނާގެ ސަމާލުކަން ވަނީ ހުޅުވާފައި ހުރި ޓީވީއަށް ހުއްޓާލެވިފައެވެ. ގަސްދުގައި ހައިކަލްއަށް ނުބަލާން ޒޭން އުޅޭ ކަހަލައެވެ. ޓީވީގެ ރިމޯޓު ނަގައިގެން އިނދެ ފަހަރަކު ޗެނަލެއް ބަދަލު ކުރަން ފެށިއެވެ.
"ސޯ..." ޒޭންގެ ފަރާތުން އިޝާރާތެއް ނުވުމުން އެންމެފަހުން ހައިކަލް ބުނެލިއެވެ.
"ޝީ ސެޑް ޔެސް" ޒޭން ފަރުވާކުޑަ ރާގެއްގައި ބުނެލިއެވެ.
"ވަޓް..." ހައިކަލްގެ މޫނުމަތި އުޖާލާވަގެން ދިޔައެވެ. ދެވެނަ ފަހަރަށް ޒޭން ބުނިއެއްޗެއް އަޑުއަހާލަން ބޭނުންވިއެވެ.
"ޝީ ސެޑް ޔެސް، ޔެސް، ޔެސް..." މިފަހަރު ޒާނަކަށް ވެސް އޭނާގެ އަމިއްލަ އިޙްސާސްތަކެއް ނުފޮރުވުނެވެ. ހައިކަލްގެ ގައިގާ އުފަލުން އޮޅުލައިގަތެވެ. ދެބަފައިންނަށް ވެސް ލިބުނު އުފާވެރިކަމުގައި ހެވެނީއެވެ. ހިތްވަރު ދިނުމުގެ ގޮތުން ޒޭންގެ ބުރަކަށީގައި ދެތިންފަހަރު ހައިކަލް ޖަހާ ވެސް ލިއެވެ. ކައިވެންޏަށް އެދުމުން ޔާނާގެ ޢަމަލުތައް ހުރި ގޮތް ބައްޕައަށް ކިޔައިދޭން ޒޭން އަވަސްވެލިއެވެ. ދެބައިން ހީނހީނފައި އަންނަން އޮތް އުފާވެރި ދުވަސްތަކުގެ ޚިޔާލު ކުރަމުންދިޔައެވެ.
* * * * *
ކޮޓަރީގައި ނިދަން އޮތް ޔާނާއަށް އިރުއިރު ކޮޅާ ބަލާލެވެނީ އޭނާގެ ކަށި އިނގިލީގައި ޒޭން އަޅުވައިދިން އަނގޮއްޓިއަށެވެ. ލޯތްބާއެކު އޭގައި ފިރުމާލެވުނީ ކިތަށް ފަހަރު ކަމެއް އޭނައަށް ނޭގެއެވެ. އެހެންނަމަވެސް އަޒާންގެ ބަދަލުވަމުން އަންނަ މިޒާޖާއި ދޭތެރޭ ވެސް އޭނައަށް ވިސްނުނެވެ. ޝަމްލާއަށް މި ހުރިހާ ކަމެއް އެނގުމުން ދެންވާނީ ކިހިނެއްބާއޭ ވެސް ޔާނާގެ ހިތަށް އެރިއެވެ. ބައްޕަގެ މާޒީ ނިއުޅަމުން ދާއިރު އެކަމުގެ ސަބަބުން މަންމައަށް ހިތާމައެއް ލިބިދާނޭތީ ޔާނާ ކަންބޮޑުވެއެވެ.
"އަޒާން!... ނިދީތަ؟" ކައިރީގައި އޮތް އަޒާންގެ ކޮނޑުގައި ކޮއްޓާލަމުން ޝަމްލާ ގޮވާލިއެވެ.
"އުހޫ!" ޝަމްލާއަށް ފުރަގަސްދީގެން އޮތް ގޮތަށް އޮވެ އަޒާން ބުނެލިއެވެ.
"އަދިވެސް ހިތްހަމަ ނުޖެހިފަދަ ތި އޮތީ؟" ޝަމްލާ އަހާލިއެވެ.
