ހަބަރު

ޕީޕީއެމްތެރެ ވަނީ "ކޮކްޓެއިލް"އަކަށްވުރެ ގޯސްވެފަ: އަލީ ހުސެއިން

ޕީޕީއެމް އެތެރޭގައިވެސް ތަފާތު ހިޔާލުތަކުގެ މީިހުން އުޅޭ ކަމަށާއި އެޕާޓީގެ އެތެރެ ވަނީ "ކޮކްޓެއިލް" އަކަށް ވުރެވެސް ގޯސްވެފައި ކަމަށް ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މ. ކުނޫޒުގައި ބޭއްވި ޕްރެސްގައި އަލީ ހުސެއިން ވިދާޅުވީ، ޕީޕީއެމްގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ފެކްޝަންގައިވެސް ހިޔާލު ތަފާތުވުން ވަރަށް ބޮޑު ކަމަށާއި އެއީވެސް ހަމަ ކޮކްޓެއިލް ގަނޑަކަށްވުރެވެސް ގޯސްވެފައިވާ ތަނެއް ކަމަށެވެ. އަދި ވިދާޅުވީ، އެތަނުގައި މަސައްކަތް ކުރާ ހުރިހާ ބޭފުޅުންގެ ހިޔާލު އެއްގޮތް ނޫން ކަމަށާއި އެޕާޓީ ތެރޭގައިވެސް ތިން ފެކްޝަނަކަށް ބެހިފައިވާ ކަމަށެވެ.

އަލީ ހުސެއިން މިގޮތަށް ވިދާޅުވީ، އިދިކޮޅު ފަރާތްތަކަކީ އެކި ހިޔާލުތަކުން މަސްހުނިވެފައިވާ "ކޮކްޓެއިލް" އެއް ކަމަށް ރައީސް ޔާމީން މީގެ ކުރިން ވިދާޅުވި އެއްޗައްކަށް ރައްދު ދެއްވަމުންނެވެ.

އަލީ ހުސެއިން ވިދާޅުވީ، ވިސްނުމާއި ހިޔާލަކީ އަބަދުވެސް ބަދަލުވަމުންދާ އެއްޗެއް ކަމަށާއި ނަމަވެސް އިދިކޮޅު ފަރާތްތަކުގެ އެއް ވިސްނުންތަކެއްވާ ކަމަށެވެ. އެއީ ސަރުކާރު ހިންގަން ތިބި ފަރާތްތަކުން ވައްކަން ކޮށްގެން ނުވާނެ ކަމަށާއި ކޮރަޕްޝަން މިގައުމުން ނައްތާލަން ޖެހޭނެ ކަމަށާއި މި ގައުމުގައި އަދުލު އިންސާފު ގާއިމް ކުރެވެން ޖެހޭނެ ކަމަށެވެ. މި ކަންކަމަކީ އެއްވެސް ހިޔާލު ތަފާތުވުމެއްނެތި އެއްބަސްވެވޭ ކަންކަން ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ.

"މައުލޫމާތު ލިބޭ ގޮތުގައި ރައީސް ޔާމީން ފެކްޝަނުގެ އެތެރޭގައިވެސް ތިން ފެކްޝަން އޮވޭ، އެ ފެކްޝަން ދަނީ ކޮން ދިމާލަކަށް ކަމެއް ނުވަތަ ކުރަން ބޭނުންވަނީ ކޮން ކަމެއް ކަމެއްވެސް ނޭންގޭ ހާލަތުގައި އޮތް ތަނެއް،" އަލީ ހުސެއިން ވިދާޅުވި އެވެ.

އިދިކޮޅުގެ މަސައްކަތްތަކަށް އަލި އަޅުވާލައި އަލީ ހުސެއިން ވިދާޅުވީ، އިދިކޮޅު ސިޔާސީ ޕާޓީތަކުގެ އަމާޒު ހިފާފައި ހުރީ އެއް ކެނޑިޑޭޓަކު ނެރެގެން އެއްބައިވަންތަ ކަމުގެ ސަރުކާރެއް އެކުލަވާލުމަށް ކަމަށާއި މިކުރާ މަސައްކަތުގައި ކާމިޔާބު ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި ވިދާޅުވީ، އެއްބަސްވުންތައް ނިމި ނެރޭ ކެނޑިޑޭޓެއްގެ ފަހަތުގައި ހުރިހާ ޕާޓީތައް ވެސް ހިމެނޭނެ ކަމަށާއި ވަކި ކެނޑިޑޭޓަކު ނެރުމުން އެއްވެސް ޕާޓީއެއް ކޯލިޝަނުން ވަކިވެގެން ނުދާނެ ކަމަށެވެ.

"އެއްބަސްވުންތައް ނިމި ނެރޭ ކެނޑިޑޭޓެއްގެ ފަހަތުގައި ހަމަ ހުރިހާ ޕާޓީތައް ވެސް ހިމެނޭނެ، ވަކިވެގެން ނުދާނެ، އިސްލާހަށް ލޯބި ކުރާ އަދި މިހާރު އޮތް ސަރުކާރު ބަދަލުކުރަން ބެނުންވާ ހުރިހާ ފަރާތްތައް ގުޅޭނެ،"

އަލީ ހުސެއިން ވިދާޅުވީ، އެއް ކެނޑިޑޭޓެއް ނެރުމުގެ މަސައްކަތްތައް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށާއި އިދިކޮޅު ފަރާތްތައް ގުޅިގެން އެއްބައިވަންތަ ކަމުގެ ސަރުކާރެއް މިއަހަރު ގެންނާނެ ކަމަށެވެ. އަދި އެއްބައިވަންތަ ސަރުކާރާއެކު އަންނަ އަހަރު މަޖިލީހުގެ ކަންކަން ކުރިއަށް ގެންދާނެ ގޮތުގެ މަޝްވަރާތައް ވެސް މިހާރު ކުރެވެމުންދާ ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ.