ރިޕޯޓް

ބުލީގެ ނުރައްކަލުން ދަރިވަރުން ސަލާމަތްކޮށްދީ!

ގިނަ ފަހަރަށް ބުލީ ކުރުން ފެށިގެން އަންނަނީ ސްކޫލާ ހަމައިންނެވެ. ސްކޫލަށް ބަރާބަރަށް ދާހިތްވާ ކުއްޖަކު ސްކޫލްމަތިން ފޫހިވެ އަބަދު ކަންނެތްވެފައި ހުންނަން ޖެހުމަކީ އާދައިގެ ކަމެއް ނޫނެވެ. އެކަން ލުއި ގޮތަކަށް ނަގައިގެން ވެސް ނުވާނެ އެވެ. ބުލީއަކީ އޭގެ ޒާތުގައި ބޮޑެތި މީހުންނަށްވުރެ ބޮޑަށް ކުޑަކުދިން ފަސޭހައިން ބަލިކަށިކޮށް، ނަފްސުމަތިން ފޫހި ކުރުވާ ކަމެކެވެ. މިއީ ގިނަ ގައުމުތަކުގައި ހައްލުކުރަން އުނދަގޫ މައްސަލައެއްގެ ގޮތުގައި ބެލެވިފައިވާއިރު އަވަށއޓެރި އިންޑިއާ ފަދަ ގައުމުތަކުގައި ވެސް އޭގެ ސަބަބުން އަމިއްލަޔަށް މަރުވާ ކުދިން އަދަދު ކަނބޮޑުވާ ދަރަޖައަށް އޮވެ އެވެ. މިފަދަ ނުރައްކާތެރި ވަބާއެއް ރާއްޖެ ފަދަ ކުޑަ އާބާދީއެއްގައި އަށަގަތުމަކީ އޭގެ ދެރަ ގައުމު ލިބިގެން ދާނެ ކަމެކެވެ.

ރާއްޖޭގެ ސްކޫލްތަކުގައި ބްލީ ކުރުމުގެ ހާދިސާތަކުގެ ވާހަކަ ދޭތެރެ ދޭތެރޭން ފެންމަތިވެ އެވެ. ނަމަވެސް ގިނަ ފަހަރަށް އެފަދަ ކަމެއް ކުއްޖަކަށް ދިމާވުމުން އެކަން މާބޮޑު ކަމެއްގެ ގޮތުގައި ބަލައިގަނެ އަޅަންޖެހޭ އެންމެ ފުރިހަމަ ފިޔަވަޅު ނުނެގި އެ ވާހަކަ ވަކި ހިސާބަކުން އޮބިގެން ދަނީ އެވެ. އޭގެ ސަބަބުން ބުލީ ކުރާ މީހުންނަށް އަނެއްކާވެސް ފުރުސަތު ލިބެ އެވެ. އަނިޔާ ލިބޭ ކުއްޖާ މާޔޫސްވެ އެކަމަށް އާދަވަނީ އެވެ.

އިއްޔެ އަކީ ދިގު ޗުއްޓީއަކަށްފަހު ރާއްޖޭގެ ސްކޫލްތަކުގެ ކިޔެވުން ފެށި ދުވަހެވެ. ދިރާސީ އާއަހަރުގެ އުފަލުގެ ތެރެއިން ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ދިވެހިންގެ ތެރޭގައި ރޭ އެންމެ ވަރުގަދައަށް އަޑުގަދަކޮށްލީ މިއަދު ސްކޫލަށް ދިޔަ ކުޑަ އަންހެން ކުއްޖަކަށް ކްލާހުގެ ކުދިން ބްލީ ކުރިކަމަށް ބުނެ ބެލެނިވެރިއަކު ފޭސްބުކްގައި ޖަހާލި ޕޯސްޓަކާ ގުޅިގެނެވެ.

ރާއްޖޭގައި ދަރިވަރުންގެ އެންމެ އާބާދީ ބޮޑު އެއް ސްކޫލުގެ ޕްރައިމަރީ ގްރޭޑެއްގައި ކިޔަވަމުންދާ އެ ކުޑަ އަންހެންކުއްޖާއަށް އޭނާގެ ކްލާސް ކުދިން ބްލީ ކޮށްފައިވަނީ ސްކޫލަށް ދިޔައިރު ބޯ ކުރުކޮށް ކޮށާފައި ހުރުމުން ކަމަށް ވެއެވެ.