"ނޫން..." އަޒާންގެ ޖަވާބުތައް ކުރެވެ.
"އަހަރެމެންގެ ޔާނާއަކީ ރަނގަޅު ކުއްޖެއް، އޭނާގެ އުޅުން ހުންނަ ގޮތް އަޒާންއަށް އޮޅިފައެއް މިހާރު ނޯންނާނެ. އަހަންނަށް އެނގޭ ޔާނާދެކެ އަޒާން އިންތިހާއަށް ލޯބިވާކަން. އެކަމަކު މިހާރު އެ ދަރިފުޅަކީ އަހަރެމެން ޅަކޮށްގެން ގެންގުޅުނު ދަރިފުޅެއްނޫން. ޔާނާއަކީ ކުޑަކުއްޖެއްނޫން. ތި ދެބައިން ދެބަސްވާކަށް އަހަރެން ނޭދެން. އަހަންނަށްވުރެ ކުރީން ޒޭންގެ ޚަބަރު ޔާނާ ދިނީ ވެސް އަޒާނަށް. އޭރު ޒޭންއާ ވާހަކަދެއްކުން ނުހުއްޓުވާފައި މިހާރު އެކަމާ ދެކޮޅު ހަދަނީ ކީއްވެތަ؟ އަހަންނަށް ނޭނގޭ ކަމެއް އަޒާންއަށް އެނގެނީތަ؟ ވިޔާނުދާ ކުއްޖަކާ އަހަރެމެންގެ ޔާނާ ގުޅުމެއް ބާއްވާފާނޭކަން ޤަބޫލެއް ނުކުރެވޭ. އަހަރެންގެ ހިތް ވެސް ބުނަނީ ޒޭންއަކީ ރަނގަޅުކުއްޖެކޭ. މިރޭ ޔާނާ ހުރީ ވަރަށް ދެރަވެފަ. އަޒާންގެ މޫނު މަތިން އަހަންނަށް ކުރީން ނުފެންނަ ހާސްކަމެއްފެންނަނީ. ކޮންކަމަކާތަ ތިހާ ކަންބޮޑުވަނީ؟" ޝަމްލާ ވާހަކަދެއްކުމުން ވެސް އަޒާން އޮތްގޮތަށް އޮތީއެވެ. އެގޮތަށް އިރުކޮޅަކު އޮވެފައި އޭނާ ވާހަކަދައްކަން ފެށިއެވެ.
"އަހަންނަށްވެސް ޔާނާގެ އުފާތަކަށްވުރެ މުހިއްމު އެހެންކަމެއް ނެތް، ޔާނާ ދެރަވާވަރުކަމެއް މިހާތަނަށް ވެސް ނުކުރަން. އެ ދަރިފުޅު ވެސް އަހަރެންގެ އިތުބާރު ގެއްލޭވަރުކަމެއް ނުކުރޭ. ޝަމް! ޔާނާ ކައިވެނި ކުރަން އަދި އަވަސްހެން އަހަންނަށް ހީވަނީ، އެހެންވިޔަސް އަހަރެން ޒޭންއާ ބައްދަލުކުރާނަން. ޔާނާއާއި ޒޭންއާ ރައްޓެހިވެގެން އަދި އެހާ ގިނަދުވަހެއްނުވޭ. ކުއްލިއަކަށް ކައިވެންޏާ ހަމައަށް ދިޔައިމަ އަހަންނަށް ހަމަ ހީވަނީ މިކަމުގަ ގޯހެއް އުޅެނީއޭ، ޒޭންއާ ބައްދަލުކުރީމަ އެނގޭނީ ވެސް އޭނާގެ ޚިޔާލު ހުރި ގޮތެއް. ދެން ހިނގާ ނިދަމާ" އަޒާން ބުނެލިއެވެ.
"ޔާނާއާ ވާހަކަދައްކާލާކަށް ވެސް ނުދާނަންތަ، އެމަންޖެ އަދި ނިދާނެހެނެއް ހިޔެއްނުވޭ، ޔަގީން އަދިވެސް އޮންނާނީ އަޒާން ބުނި އެއްޗަކާއި ދޭތެރޭ ވިސްނަންކަން" އަޒާންގެ ފުރަގަހުން ގާތްވެލުމާއެކު އޭނާގެ ކޮނޑުގައި ޝަމްލާ ދަތްދޮޅިއަޅުވާލަމުން ބުނެލިއެވެ.
