ލައިފްސްޓައިލް

ކިޔެވުމުގައި ޓެކްނޮލޮޖީ: ފައިދާ އާއި ގެއްލުން ވެސް އެބައޮތް!

ބޮޑު ޗުއްޓީއަކަށްފަހު އިއްޔެ ވަނީ ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާފަ އެވެ. ދިރާސީ އާ އަހަރަކަށް މަރުހަބާ ކީއިރު މި އަހަރަކީ ރާއްޖޭގެ ތައުލީމީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް އަންނާނެ އަހަރެކެވެ.

ކިޔަވައިދިނުމުގައި ޓެކްނޮލޮޖީގެ ބޭނުން އިތުރުކޮށް، މި އަހަރު ކިޔަވައިދިނުމުގެ އުސޫލުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމާފަ އެވެ. އެގޮތުން ސުކޫލުތަކުގައި ހުރިހާ ދަރިވަރުން ޓެކްސްޓު ފޮތުގެ ބަދަލުގައި ޓެބްލެޓް ބޭނުން ކުރާ ގޮތަށް ބަދަލުކުރަން ވަނީ ނިންމާފަ އެވެ. އަންނަ މޭ މަހުގެ ހަތް ވަނަ ދުވަހަކީ ހުރިހާ ކުދިން ޓެބްލެޓް ބޭނުން ކުރަން ފަށާނެ ދުވަހެވެ. ބޮޑު، އަދި ތާރީހީ ދުވަހަކަށް ވާނެ އެވެ.

ޓެބްލެޓް ބޭނުން ކުރުމާއި މެދު ބެލެނިވެރިންގެ ދެމެދުގައި ބޮޑު ބަހުސެއް އުފެދިފައިވާއިރު ޓެކްނޮލޮޖީގެ އެކި ވަސީލަތްތައް ބޭނުން ކުރަން ފަށާއިރު އެ ތަކެތިން ލިބިދޭނެ ފައިދާތަކާއި ގެއްލުންތަަކަށް ދަރިވަރުން އަހުލުވެރި ކުރުމަކީ މުހިންމު ކަމެކެވެ. އެ ތަކެތީގެ މަންފާ ހެޔޮ ގޮތުގައި ހިފުމަށް ކުދިން ހޭލުންތެރި ކޮށްދޭން ޖެހޭނެ އެވެ.

ޓެކްނޮލޮޖީއަކީ ކަންކަން ފަސޭހަކޮށްދޭނެ އެއްޗަކާމެދު އެއްވެސް ޝައްކެއްނެތެވެ. އެކި ޓެކްނޮލޮޖީ ތައާރަފްވެގެން އަންނަނީވެސް އެ ނިޔަތުގަ އެެވެ. ކަންކަން ލުއިކޮށްދީ، ވަގުތު ސަލާމަތްކޮށް ދިނުމަށެވެ.

ތަޢުލީމީ ދާއިރާގައި ޓެކްނޮލޮޖީ މިހާރު ވެސް އޮތީ ވަރަށް ކުރިއަރައި ގޮސްފަ އެވެ. ތާފަތު ތަޢުލީމީ ވެބްސައިޓްތާކާއި، މޯބައިލް އެޕްސްތައް ތަޢާރަފުވެ ކިޔާވަ ކުދިންނަށް މިހާރު ވަރަށް ލުއި ފަސޭހަ އެވެ.

އިންޓަނެޓްގެ އެހީގައި ބޭނުން ކޮންމެ މަައުލޫމާތެއް ލިބެންހުރެ އެވެ. ފަސޭހައިން ލިބެން ނެތް ފޮތްތަކާއި އެކި ކަހަލަ ލިޔުންތައް އިންޓަނެޓްގެ އެހީގައި ހޯދުމަކީ އުނދަގޫކަމެއް ނޫނެވެ. މީގެ ހެއްކަކަށް ފާއިތުވި އަހަރު ރާއްޖެއަށް ދިރާގުން ތައާރަފުކުރި "ޓީޗިން ޓިއުބް" ވާނެ އެވެ. ޖީސީއޯލެވެލް އަދި އޭލެވެލް އިމްތީހާނުތަކަށް ތައްޔާރުވާ ދަރިވަރުންނަށް ހާއްސަކޮށްގެން ތަޢާރަފުކުރި އެ ވަސީލަތަށް ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ތައުރީފު އޮހުނެވެ.

ފޮތެއް ބަލައިގެން މައުލޫމާތެއް ހޯދުމަށް ގިނަ ވަގުތު ހޭދަކުރަންޖެހެ އެވެ. ނަމަވެސް އިންޓަނެޓްގެ ވަސީލަތެއް ބޭނުން ކުރާނަމަ ބޭނުންވާ ވަކި މައުލޫމާތެއް ފަސޭހައިން ހޯދި ވަގުތު ސަލާމަތްކޮށް ދެއެެވެ. އަދި މިހާރު މަޢުލޫމާތު ހޯދުމަށް ކޮންމެހެން ލިޔެފައި އޮންނަ އެއްޗެއް ކިޔާކަަށްވެސް ނުޖެހެ އެވެ. ޔޫޓިއުބު ފަދަ ޕްލެޓްފޯމް ތަކުގައި ހުންނަ ވީޑިއޯ ބަލައިގެން ވެސް މައުލޫމާތު މުއްސަނދި ކުރެވިދާނެ އެވެ.

