ދުނިޔެ

މިސައިލެއް އަރާފާނެކަމުގެ ދޮގު އެލާމާ ހެދި ހަވާއީއަށް ބިރުވެރިކަން

ބެލިސްޓިކް މިސައިލެއް އަރައިފާނެކަމުގެ ދޮގު މެސެޖެއް ލިބިގެން އެމެރިކާގެ ހަވާއީގެ ރައްޔިތުންނަށް އިއްޔެގައި ބޮޑު ބިރުވެރިކަމެއް ކުރިމަތިވެއްޖެއެވެ.

ބީބީސީ ބުނީ ހަވާއީގެ ގަވާނާ ޑޭވިޑް އިގީ ފަހުން އެކަމަށް މައާފަށް އެދިވަޑައިގެންނެވި ކަމަށެވެ. އޭނާ ފަހުން ވިދާޅުވީ އެއީ މުވައްޒަފަކަށް އޮޅިގެން ނުބައި ފިތަކަށް ފިތިގެން ވީ ގޮތެއް ކަމަށެވެ.

ހަވާއީގެ ރައްޔިތުންގެ ފޯނުތަކަށް އިއްޔެ ހެނދުނު ލިބުނު މެސެޖްގައި ބުނެފައި ވަނީ އެރަށަށް ބެލިސްޓިކް މިސައިލެއްގެ ނުރައްކާ އެބަ އޮތް ކަމަށެވެ. ރައްކާތެރި ތަނަކުން އަވަހަށް ހިމާޔަތް ހޯދުމަަށް ބުނެފައިވާ އެ މެސެޖްފައި ވަނީ އެއީ ތަމްރީނެއް ނޫން ކަމަށެވެ.

އެމެރިކާގެ މަރުކަޒީ ސަރުކާރުން ބުނީ އެ މައްސަލައިގެ ފުރިހަމަ ތަހުގީގެއް ކުރާނެ ކަމަށެވެ.

ދޮގު އިންޒާރު ލިބުނު އިރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުންނެވީ ފްލޮރިޑާގައެވެ. ބީބީސީ ބުނީ ހާދިސާއާ ބެހޭ މައުލޫމާތު އެމެރިކާގެ ކަމާ ބެހޭ އިދާރާތަކުން ޓްރަމްޕަށް ވަގުތުން ދިން ކަމަށެވެ.

އިންޒާރު އައީ ކިހިނެތް؟

އޮޅިގެން ފޮނުވުނު އިންޒާރު ހަވާއީ މީހުންނަށް ލިބުނީ ގިނަ ވަސީލަަތްތަކެއް މެދުވެރިކޮށެވެ. އެގޮތުން މީހުންގެ ފޯނުތަކަށް ލިބުނު މެސެޖްތަކުގެ އިތުރުން ޓވީއާއި ރޭޑިއޯގެ ޒަރިއްޔާއިން ވެސް އެ މެޖެސެޖް ފޮނުވިއެވެ. މީހުންގެ ފޯނަށް ލިބުނު މެސެޖަކީ އޮޅިގެން ފޮނުވުނު މެސެޖަކީ އޮޅިގެން ފޮނުވުމުގެ މެސެޖެއްކަން އޭގެ 18 މިނެޓް ފަހުން ފޮނުވީ އީމެއިލް މެދުވެރިކޮށެވެ. އެއީ ދޮގުކަން އަންގައިދޭ ޓެކްސްޓް މެސެޖް ފޮނުވީ 38 މިނެޓް ފަހުންނެވެ.

ގަވާނާ އިގީ ވިދާޅުވެފައި ވަނީ އެއީ ހަވާއީގެ އިމަޖެންސީ މެނޭޖްމެންޓް އެޖެންސީ( އީއެމްއޭ)ގެ ޝިފްޓް ބަދަލުވި ވަގުތު މީހަކަށް އޮޅިގެން ކުރެވުނު ކަމެއް ކަމަށެވެ. އޭނާ ވިދާޅުވެފައި ވަނީ އިންޒާރު ދިނުމުގެ ނިޒާމު ރަނގަޅަށް މަސައްކަތް ކުރާކަން ކަށަވަރު ކުރުމަކީ ޝިފްޓް ބަދަލުވާ ވަގުތު ގަވައިދުން ކުރާ ކަމެއް ކަމަށެވެ.

އިންޒާރު ފޮނުވި އަނެއް ވަސީލަތަކީ ޓީވީއެވެ. އެގޮތުން ޓީވީ ތަކުގެ ބްރޯޑްކާސްޓް މެދުކަނޑައިލުމަށް ފަހު ފޮނުވީ ކުރިން ރެކޯޑްކޮށްފައިވާ އިންޒާރާއި އިރުޝާދު ހިމެނޭ ކްލިޕެކެވެ.

ހަވާއީއަށް ކުރިން ވެސް ބިރު އޮތް

ދޮގު އެލާމެއް ލިބުނު އިރު ހަވާއީ މީހުން ތިބީ އެފަދަ އިންޒާރެއް ލިބިދާނެ ކަންފަސޭހައިން ގަބޫލުކުރެވޭ ހާލަތެއްގައެވެ. އެއީ އުތުރު ކޮރެއާއިން އެމެރިކާއަށް މިސައިލް ހަމަލާއެއް ދީފާނެ ކަމުގެ ބިރު ފަހަކަށް އައިސް ބޮޑު ވެފައި ވާތީއެވެ. އުތުރުކޮރެއާއިން ހަމަލާއެއް ދޭ ނަމަ އެމެރިކާގެ ސަރަހައްދުތަކުގެ ތެރެއިން އުތުރުކޮރެއާއާ އެންމެ ކައިރީ ހަވާއީއެވެ. އުތުރުކޮރެއާއިން ފާއިތުވި އެންމެ ފަހުން މިސައިލް ޓެސްޓެއް ކުރީ މިދިޔަ ސެޕްޓެމްބަރުމަހުއެވެ. އެއީ މިދިޔަ 2017 ވަނަ އަހަރު ކުރި އެފަދަ ހަވަނަ ޓެސްޓެވެ. ލަފާ ކުރެވިފައިވާ ގޮތުގައި އުތުރުކޮރެއާއިން ފޮނުވާ މިސައިލެއް ހަވާއީއާ ހަމައަށް ވާސިލުވާން ހޭދަވާނީ 20 މިނެޓެވެ.