އަޒާން ތެދުވީ ޔާނާގެ ކޮޓަރިއާ ދިމާއަށް ދިއުމަށެވެ. ޔާނާގެ ކޮޓަރި ދޮރުމަތީ އިރުކޮޅަކު މަޑުކޮއްލެވުނީ ދެ ޚިޔާލެއްގައެވެ. ނަމަވެސް އޭނައާއި އޭނަގެ ދަރިފުޅުގެ ގުޅުމަށް އައިސްފައިވާ ދުރުމިން ކައިރިކުރަން އޭނާ ވެސް ބޭނުމެވެ. އެހެންވެ ޔާނާގެ ކޮޓަރީގެ ދޮރުގައި އެންމެފަހުން ޓަކިދިނެވެ.
"ހުޅުވާފަ! ވަދޭ..." ޔާނާ ބުނެލިއަޑުއިވުނެވެ. އެއާއެކު މަޑުމަޑުން އަޒާން ދޮރުހުޅުވާލާފައި އެ ކޮޓަރިއަށްވަނެވެ. ކޮޓަރިތެރެއަށް ވެރިވެފައި އޮތް ހުދުއަލިން ޔާނާ ނިދަން ނޫޅޭކަން އަޒާންއަށް އެނގުނެވެ.
"ސޮރީ" ޔާނާގެ އެނދުގައި އިށީނދެފައި އަޒާން ބުނެލުއެވެ.
"ޒޭންއަކީ ރަނގަޅުކުއްޖެކޭ ބައްޕާ" ޔާނާ ވަގުތުން ބުނެލިއެވެ.
"އެހެންވެއޭ މިބުނީ ސޮރީއޭ، ބައްޕައަށް ކަންތައްކުރެވުނީ ރަނގަޅަށްނޫންކަން އެނގެއޭ، ޔާންއަށް ބައްޕަ ޓްރަސްޓު ކުރަމޭ. ބައްޕަ ޒޭންއާ ބައްދަލު ކުރާނަން، ދަރިފުޅު ބޭނުންވާ ގޮތަށް ބައްޕަ ކަންތައްކުރާނީ" އަޒާން ހިނިތުންވެލަމުން ބުނެލިއެވެ.
"ސީރިއަސްކޮށްތަ ބައްޕާ!... އޯ! ތެންކިޔޫ، އަޅުގަނޑަށް އެނގޭ ބައްޕަ ވަރަށް އެކަނިވާނެކަން އަޅުގަނޑު މެރީކޮއްގެން ގޮސްފިއްޔާ، އެކަމަކު ބައްޕަ ބޭނުންވަނީ އަޅުގަނޑު އުފަލުގަ ހުރުމެއްނު، ޒޭން އަޅުގަނޑު އުފަލުގައި ބަހައްޓާނެކަން އަޅުގަނޑަށް ޔަގީންވޭ... އަޅުގަނޑު ވެސް އުފާވާނީ ޒޭންއާ މެރީ ކުރެވުނީމަ" ޔާނާ ބުނެލިއެވެ.
"ދެން ބައްޕައާއި ޒޭން ދިމާވާނެއެއްނު، ދަރިފުޅު އުފަލުގައި ނުބަހައްޓައިފިއްޔާ ބައްޕައަކީ ހިޓްލާކަން ދައްކާލާނަމޭ...." އަޒާންގެ އެ ޖުމްލައިން ޔާނާ ހޭންފެށިއެވެ. ޔާނާގެ ހިތްހަމަޖައްސާލެވިއްޖެކަން އެނގުމުން އަޒާންގެ ތުންފަތަށް ވެސް ހިނިތުންވުމެއް ވެރިވެގެންދިޔައެވެ.
