އާ އަހަރެއްގެ ފެށުމަކީ އުންމީދުތައް އާކޮށް މުސްތަގުބަލު ރަނގަޅު ކުރަން ކުރާނެ ކަންތައްތަކެއް ރާވައި ފުރިހަމަ ކުރަން އަޒުމް ކަނޑައަޅަން އެންމެ މުނާސަބު އެއް ވަގުތެވެ. އެގޮތުން ދިރާސީ އާ އަހަރެއްގެ ކިޔެވުން ފެށޭ ފުރަތަމަ ދުވަހަކީ ކިޔަވާ ކުދިންނަށް ވެސް އެތައް ގޮތަކުން ހާއްސަ ދުވަހެކެވެ. އަޒުމުގެ ދުވަހެކެވެ. އާ ޔުނީފޯމާއި އާ ފޮތްތަކާއެކު އުންމީދުގައި ފަށައިގަންނަ އަހަރަށް ކިޔަވާ ކުދިން ކުރާ އުންމީދުތަކަކީ މުޅި އަހަރު ތެރޭގައި އެކުދިންނަށް ލިބޭ ނަތީޖާ އާއި އަހުލާގަށް އެތައް ގޮތަކުން ނުފޫޒު ފޯރުވާ ކަންކަމެވެ. ދިރާސީ އަހަރުގެ ފެށުން ހާއްސަވާ އެންމެ ބޮޑު ސަބަބަކީ ވެސް އެއީ އެވެ.
މިއަހަރުގެ ކިޔެވުން ރާއްޖޭގެ ހުރިހާ ސްކޫލެއްގައި އިއްޔެ ފަށާފައިވާއިރު އާ އަހަރަށް ކުދިން ކަނޑައަޅާފައިވާ އަޒުމް ވަރަށް ވަރުގަދަ އެވެ. ދިރާސީ އާ އަހަރު ފެށުމާ ގުޅިގެން އެކުދިންގެކި އިހުސާސްތައް އެކި ގޮތަށް ހުއްޓަސް ހުރިހާ ކުދިން ވެސް ކުރާ އެއް އުންމީދެއް އެބަ އޮތެވެ. ދިރާސީ އަހަރު ފެށި ދަރިވަރުންނާ ސުވާލު ކޮށްލުމުން ހުރިހާ ކުދިންވެސް ބުނަނީ އެކުދިންގެ އެންމެ ބޮޑު އަޒުމަކީ "މި އަހަރު މޮޅު ނަތީޖާއެއް ހޯދު" މެވެ.
"ވަރަށް އުފާވެރި އިހުސާސެއް ކުރެވެނީ، ގްރޭޑް ފަހަކަށް ބަދަލުވެފަ އާ ރައްޓެހި ކުދިންނާ ދިމާވާތީ ވަރަށް އުފާވޭ. މިއަހަރު އެންމެ ބޭނުންވަނީ މި އަހަރު ޖޫނިއާ ޕްރިފެކްޓުން ހޮވާތީ ޕްރިފެކްޓަކަށްވެ ވަރަށް މޮޅު ކުއްޖަކަށްވެ ގިނަ ޓެސްޓުތަކުން ފާސްވުމަށް،" އަރަބިއްޔާ ސްކޫލުގައި މިއަހަރު ގްރޭޑް ފަހެއްގައި ކިޔަވާ ލޫތު އާދަމް ބުންޏެވެ.
އަހުލާގު ރަނގަޅު ކުއްޖެއްގެ ގޮތުގައިހުރެ ރަނގަޅު ނަތީޖާއަކާއެކު މިއަހަރު ނިންމުމަކީ ވެސް ގިނަކުދިން މި އަހަރަށް ކަނޑައެޅި އަޒުމެކެވެ.
"އަނެއްކާ ވެސް ކިޔެވުމުގެ މާހައުލަށް އާދެވުނީމަ ވަރަށް އުފާވެފަ މިހުރީ. ގްރޭޑް ދިހައެއްގައި ކިޔަވާތީ މިއަހަރު އެންމެ ބޮޑަށް ބޭނުންވަނީ ޓީޗަރުން ކިޔަވައިދޭ އެއްޗިހި ރަނގަޅަށް އަންޑަސްޓޭންޑް ވެގެން މޮޅު ނަތީޖާއެއް ހޯދުން. އަދި ބިހޭވިއާ ވެސް މިދިޔަ އަހަރަށްވުރެ ރަނގަޅު ކުރުން،" މިއަހަރު އިސްކަންދަރު ސްކޫލުގެ ގްރޭޑް ނުވައެއްގައި ކިޔަވާ އިބްރާހިމް ތާމިރް ގެ އުންމީދު ވެސް ބޮޑެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން ފެށިގެން ކުރިއަށްދާއިރު، ކުދިން އިއްޔެ ސްކޫލްތަކަށް ދިއުމުން ޓީޗަރުން ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ. އަދި އަލަށް ފަށައިގަންނަ އަހަރަށް ކުދިން ތައްޔާރު ކުރުމުގެ ގޮތުން އެސެމްބްލީ ބާއްވައި ކުދިންނަށް ގިނަ ނަސޭހަތް ދީފަ އެވެ.
މިއަދު ރާއްޖޭގެ ދުއިސައްތަ އަށްވުރެ ގިނަ ސްކޫލްތަކަށް 80000 އަށްވުރެ ގިނަ ކުދިން ކިޔަވަންދާނެ އެވެ. އެ ހުރިހާ ކުދިންނަށް ވެސް ކާމިޔާބީއަށް އެދެވެ އެވެ.