ފިނިޕޭޖް

"ވޯކިން ޑެޑް" ގެ ނުވަވަނަ ސީޒަނަށް ދިރުން!

ޒޮމްބީ އެޕްކޮލިޕްސްއެއް މުޅި ދުނިޔެއާ ކުރިމަތިވިވެ، އެ ރޯގާއިން ސަލާމަތްވި މަދު ބަޔަކު އެ މީހުން ދިރި ތިބުމަށް ކުރާ ހަނގުރާމައިގެ މައްޗަށް ހުށަހަޅައިދޭ މި ސީރީޒް ނިމޭން އަދި ގާތް ވެސް ނުވެ އެވެ.

ޒޮމްބީންގެ ރަހުމު ކުޑަ އަމަލުތަކާއި އެކަމުން ދުނިޔެއަށް ކުރިމަތިވާ ހަނަފަސްކަމުން އެންމެންގެ ސަމާލުކަން ދަމައިގަނެގެން ކާމިޔާބު އަށް ސީޒަނެއް ދައްކާފައިވާ މި ސީރީޒްގެ ނުވަ ވަނަ ސީޒަނެއް ވެސް މިހާރު ވަނީ ދައްކަން ނިންމައިފަ އެވެ. އެކަމަކު އަދި ދުވަސްގަނޑަކަށް އިންތިޒާރު ކޮށްލަން ޖެހޭނެ އެވެ. މި ސީރީޒްގެ ނުވަ ވަނަ ސީޒަން އޮތީ މި އަހަރުގެ ފަހުކޮޅު އެވެ.

އާ ބައިތައް ބަލައިލަން އަދި މަޑުކޮށްލަން ޖެހުނު ނަމަވެސް މިފަހަރުގެ ސީޒަނާ ގުޅޭ އެންމެ ބޮޑު ހަބަރަކަށް މި އޮތީ، 2011 ވަނަ އަހަރުން ފެށިގެން "ވޯކިން ޑެޑް" ގެ ލިޔުންތެރިޔާގެ ގޮތުގައި ހުރި އެންޖެލާ ކަން އެ ސީރީޒްގެ ޝޯ ރަނާ ނޫނީ މުޅި ސީރީޒް އުފެއްދުމުގެ ކަންކަމާ ހަވާލުވުމެވެ. ދެން މި ސީރީޒްއިން ފެންނާނީ އޭނާގެ ސިކުނޑީގައި ހުރި މޮޅު ކަމަކާއި ހިޔާލަކާއި ފަންނުވެރި ކަމެކެވެ.

އޭގެ އިތުރުން 2013 ވަނަ އަހަރުން ފެށިގެން އެ ސީރީޒްގެ ކޯ އެގްޒެކެޓިވް ޕްރޮޑިއުސަރެއްގެ ގޮތުގައިހުރި ސްކޮޓް ގިމްޕަލް ވަނީ ޗީޕް ކޮންޓެންޓް އޮފިސާއަށް ބަދަލުކޮށްފަ އެވެ. މި ބަދަލުތަކާއެކު ސީރީޒްއަށް އިތުރު ފުރިހަމަ ކަމެއް ލިބިގެންދާނެ ކަމަށް ގަބޫލު ކުރެވެ އެވެ.

ވަކި ތާރީހެއް އަދި އިއުލާނުކޮށްފައި ނެތަސް ނުވަ ވަނަ ސީޒަން މިއަހަރު ފަހުކޮޅު ބެލުންތެރިންނާއި ހަމައަށް އަންނާނެ ކަމަށް އެ ނެޓްވޯކުން ބުނެ އެވެ. މިހާރު ދައްކަމުން އަންނަ މި ސީރީޒްގެ އަށް ވަނަ ސީޒަންގެ ނުނިމި ހުރި އެޕިސޯޑްތައް އަންނަ މަހުގެ 25 އިން ފެށިގެން ދައްކަން ފަށާނެ އެވެ.