ހައިކަލްއަށް ނިދެމުންދިޔައިރު ވެސް އެ ޚިޔާލުތަކުގައިވަނީ މިލްނާއެވެ. އޭނައަށް އެ ހަނދާންތަކާއި ދުރަކަށް ނުދެވޭނެއެވެ. އަދި ދާކަށް އޭނަ ބޭނުމެއް ވެސް ނޫނެވެ. މިލްނާގެ މަގާމެއް އެހެން ދެވަނަ ފަރާތަކަށް ހައިކަލްއަށް ނުދެވޭނެއެވެ. އޭނަގެ އުމުރުގައި ބާކީ އޮތްދުވަސްތައް ބޭނުންވަނީ ދަރިފުޅު ޒޭން އާއިއެކު ހޭދަކުރާށެވެ. ހަޔާތަށް އިތުރު ބައިވެރިއަކު ގެންނާކަށް އޭނާ ނޭދެއެވެ.
އެރި އިރާއެކު ޒޭން ހުރީ ކޮޅަށެވެ. އޭނަގެ މަންމަފަދަ ރަނގަޅު މީހަކަށް އޭނަ ވެސް ވާންބޭނުންވާތީއެވެ. ވަޒީފާއަށް ދިއުމަށް ޓަކައި ތައްޔާރުވަމުން ދިޔައިރު އޭނަގެ ސިކުނޑީގައިވަނީ ޔާނާއާއި އަޒާންގެ ހިޔާލެވެ. އަޒާންއާ އޭނަ ކުރިމަތިލާންވީ ވަގުތު އައިސް ޖެހިއްޖެކަން އެނގޭތީއެވެ. އެކަމަށްޓަކައި ޔާނާއާއި ޒޭން ތައްޔާރުވަމުން އައިވަރު ހިތައް އެރިއެވެ. އޭނައަށް ޔާނާގެ އެހީތެރިކަން ނުލިބުންނަމަ އެކަމެއްނުވާނެއެވެ. ޒޭން ގެއިން ނުކުތީ ހައިކަލް ދުށުމަށް އެ ކޮޓަރިއަށް ވަނުމަށްފަހުއެވެ.
ހޮސްޕިޓަލަށް ވަދެގެން އައީ ޔާނާއާއި ޒޭން އެކުއެކީއެވެ. އެ މަންޒަރު ހޮސްޕިޓަލުގެ ސްޓާފުންނަށް ފެންނަތާ ދުވަސްކޮޅެއްވެއްޖެއެވެ. އެހެންނަމަވެސް އެ މީހުންގެ ބެލުންތަކެއް ތިރިއެއްނުވިއެވެ. އެކަކުއަނެކަކު ގާތުގައި ސިއްރުވާހަކަދެއްކުން ނުހުއްޓުނެވެ. ޔާނާއަށް މިހާރު އެކަންވަނީ މަޖަލަކަށެވެ. ޒޭން އޭނަގެ ޕްރޮފެޝަނަލް ގޮތް ހިފައްޓަން މަސައްކަތްކުރެއެވެ. ކުރިއާ ހިލާފަށް އޭނަ އަންހެން ކުދިންނަށް ފޮނިދެއްކުން ހުއްޓާލައިފިއެވެ.
ޔާނާގެ ޑިއުޓީ ނިމުމުން އޭނަގެ ގެއަށް ދިޔައީ ޒޭންއާއެކު ކާރުގައެވެ. އޭނަ ކާރު ދުއްވާލީ އިރުކޮޅަކުން ޔާނާ ބަލާ އަންނާނަން ކަމުގައި ބުނަމުންނެވެ. ޒޭން ގެއަށް ދިޔައިރު ހައިކަލް އޭނަގެ އާދައިގެ މަތިން ވިޔަފާރީގެ ކަމެއްގައި އުޅެއެވެ. ސިޓިން ރޫމުގައިވާ ބިއްލޫރި ކުޑަމޭޒުމަތީ ބޮޑު ފައިލެއް ހުޅުވާލާފައި ވާއިރު އިތުރު ލިޔުންތަކެއް ވެސް ހުއްޓެވެ. ހައިކަލްއަށް ޒޭން ވަދެގެން އައިތަން ފެނުމުން އޭނަގެ މޫނުމައްޗަށް ވެރިވެގެން ދިޔައީ ތަފާތު ހިނިތުންވުމެކެވެ. އަވަސް އަވަހަށް ކަންފަތުގައިވި ބުލޫޓޫތު އިއަރޕީސް ނިންވާލަމުން ޒޭންގެ ގާތަށް އަސާގަނޑުގެ އެހީގައި ހިނގައިގަތެވެ. ހައިކަލްގެ ހިނގުމުގައި ކުރީން ހުންނަ ވަރުދެރަކަން ނެތް ނަމަވެސް އޭނާ ދުވަސްކޮޅަކު އަސާގެ އެހީ ބޭނުންކުރާން ނިންމީއެވެ.
"ކޮބާ ޔާނާ" ހައިކަލް އަވަސް އަވަހަށް އަހާލިއެވެ.
"ތައްޔާރުވެލައިގެން މިދަނީ ބަލާދާން..." ޒޭން ބުނެލިއެވެ.
"އޯލް ދި ބެސްޓު ސަން..." ސިޑިން އަރަންދިޔަ ޒޭންއަށް ހައިކަލް ބުނެލިއެވެ.
ފެންވަރާލައިގެން ނުކުމެ ތައްޔާރުވަމުންދިޔަ ޒޭން އަލަމާރީގައި އަޅުވާފައިވާ ގަމީހާ ޓީޝާޓުތަކަށް ބަލަމުންދިޔައެވެ. މިއަދު އޭނަ ލާންވާނީ ވަރަށް ހާއްޞަ ގަމީހެއްކަން އޭނައަށް އެނގެއެވެ. ޒޭންގެ ލޮލުގައި އަޅައިގަތީ ނޫކުލައިގެ ގަމީހެވެ. ޔާނާއާ އެކުގައި އެ ގަމީހުގައި ހުންނައިރު ނުހަނު ގުޅޭނެތީއެވެ. ލޯގަނޑުގެ ކުރިމަތީ ހުއްޓި ގަމީސް ހެޔޮވަރުކޮއްލަމުން ގަމީހުގެ އަތްކުރި އޮޅާލިއެވެ. ފެންނަފެނުމަށް ޒޭން ހީވަނީ ޑިއުޓީއަށް ދާން ތައްޔާރުވެފައިވާހެނެވެ.
އަވަސް އަވަހަށް ފައިވާނަށް އަރަމުންދިޔަ ޔާނާ މަސައްކަތްކުރަމުން ދިޔައީ އަޒާން ގެއަށް އައުމުގެ ކުރިން ނުކުމެވޭތޯއެވެ. މި މަންޒަރު ބަލަން ހިނިއައިސްފައި ސިޓިންރޫމު ސޯފާގައި ޝަމްލާ އިނެވެ.
"ދަރިފުޅު ހަމަޖެހިލައިގެން އުޅެބަލަ، އަވަސް އަރުވާލާފަ އުޅޭތީއޭ ތިއުޅެނީ ފައިވާނުގެ މަޅިކޮޅު ނޭޅުވިގެން" ޝަމްލާއަށް އެއްޗެއް ނުބުނެއެއްނީދެވުނެވެ.
"މަންމާ، ބައްޕަ ގާތު ބުނައްޗޭ އަޅުގަނޑު ދިޔައީ ވެޑިންއަކަށޭ... ސެވަން ތާޓީކަން ހާއިރު ގެއަށް އަންނާނަން. ޒޭންއާއެކު އަންނާނީ" ޔާނާ ބުނެލިއެވެ. ނަމަވެސް އެއީ ހަޤީޤަތެއްނޫނެވެ. ކައިވެނި ޕާޓީއަކަށް ދަނީއޭ ބުނީ އެއީ އަޒާންއަށް ޔާނާ ދޭން ބޭނުންވި މެސެޖަކަށްވީމައެވެ. ޔާނާގެ ފޯނު ރިންގުވީ އެވަގުތުއެވެ. ފައިވަން ކަބަޑުމަތީ ބާއްވާފައި އޮތް ފޯނުނަގާ ޔާނާ ބަލާލިއެވެ. އެއާއެކު ޝަމްލާ ގާތު ދަނީއޭ ބުނެ ބޭރަށް ނުކުންނަން ހިނގައިގެތެވެ.