ފަހުގެ ދިރާސާތައް ބުނާ ގޮތުގައި ލިޔެފައި އޮންނަ އެއްޗަަކަށްވުރެން ބޮޑަށް ފެންނަ މަންޒަކަށް ކުދިންގެ ޝައުގުވެރިކަން ބޮޑުވެ އެވެ.

ޓެކްނޮލޮޖީން ގިނަ ފައިދާތަކެއް ލިބުން ނަމަވެސް އެއިން ލިބޭ ގެއްލުންތައް ވެސް މަދެއް ނޫނެވެ. ސޯޝަލް މީޑިއާގެ ސައިޓުތަކާއި، ގޭމާއި، އިންޓަނެޓްގައި ހުންނަ ކުދިންގެ އުމުރާއި ނުގުޅޭ އެކި ކަހަލަ ވަސީލަތްތަކަށް ވަދެވޭގޮތަށް ހުންނަނަމަ، ކިޔެވުމަށް ދޭންޖޭހެ ސަމާލުކަން ނުދެވޭތަން އާދެ އެވެ. ކިޔެވުމަށްވުރެން ކުދިންގެ ޝައުގުވެރިކަން އެކަމަށް ދަމައިގަނެ އެވެ. އެހެން ވިޔަ ނުދިނުމަށް އެކުދިންނަށް އެ ވަސީލަތްތަކުގެ ބޭނުން ރަނގަޅު ގޮތުގައި ހިފަން ކިޔާދެވިދާނެ އެެވެ.

އިންޓަނެޓަށް ކުދިން ވަންނަން ދޭއިރު "ޕޭރަންޓަލް ކޮންޓްރޯލް" އެއްގެ ދަށުން އެކުދިންނަށް އެ ވަސީލަތްތައް ބޭނުންކުރެވޭ ގޮތް ހަދާފައި ހުރުން މުހިންމެވެ. ކުދިން ކިޔެވުމަށް ޝައުގުވެރިވާނެ ގޮތަށް ފަރުމާކޮށްފައި ހުންނަ ގޭމްތަކާއި އެކި ކަހަލަ ސައިޓްތަކަށް ކުދިންނަށް ތަޢާރަފު ކޮށް ދޭށެވެ.

ބެލެނިވެރިންގެ މިހާރު އެންމެ ބޮޑު އެއް ޝަކުވާއަކީ، ޓެބްލެޓް ބޭނުން ކުރަަން ފެށުމުން ކުދިން އަތު ލިޔުމަށް ހުންނަ ޝައުގުވެރިކަން ކެނޑިގެން ހިނގައިދާނެތީ އެވެ. ޓެބްލެޓުން ޓައިޕްކޮށް ހަދާނަމަ އަތުން ލިޔަން ނޭނގި، އަތު ލިޔުން ރަނގަޅު ނުވާނެކަމަށް ބައެއް ބެލެނިވެރިންދެކެ އެވެ. -- އަތުން ދިވެހި ލިޔާކަށް މިހާރު ވެސް ފަރިތައެއް ނޫނެވެ.

އޭގެ އިތުރުން ކުދިން އިޖުތިމާއި ގޮތުން ހަރަކާތްތެރިވެ އުޅޭ މިންވަރު މަދުވެ ގިނަ ވަގުތު ސްކްރީންގެ އަވައިގައި ޖެހިފައި ތިބުމަކީ ވެސް ވުން އެކަށީގެންވާކަމެކެވެ. ގިނަ ވަގުތު ސްކްރީނަށް ގެއްލިފައި ތިބުމުން ކުދިންގެ ލޮލަށްވެސް ނޭދެވޭ އަސަރުތަކެއް ކުރާނެ އެވެ. ލޮލުގެ ފެނުން ދައްވެ، ޅަ އުމުރުގައި އައިނު އަޅާ ކުދިން ރާއްޖޭގައި ވެސް މިހާރު ގިނަ އެވެ.

ކޮންމެ ކަމެއްގައި ވެސް ފައިދާއާއި ގެއްލުން ހުންނާނެ އެވެ. މިއީ ދެބަސް ވެވޭނެ ކަމެއް ނޫނެވެ. އާ ކަންތައްތައް ތަޢާރަފްކުރުމަކީ ވެސް ގޯހެއް ނޫނެވެ. ބަވަނަވަމުންދާ މި ދުނިޔޭގައި މިހާރު ކުރިއަށް ދެވެން ވެސް އޮތީ ޓެކްނޮލޮޖީގެ ބޭނުން ކޮށްގެންނެވެ. ދަންނަންވީ ކޮންމެ އެއްޗެއް ވެސް ރަނގަޅުގޮތުގައި ބޭނުން ކުރުމަށެވެ.