"އިސްތަށިގަނޑު ކުރުކޮށް ކޮށާފަ ހުރީމަ އަހަރެންގެ ދަރިފުޅު މިއަދު ސްކޫލަށް ދިޔައިމަ ވަނީ ބްލީކޮށްފައި، ސްކޫލްގެ ފުރަތަމަ ދުވަހަށް ދަރިފުޅު ދިޔައީ ދިގު އިންތިޒާރެއް ކުރަމުން. އެކަމަކު މިހާރު ސްކޫލަށް ދާކަށް ބޭނުން ނުވޭ. އިސްތަށިގަނޑު ކުރުކޮށް ކޮށުމަކީ ކުށެއްތަ؟" އެކުއްޖާގެ ބައްފަ ސުވާލު ކޮށްފައިވެ އެވެ.

ބްލީއާ ދެކޮޅަށް އަޑުއުފުލައި އެ ޕޯސްޓް ފޭސްބުކާއި ޓުވިޓާގައި އެތައް ބަޔަކު ޝެއާކޮށް ކޮމެންޓް ކުރަމުން ގެންދާއިރު ކޮމެންޓުކުރާ ހުރިހާ މީހުންވެސް ވަނީ ބުލީ ކުރުމާ ދެކޮޅަށް އަޑު އުފުލާފަ އެވެ. އެ ޕޯސްޓު ވެގެންދިޔައީ ބައެއް ބެލެނިވެރިންނަށް އެމީހުންގެ ދަރިންނަށް ދިމާވެފައިވާ ބުލީކުރުމުގެ ހާދިސާތައް ހިއްސާކުރަން ލިބުނު ފުރުސަތަކަށެވެ.

"އަހަރެންގެ ދަރިފުޅާ ދޭތެރޭ ވެސް މިދިޔަ އަހަރު ހަމަ ތިފަދަ ހާދިސާއެއް ދިމާވި. އެކަން އެހެން ދިމާވީމަ ސްކޫލް ބެލެނިވެރިންގެ ވައިބާ ގްރޫޕްގަ ޝެއާކުރިން، ދަރިފުޅަށް ހިއްވަރުދީ. ބުލީ ކުރުން އޭނަގެ މައްޗަށް ގަދަވިޔަ ނުދޭން މަސައްކަތްކުރުން އެދެން،" އެ ޕޯސްޓަށް ބެލެނިވެރިއަކު ކޮމެންޓުކޮށްފައިވެ އެވެ.

ސްކޫލަށް ދިޔަ ކުއްޖަކު ފުރަތަމަ ދުވަހު ގެއަށް އައިސް ސްކޫލަށް ނުދާންވެގެން ރުއިމަކީ ކަންބޮޑުވާންޖެހޭ މައްސަލަ އެކެވެ. ދަރިވަރަކަށް އެފަދަ ކަމެއް ދިމާވީ ކްލާހުގައި އުޅޭ ކުދިންގެ ސަބަބުން ކަމަށް ވާނަމަ އެއީ ސްކޫލުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިގަނެ ފިޔަވަޅު އަޅަންޖެހޭނެ ކަމެކެވެ. އަދި ބުލީ ކުރުމާ ބެހޭގޮތުން އެ ސްކޫލެއްގެ ކުދިން ހޭލުންތެރިކުރަން މަސައްކަތްކުރަން ވެސް ޖެހޭނެ އެވެ.

ބުލީ ކުރުމަކީ އިޖްތިމާއީ މައްސަލައެކެވެ. އެހެން މީހުން ދަށް ކޮށްލުމާއި އެހެން މީހުންގެ ހުންނަ މިޒާޖާއި އައިބު ކަންތައްތައް ގަބޫލު ކުރަން ކުދިންނަށް ދަސްކޮށް ނުދިނުމުގެ ސަބަބުން ވެސް ބުލީ ކުރުން ފަދަ ސިފަތައް ކުދިންގެ ކިބައިގައި ހަރުލައެވެ. އެކަން ހުއްޓުވަން އެޅިދާނެ އެންމެ މުހިއްމު ފިޔަވަޅަކީ އެކަމަށް އެއްވެސް ބަޔަކަށް ފުރުސަތު ނުދިނުމެވެ. ސްކޫލްތަކުގައި މިކަމުގައި މުދައްރިސުންގެ ޒިންމާ ބޮޑެވެ. ގެއާއި ގެއިން ބޭރުގައި ނަމަ އާއިލާ އިން މިކަމަށް ވިސްނަންޖެހޭނެ އެވެ.