ކާރަށް އެރި ޔާނާ ފެނުމާއެކު ޒޭން އިނީ ބަސްހުއްޓިފައެވެ. ކާރު ދުއްވާލަން ވެސް އެނގުނީ ޔާނާ އެކަމަށް އެދުމުންނެވެ.
"ވާވު! ޔޫ ލުކް ޕްރިޓީ އިން ދެޓް ޑްރެސް" ޒޭންއަށް ތައުރީފުގެ ބަހެއް ބުނެނުލާ ނީދެވުނެވެ. ޔާނާ ގެނެސް އެއަތުގެ ތެރެއަށް ލާން ޒޭން ބޭނުންވިއެވެ. މަޑުރަތްކުލައިގެ ތުންފަތުގައި ބޮސްދޭންބޭނުންވިއެވެ. ޔާނާގެ ކޮންމެ ހަރަކާތެއްގައި ޖާދޫއެއް އެކުލެވިފައިވާހެން ހީވިއެވެ.
"ދެން ޒޭން..." ޔާނާ ލަދުން ބުނެލައެވެ. އެހެންނަމަވެސް ޒޭންގެ އެމަސްތީ ބެލުންތަކެއް ޔާނާއަކަށް ނުހުއްޓުވުނެވެ.
ކާރުގައި މާލެވަށާ ދެބުރުޖެހުނުއިރު ވެސް ޒޭންއަށް ޔާނާ ގެންދާނެތަނެއް ނޭގުނެވެ. ޔާނާ އެހާ ރީތިވެލައިގެން ހުރިއިރު އޭނާ އެހެން މީހަކަށް ފެންނަން ވެސް ޒޭންގެ ހިތް ނޭދެނީއެވެ. އެންމެފަހުން ޔާނާ ގޮވައިގެން ޒޭން އައީ ގެއަށެވެ. ޔާނާގެ އަތުގައި ހިފައިގެން ދުވެފައި ކަހަލަ ގޮތަކަށް ސިޑިން އެރިއެވެ. އޭރު ގޭގައި އުޅޭ ލަކްޝްމީ ހިންދީ ޑްރާމާއެއް ބަލަން އިނެވެ. އޭނަ ޒޭންއާއި ޔާނާއަށް މާބޮޑު ސަމާލުކަމެއް ނުދިނެވެ. ޒޭންގެ ކޮޓަރިއަށް ވަދެވުމާއިއެކު ޔާނާގެ އަތްފައި ފިނިވާންފެށިއެވެ. އެހެނީ ޒޭންގެ އެއްވެސް ބީހިލުމަކަށް ނޫނެކޭ ނުބުނެވޭނެތީ އެކަމާ ހިތްބިރުގަންނަވަރުންނެވެ. އެހެންނަމަވެސް ޒޭންގެ ފަރާތުން އެފަދަ އެއްވެސް ކަމެއް އޭނައަށް ނުފެނުނެވެ. އޭގެ ބަދަލުގައި އަޒާންގެ ކުރިމައްޗަށް އަރަންޖެހޭތީ އެކަމާ ޒޭން ވާހަކަދެއްކިއެވެ.
އިންތިޒާރު ކުރަމުން އައި ވަގުތު ޖެހުނު އިރު ޔާނާ ހުރީ ޒޭންގެ ކޮޓަރީގައި ހުރި ބޮޑު ލޯގަނޑުގެ ކުރިމަތީގައެވެ. އޭނަގެ ފަހަތުގައި ޒޭން ހުރިއިރު އޭނަ ބަލަމުންދިޔައީ ލޯގަނޑުން ފެންނަން ހުރި ޔާނާގެ ސޫރައަށެވެ. ޔާނާގެ ނިތްކުރިމައްޗަށް ވެއްޓިފައިވާ އިސްތިށިކޮޅު ކަންފަތްކައިރީ އަޅުވާލަމުން އެ އޮމާން ކޯތާފަތުގައި ބޮސްދިނެވެ. ކޮޓަރިން ނުކުތްއިރު ދެމީހުންގެ މޫނުމަތިން ހިނިތުންވުން ފެންނަން ހުރިކަމުގައިވިޔަސް ދެމީހުން ވެސް ތިބީ ނޭވާ ހިފަހައްޓާލައިގެންނެވެ. ޒޭންގެ އަތުގައި މިންނުގެ ޑައިރީއާއި އޭގައިވި ސިޓީއުރައޮތެވެ. ޔާނާގެ އަތުގައި އޯކިޑު މާކޯންޏެއްއޮތެވެ.
ކާރުގެ ދުވެލި އާދައިގެ ވަރެއްގައި ދުއްވަމުންދިޔައިރު ވެސް ޒޭންއަށް ހީވަނީ ކާރު މާބާރަށް ދުވާހެންނެވެ. އިރުއިރުކޮޅާ ޔާނާއާ ދިމާއަށް ބަލާލަމުން ހިނިތުންވެލިއަސް ޒޭންގެ ހިތްވަނީ އަވަސްވެފައެވެ. ޔާނާގެ ގޭ ކައިރީ ކާރު ޕާކު ކޮއްލުމަށްފަހު ޒޭން ފޭބިއެވެ. ކުޑަކޮށް މަޑުޖެހިލެވުނު ހިނދު ޔާނާ ޒާންއަށް އަތްދިއްކޮއްލީ އޭނައާއެކު އަންނާށޭ ބުނާފަދަ ގޮތަކަށެވެ. ފުންނޭވާއެއް ލުމާއެކު ޔާނާގެ އަތުގައި ހިފައިގެން އެ ގެއަށް ވަނުމަށް ޒޭން ހިނގައިގަތެވެ. އެވަގުތު ޔާނާ ޒޭންއަށް ބަލާލުމަށްފަހު ހުރިހާ ކަމެއް ވެސް އިރާދަކުރެއްވީޔާ ދާނީ ރަނގަޅަށޭ ބުންޏެވެ. އަދި ޒޭންގެ ގިރުވާން ރީތުކޮއްލަމުން އެމޭގައި ފިރުމާލިއެވެ. އެކަމުގެ ސަބަބުން ޒޭންއަށް ކުރިއަށްވުރެ ބޮޑަށް ހިތްވަރު ލިބިގެން ދިޔައެވެ.
ސިޓިން ރޫމުގައި އަޒާން ޓީވީ ބަލަން އިން އިރު އޭނަގެ ގާތުގައި ޝަމްލާ ގަޑި ބަލަބަލާ އިނެވެ. އޭނަ އަޒާން ގާތު ނުބުނި ކަމުގައި ވިޔަސް އިންތިޒާރު ކުރަމުން ދިޔައީ ޒޭން ގޮވައިގެން ޔާނާ އަންނާނެ އިރަކަށެވެ. އެދިގު އިންތިޒާރުގެ ނިމުން އައީ ބައްޕާއޭ ކިޔާ ގޮވާލި ޔާނާގެ އަޑުންނެވެ. އެ އަޑަށް އަޒާން ބަލާލިއެވެ. ދޮރުންވަދެގެން އަންނަ ދެ މީހުން ފެނުމުން އޭނަގެ ލޮލަށް ގަބޫލުކުރަންދަތިވިއެވެ. އިށީނދެގެން އިން ސޯފާއިން ކުއްލިއަކަށް އަޒާންއަށް ތެދުވެވުނެވެ. ޝަމްލާއަށް ވެސް ތެދުވެވުނީ އަޒާންއަށް ވީގޮތުންނެވެ. އޭނަގެ މޫނުމަތިން ހީވަނީ ބިރުވެރި މަންޒަރެއް ފެނިފައިހުރިހެންނެވެ.
"ބައްޕާ!... މީ ޒޭން" ޔާނާ ބުނެލިއެވެ. އެ ދެމީހުންނަށް ވެސް އަޒާންއަށް ވެފައިހުރިގޮތް ފެނުނެވެ. (ނުނިމޭ)