ކިޔެވުމުގެ އާ އަހަރަށް ސްކޫލްތައް މަރުހަބާކިޔައިފި އެވެ. އާ އަހަރެއްގެ އާ އަޒުމްތަކާއެކު އެތައް ހާސް ދަރިވަރުންނަށް މިއަދު ސްކޫލްތައް މަރުހަބާކީ އިރު، އެ އުފާ ދެގުނަވެގެން އައި އެއް ސްކޫލަކީ ރާއްޖޭގެ ދެވަނައަށް އެންމެ ޒަމާންވީ އަމީނިއްޔާ ސްކޫލްގެ ދަރިވަރުން އެވެ. އެތަކެއް ޒަމާންތަކެއް ވަންދެން ގިނަ ދަތިތަކެއްގެ ތެރޭގައި ތިބުމަށްފަހު ތަނަވަސް ރީތި އިމާރާތަކާއެކު އާ އަހަރުގެ ކިޔެވުން ފަށައިގަނެވޭތީ އެ ސްކޫލްގެ ޓީޗަރުން ތިބީ ހިތްހަމަޖެހިފަ އެވެ. ސްކޫލުގެ ދަރިވަރުންނަށް ލިބިފައިވަނީ އެއަށްވުރެ ބޮޑު އުފަލެކެވެ.
މީގެ 73 އަހަރުކުރިން 1944 ވަނަ އަހަރު އޭރު ވެރިކަމުގައި ހުންނެވި ރައީސް މުހައްމަދު އަމީންގެ އިސްނެންގެވުމާ އެކު އަމީނިއްޔާ ސްކޫލް ވުޖޫދަށް އައީ ރާއްޖޭގައި ރަސްމީކޮށް އަންހެންކުދިންނަށް ތައުލީމު އުނގަންނައިދޭ އެންމެ ފުރަތަމަ އަދި އެންމެ މައި ސްކޫލުގެ ގޮތުގަ އެވެ. އޭރުއްސުރެ އަންހެން ކުދިންގެ ސްކޫލެއްގެ ގޮތުގައި އޮތުމަށްފަހު އާ މަންހަޖާއެކު ޒަމާނީ ބަދަލުތައް ގެނައުމުގެ ގޮތުން 2011 ވަނަ އަހަރު އެ ސްކޫލް ވަނީ ދެ ޖިންސު އެއްކޮށް ކިޔަވައިދޭ ސްކޫލަކަށް ބަދަލުކޮށްފަ އެވެ.
ކޮންމެ އަހަރަކު ގްރޭޑް ދިހައަކާ ހަމައަށް ކިޔަވާ 2000 އަށް ވުރެ ގިނަ ކުދިންނާއެކު ރާއްޖޭގެ އެންމެ އާބާދީ ބޮޑު އެއް ސްކޫލަށް އަމީނިއްޔާ ވާއިރު، ޖާގައިގެ ދަތިކަމަކީ ދިގު އަހަރުތަކަކަށް އެ ސްކޫލް ތަހައްމަލުކުރި އެންމެ ބޮޑު އެއް ވޭނެވެ. ޖާގައިގެ ދަތިކަމާ އެއްވަރަށް، ގިނަ ދުވަސްވެ އިމާރާތުގެ ބައިތައް ވަރަށް ބޮޑަށް ބާވެ ބައެއް ކްލާސްރޫމްތައް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވަމުން ދިއުމަކީ މިފަހުން އެ ސްކޫލުގެ ދަރިވަރުންނަށް ކުރަންޖެހުނު ހިތްދަތި ތަޖުރިބާއެކެވެ. ނަމަވެސް މިއަހަރުގެ ފެށުން އަމީނިއްޔާ ސްކޫލަށް ހާއްސަވެގެން އައީ ގިނަ ދުވަސްތަކަކަށް ފަހު އެ ހުރިހާ ދައްޗަކުން އަރައިގަނެވުމުންނެވެ.
އާ އަހަރަކާއެކު ސްކޫލަށް ލިބުނު އުފާވެރިކަން ސިފަކުރައްވަމުން އަމީނިއްޔާ ސްކޫލްގެ ޕްރިންސިޕަލް ނާޒްނީން ވާފިރް ވިދާޅުވީ، މިއަދަކީ އަމީނިއްޔާއަށް ވަރަށް ބޮޑު އުފާޥެރިކަމެއް ލިބުނު ދުވަހެއް ކަމަށެވެ. އަމީނިއްޔާ ސްކޫލްގެ ދަރިވަރުންނަށް މިއީ އާ އަހަރާ އެކު ލިބުނު ބޮޑު ހަދިޔާއެއްގެ ގޮތުގައި ނާޒްނީން ސިފަކުރެއްވި އެވެ.
"އަމީނިއްޔާ ސްކޫލަކީ ރާއްޖޭގެ އެކި ހިސާބުތަކުން ވަރަށް ގިނަ ކުދިން ކިޔަވާ ސްކޫލަކަށް ވެފަ އާ އިމާރާތާއެކު އާ އަހަރު ވަރަށް ހަމަޖެހިގެން ފަށައިގަނެވޭތީ ލިބޭ އުފާ ވަރަށް ބޮޑު. އެކަމަށް ޝުކުރު އަދާކުރަން. މި އުފަލުގަ އަޅުގަނޑާއެކު ސްކޫލްގެ ދަރިވަރުންނާއި ޓީޗަރުން ބައިވެރިވާނެކަން ކަށަވަރު. ހަމަ އެއާއެކު ބެލެނިވެރިންނަށް ވެސް މިއަދު ވަރަށް އުފާވާނެކަން ކަށަވަރު. ވަރަށް ތަޮއްޖެހި، ބާ ސްކޫލެއްގައި މި ދިޔަހާ ދުވަހު ކިޔަވައިދިނީ، ނަމަވެސް މި އިމާރާތް ވަރަށް ތަނަވަސް، ވަރަށް ފުރިހަމަ،" ނާޒްނީން ވިދާޅުވި އެވެ.
އަމީނިއްޔާގެ އާ އިމާރާތާ އެކު ޓީޗަރުންނަށް ބޮޑު ފަސޭހައެއް ލިބިގެން އަންނަ އިރު، އެ އުފާ އެންމެ ބޮޑަށް މިއަދު އިހުސާސްކުރާ އެއް ބަޔަކީ އެ ސްކޫލުގައި ކިޔަވަމުން އައި ދަރިވަރުންނެވެ. އެ ކުދިން ބުނާ ގޮތުން މިއީ އެ ކުދިންނަށް ކިޔެވުމަށް ލިބޭނެ އިތުރު ފަސޭހައަކާއި ހިތްވަރެކެވެ.
"ވަރަށް އުފާވޭ އާ އިމާރާތަށް ބަދަލުވީމަ. މިދިޔަ އަހަރުން ފެށިގެން ވަރަށް އެކްސައިޓް ވެފަ ހުރީ މިތަނަށް ބަދަލުވާތީ. ފައިނަލީ ބަދަލުވެވިއްޖެ. އާ އަހަރުގެ އުފަލާއެކު މިހާރު އެންމެ ބޭނުންވަނީ ރަނގަޅު ނަތީޖާއަކާއެކު މި އިމާރާތުން ނިކުތުން،" އަމީނިއްޔާ ސްކޫލްގެ ގްރޭޑް 10ގެ ދަރިވަރު ރިމްޝާ މުހައްމަދު ހުރީ ސްކޫލަށް އައި ބަދަލުތަކާއެކު ވަރަށް ހިތްހަމަ ޖެހިފަ އެވެ.
އަމީނިއްޔާގެ ކުރީގެ އިމާރާތް ވަރަށް ބޮޑަށް ބާވެ، ޖާގައިގެ ދަތިކަމަށް ހައްލެއް ގެނައުމުގެ ގޮތުން އާ އިމާރާތެއް އަޅަން ނިންމައި އެ މަސައްކަތް ސަރުކާރުން ފެށީ 2015 ވަނަ އަހަރު އެވެ. އެ އިމާރާތް އެޅީ އަމީން ކޮންސްޓްރަކްޝަނުންނެވެ.
އެ އިމާރާތަށް 119 މިލިއަން ރުފިޔާއަށް އެޅި ދިހަ ބުރީގެ އެ އިމާރާތުގައި 54 ކްލާސްރޫމް ހިމެނެ އެވެ.